ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ ވީއޭއެމް ކަޕްގެ އަންހެން މުބާރާތުގެ ކުޅުން އިއްޔެ ފަށައިފިއެވެ.

ވީއޭއެމްގެ ކަޕް އަންހެން ޑިވިޝަންގައި މިފަހަރު އަށް ޓީމަކުން ވާދަކުރެއެވެ. ޓީމުތައް ބަހާލާފައި ވަނީ ދެ ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯއާއި އަލްމާ ސްޕޯޓްސް ކްލަބުގެ އިތުރުން ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އަދި އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑެވަލޮޕްމަންޓެވެ.

ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި ގުޑީސް ސްޕޯޓްސް ކްލަބު އަދި އަސްދިގަ ސްޕޯޓްސް ކްލަބެވެ. މިފަހަރުގެ ވީއޭއެމްގެ ކަޕްގެ އަންހެން ޑިވިޝަންގެ ޕްލިމިނަރީ ކޮލިފިކޭޝަން މެޗުތައްވެސް ކުރިއަށް ގެންގޮސްފައި ވަނީ ސްކޯރިން ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ.

އެގޮތުން ފުރަތަމަ ހަތަރު ސެޓު ކުޅެމުންދަނީ 18 ޕޮއިންޓަށެވެ. އަދި ފަސް ސެޓަށް ގޮސް، ޓައި ބްރޭކް ސްޓެއް ކުޅެން ޖެހިއްޖެ ނަމަ އެ ސެޓު ކުޅޭނީ 15 ޕޮއިންޓަށެވެ. އޭގެ އިތުރުން "ސުޕަ ޕޮއިންޓް" ގަވާއިދަށް އިތުރުކޮށްފައިވެއެވެ. އިންޑިއާގެ ޕްރައިމް ވޮލީ ލީގުން ފާހަގަކޮށްލެވުނު ސުޕަ ޕޮއިންޓްގެ އުސޫލަކީ އެއްފަހަރާ ދެ ޕޮއިންޓް ލިބޭ ރެލީއެއް ހިމަނައިގެން ކުޅޭ އުސޫލެކެވެ. ފުރަތަމަ ހަތަރު ސެޓުގައި ސުޕަ ޕޮއިންޓް ނެގޭނީ 11 ނުވަތަ 11 އިން ދަށުގައި ސްކޯ އޮތް ނަމައެވެ. އެ ރެލީއަށް އިޝާރާތް ކުރެވޭނީ ޓީމުގެ ކޯޗަށެވެ. ސުޕަ ޕޮއިންޓް ރެލީއެއްގައި އެ ލިބޭ ދެ ޕޮއިންޓް، އިދިކޮޅަށްވެސް އަދި ސުޕަ ޕޮއިންޓް ނަގާ ޓީމަށްވެސް ލިބުނު ފުރުސަތު އޮންނާނެއެވެ. ފަހު ސެޓުގައިވެސް އެ ޕޮއިންޓް ނެގޭނެ އުސޫލު ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

އެ ބަދަލާއެކު އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި މެންދުރުފަހު 3:00 ގައި ކުޅެން އޮތީ ވެމްކޯއާއި އަލްމާ ސްޕޯޓްސް ކްލަބެވެ. އެ މެޗު ވެމްކޯއަށް ލިބުނީ އަލްމާގެ ކުޅުންތެރިންގެ އައިޑީ ކާޑު ގަޑިއަށް ފޯރުކޮށްދީފައި ނުވާތީ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދީފައިވެއެވެ. އެ މެޗު ސީދާ ތިން ސެޓުން ލިބުނީ ވެމްކޯ އަށެވެ.

އިއްޔެގެ ދެވަނަ މެޗުގައި ގްރޫޕް އޭގައި ދެން ހިމެނޭ އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑެވަލޮޕްމަންޓާއި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބު ވާދަކޮށް، އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑެވަލޮޕްމަންޓުންނެވެ. ސެޓުތައް ގެންދިޔައީ 9-18، 6-18 އަދި 14-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ދަރަނބޫދޫގެ ފަޒްލާ މުހައްމަދެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި ގްރޫޕް ބީގެ ގުޑީސް ސްޕޯޓްސް ކްލަބާއި އަސްދިގަ އެސްސީ ވާދަކޮށް، ގުޑީސް އިން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު ގުޑީސް އިން 18-15 އިން ގެންދިޔައިރު، ދެވަނަ ސެޓު އަސްދިގައިން ގެންދިޔައީ 12-18 އިންނެވެ. އެ ސެޓު އަސްދިގައިން ގެންދިޔަ ނަމަވެސް، ދެން ކުޅުނު ދެސެޓު ވެސް ގުޑީސް އިން ގެންދިޔައީ 18-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގުޑީސްގެ މަރިޔަމް އާމިރެވެ.

ރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ބީގެ ޕޮލިސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ވާދަކުރި މެޗު ފޯރިގަދަކޮށް ނިމިގެންދިޔައީ ފަސް ސެޓަށް ކުޅެގެން 3-2ގެ ނަތީޖާއަކުން ޕޮލިސް މޮޅުވެގެންނެވެ.

އެ މެޗުގައި ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންދިޔައީ 18-10، 18-14 އިންނެވެ. އަނެއް ދެ ސެޓު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އިން ގެންދިޔައީ 16-18 އަދި 12-18 އިންނެވެ. މެޗުގެ ޓައި ބްރޭކް ސެޓު ޕޮލިހުން ގެންދިޔައީ 15-11 އިންނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ އައިމިނަތު ޝަހާ ޝާމިންއެވެ.

ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަންގެ ހަތަރު މެޗެއް މިއަދާއި މިރޭވެސް އޮންނާނެއެވެ. ހަވީރު އޮންނަ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ ވެމްކޯއާއި ހިންމަފުށީ ވިކްޓޯރިއަސް ކްލަބެވެ. ދެން އޮންނަ މެޗުގައި އަލްމާ އިން ދަރަނބޫދުއާ ދެކޮޅަށް ނުކުންނަ އިރު، މިރޭ ފުރަތަމަ މެޗުގައި އިރުއޮސްސި 7:30 ގައި ޕޮލިސް ނުކުންނާނީ ގުޑީސްއާ ދެކޮޅަށެވެ. އޭގެފަހުން އޮންނަ މެޗުގައި އަސްދިގަ އެސްސީ ނުކުންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ދެކޮޅަށެވެ.