ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިނުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މައުރޫފު ވިދާޅުވީ، މި އަހަރުގެ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން ދަށުގައި ހިފަހައްޓަވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު، އެ އަދަދު 2000 އާ ގާތްކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މީހުން އައްޔަން ކުރުމަކީ ގާނޫނުއަސާސީން ރައީސަށް ލިބިދީފައިވާ ބާރަކަށް ވީހިނދު މި ދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތެއްގައި ހިފައި އެ މަނިކުފާނުގެ ވައުދުފުޅާ ހިލާފުވެ ސަރުކާރުން ދަނީ ހައްދެއް ނެތި ސަރުކާރުގެ ކުންފުނިތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް، ބޮޑެތި މުސާރަ އާއެކު މުވައްޒަފުން އައްޔަންކޮށް ސަރުކާރުގެ އިދާރާތަކުގެ އެތަކެއް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަމުން،" މައުރޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަަކަށްވާއިރު، އަދި ވެރިކަންކުރުވުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ގާނޫނުއަސާސީގެ ދަށުން މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބަކަށް ވީއިރު ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސިޔާސީ މަގާމުތަކަށާއި ސަރުކާރު ހިސްސާވާ ކުންފުނިތަކަށް އައްޔަންކޮށްފައިވާ މުވައްޒަފުންގެ އަދަދާއި ހޭދަވާ މުސާރައިގެ އަދަދު ސާފުކޮށްދިނުމަށް މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރުގެ އަރިހުގައި އެދުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަވެސް ބޭރުކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.
"ސިޔާސީ މަގާމުތަކަށް މިހާރުވެސް ދަނީ މީހުން އައްޔަންކުރަމުން، މިގޮތުން ކުރީގެ މަޖިލިސް މެންބަރު ނިހާދު މިދިޔަ ހޮނިހިދު ދުވަހު ވަނީ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައި، މުސާރައަކީ 43،500 ރުފިޔާ، އޭގެ އިތުން ހަރަދުކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެތަކެއް މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކޮށް މި މަހުގެ ހަތަރުވަނަ ދުވަހު މެމޯ ފޮނުވާފައިވާއިރު ހަމަ އެ ދުވަހު ވަނީ ކުންފުނީގެ ހިއުމަން ރިސޯސް މަސައްކަތަކާއި ރިޕެއާ އެންޑް މެއިންޓަނަންސް މަސައްކަތް ތަޖުރިބާކުރަން ކަމަށް ބުނެ 35،000 ރުފިޔާއަށްވުރެ ބޮޑު މުސާާރައިގަ ދެ ކޮންސަލްޓަންޓުން ނަގާއިފަ،" މައުރޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި މި ސަރުކާރުން ހިންގާ ޖަރީމާ އަމާޒުކުރަނީ އާދައިގެ ވަޒީފާ އަދާކުރަމުންދާ ދެރަ ނިކަމެތި އާދައިގެ ރައްޔިތު މީހާއަށް ކަމަށެވެ. ނަމަވެސް ވަޒީފާ އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށް، ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ ހިލާފަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަގެ އާދައިގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ އެތަކެއް މުވައްޒަފުން އެއްވެސް ހަމައެއް، އުސޫލެއް ނެތި، ވަކިކޮށް އެ މީހުންގެ އާއިލާތައް ބިކަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން ހައްދެއް ނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި މުސާރައިގައި މީހުން އައްޔަންކުރުމާއި ސަރުކާރުގެ އިދާރާތަކަށް އައްޔަންކުރަމުންދާ ސިޔާސީ މަގާމުތަކަށް ހުއްޓުމެއް ގެނަސް އާދައިގެ ވަޒީފާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަކިކުރުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް ގޮވާލައި މިހާތަނަށް ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކުގެ ވަޒިފާތައް އިޔާދަކޮށްދިނުމަށް ގޮވާލަން،" މައުރޫފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު