ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ސިކުނޑި ޕެޕް ގާޑިއޯލާގެ ނަޒަރުގައި އެއީ "ފަރަގު ބޮޑުކޮށް، ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރު" އެވެ. ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ ނަޒަރުގައި އެއީ "ޕާފެކްޓް ކޮމްޕިއުޓާ" އެކެވެ. އިދިކޮޅު ކޯޗުންގެ ނަޒަރުގައިވެސް އެއީ ފުޓުބޯޅައިގެ ރޯލްސް-ރޯއީ އެކެވެ. ޔަގީނުންވެސް މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މަގުބޫލުކަމާއި މަޝްހޫރު ކަމަށް ލޯބި ނުކުރި ނަމަވެސް، ރޮޑްރީގޯ ހެނާންޑޭޒް، ރޮޑްރީގެ ކުޅުމަށް ލޯބިކުރާ އެތައް ބަޔަކު އެބަ ތިއްބެވެ.
ދުނިޔޭ ފުޓްބޯޅައިގެ މަންޒަރުގައިވާ ގޮތުން، ފުޓުބޯޅައިގެ މާކެޓިން އިންތިހާއަށް މަތީގައި އޮތް ނަމަވެސް، އެ މާނައިގައި ފުޓްބޯޅަ ކުޅެން ރޮޑްރީގެ ޝައުގުވެރިކަމެއް ނެތެވެ. މެންޗެސްޓާ ސިޓީ އަދި ސްޕެއިންގެ މިޑްފީލްޑަރަކީ ސޯޝަލް މީޑިއާ ބޭނުންކުރާ އެތުލީޓެއް ނޫނެވެ. އެއްވެސް ވަރަކަށް އަމިއްލަ ޕީއާރަށް މަސައްކަތް ކުރުމުގެ ހިޔާލެއް ނެތެވެ. ބެލޮންޑިއޯ ލިބެން އޮތީ އެބީދައިން މަސައްކަތް ކޮށްގެން ކަމަށް އެކުގައި ކުޅޭ ކުޅުންތެރިން ބުނި ނަމަވެސް، ރޮޑްރީގެ ނަޒަރުގައި އެއީ ބޭނުން ކަމެއް ނޫނެވެ. ޕީއާރުގެ ސަބަބުން ނުލިބުނު އެވޯޑެއް އޭނާ ހުރީ ދޫކޮށްލާ ގޮތަށެވެ.
"އަހަރެން ބޯޅަ ކުޅެނީ މަގުބޫލުކަމަށް، އެވޯޑަކަށްވެސް ނޫން. މީހުން ބުނޭ އަހަރެން ގާތުގައި ތަންކޮޅެއް ބޮޑަށް މާކެޓްވާން. މޮރާޓާވެސް ބުނި މާކެޓް ކުރާނަމަ އަހަންނަށް ބެލޮންޑިއޯ ލިބޭނެއޭ. އެހެންވިޔަސް، އަހަންނަށް ފުޓްބޯޅަ ދޭހަވަނީ މުޅިން އެހެން ގޮތަކަށް. އެ އެވޯޑުތައް ލިބޭ ގޮތް އަހަންނަށް އެނގޭ، އެހެންވެ ދެރައެއް ނުވޭ އެވޯޑެއް ނުލިބުނަސް. ކުޅުން ބަލައިނުގަތަނަސް. ލިބިއްޖެއްޔާ ލިބުނު. ނުލިބިގެން މާކެޓް ކޮށްގެން ހޯދާކަށް ނޫޅެން،" އުމުރުން 28 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.
ރޮޑްރީގެ ވިސްނުމަކީ ފުޓްބޯޅަ ދަނޑުމަތީގައި ތަފާތު ވިސްނުމެއްކަން ޓީމު އެހެން ހުރިހާ ކުޅުންތެރިންވެސް ގަބޫލުކުރެއެވެ. ސްޕެއިންގެ ޔޫރޯ ކޭމްޕް ތެރޭގެ ހިޔާލުތަކުގައި ރޮޑްރީއަކީ ލީޑަރެކެވެ.
"ރޮޑްރީ ކުޅޭނީ ރޮޑްރީ ވާހަކަ ދައްކާހެން. އެއީ މަޑުމައިތިރި ކޮންޓްރޯލް އަދި ވަރަށް ސީދާ ސާފު ކުޅުމެއް. އެހެން މީހުންނަށްވެސް ދޭހަވާން ފަސޭހަވާނެ ރޮޑްރީ އާއެކު ކުޅޭއިރު،" ޓީމުގެ ކުޅުންތެރިޔަކު ޔޫއެފާއަށް ބުނެފައިވެއެވެ.
ކުޅުންތެރިންގެ ނަޒަރުގައި ރޮޑްރީގެ އެންމެ މުހިންމު ސިފައަކީ މެޗެއްގެ ކޮންސެޕްޓް އަމިއްލައަށް ނަގައިގަތުމުގެ ގާބިލުކަމެވެ. އެކުގައި ކުޅުނު ކުޅުންތެރިންގެ ނަޒަރުގައި އުމުރުން އެންމެ 12 އަހަރުން ފެށިގެންވެސް ރޮޑްރީ ގޭމް ރީޑް ކުރާ ގޮތް، މެޗު ނަގައިގަންނަ ގޮތް އެހެން ކުޅުންތެރިންނާ ތަފާތެވެ. އަދި ދަސްކުރަން ބޭނުންކުރާ އުކުޅުތައްވެސް ތަފާތެވެ.
ރޮޑްރީގެ ކެރިއަރަށް ގެނައި އެންމެ ބޮޑު ބަދަލަކީ އިނގިރޭސި ފުޓުބޯޅައަށް ހޭނެން ގެނައި ބަދަލެވެ. މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ގާޑިއޯލާގެ މެންޗެސްޓާ ސިޓީން ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު އެއް ހިއްސާ ދާރަކީ ރޮޑްރީއެވެ. ރޮޑްރީ އަނިޔާއެއްގައި ހުރި ނަމަ، ސިޓީއަށް އޮންނަ އިތުބާރު ދަށްވެގެންދާ ސަބަބަކީ އެއީއެވެ. ސިޓީއަށް ބޭނުންތެރި ކުޅުންތެރިޔަކަށް ވުމަށް ސްޕެއިން ފުޓުބޯޅައިގެ ބޭރުން ރޮޑްރީ ކުޅުމަށް ބަދަލު ގެނެސްފައިވެއެވެ.
"އިނގިރޭސި ފުޓުބޯޅައަކީ ވަރަށް ކޮމްޕްލެކްސް އެއްޗެއް. އިނގިރޭސި ފުޓުބޯޅައަކީ އަދި ޕެޕް ގާޑިއޯލާގެ ފުޓުބޯޅައެއްވެސް ނޫން. އެހެންވީމަ އިނގިރޭސި ފުޓުބޯޅަ، ގާޑިއޯލާގެ ޓީމަކަށް ކުޅޭއިރު ވަރަށް ބައިވަރު ޑިމާންޑްތައް ހުންނާނެ. ފިޒިކަލީ ވަރުގަދަވެ، އަވަސްވެ ވާން މަޖުބޫރުވާނެ އިނގިރޭސި ފުޓުބޯޅައިގަ. ޕެޕްގެ ފުޓުބޯޅައަކީ އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ވަރަށް ޓެކްޓިކަލް ފުޓުބޯޅައެއް. އަހަރެން ވިލަރެއާލްގައި ކުޅުނީ އެ ސްޓައިލަަކަށް ދާ ސިމްޕަލް ފުޓުބޯޅައެއް. އެކަމަކު މިޙާރު ލެވެލް ތަފާތު. އެހެންވީމަ އެއީ ޗެލެންޖެއް،" ރޮޑްރީ ބުންޏެވެ،
ސިޓީގެ އެ ރޯލާއި ސްޕެއިންގައި ޕެޑްރީ ކުޅެމުންދާ ރޯލާ ދާދި އެއްގޮތެވެ. ދެޓީމުގައިވެސް އާކިޓެކްޓަކީ އޭނާއެވެ. ޓީމުގެ ފުޓުބޯޅަ "ރިދަމް" ހިފަހައްޓަނީ ރޮޑްރީއެވެ. ޓީމު ޕްރެސް ކުރަންވީމަވެސް، ޓީމު ޑިފެންސްގައި މަޑުކުރުވަންވީމަވެސް ނިންމާނީ ރޮޑްރީއެވެ. އޭނާއަކީ ދެޓީމުގެވެސް ޕިވެޓް ކުޅުންތެރިޔާއެވެ. ޒިންމާ ބޮޑު، ލީޑަރެއްގެ ރޯލެކެވެ.
"އެއީ ވަރަށް މުހިއްމު މަގާމެއް ދަނޑުމަތީގަ. ހާއްސަކޮށް ސިޓީއާއި ސްޕެއިން ކުޅޭ ސިސްޓަމުގައި. އަހަރެން ކުރާ ކަމަކީ ކުޅުމުގެ އަވަސްމިނާއި، ލަސްމިން ކަނޑައަޅަނީ. ރިދަމް ޑައިނަމިސަމް ގެނެސްދޭން ޖެހޭ މީހަކީ އަހަރެން. އަދި ކުޅުންތެރިން ގުޅުވައިދޭ މީހަކީވެސް މި ސިސްޓަމުގައި އަހަރެން. އަހަރެން ބޭނުން މިސްރާބަކަށް މެޗު ގެންދަން ދަސްކުރަން ޖެހޭ. އެއީ ޕިވެޓް ކުޅުންތެރިއެއްގެ ހަގީގީ ރޯލަކީ. އެކްސެލެރޭޓް ކުރަންވީމަވެސް، ބްރޭކް ޖައްސަންވީމަވެސް އެނގޭނީ އެ ކުޅުންތެރިޔަކަށް. އެއީ ޒިންމާ ބޮޑު، ވިސްނަން ޖެހޭ ރޯލެއް،" ޔޫރޯ 2024 ގައި މިހާތަނަށް ސްޕެއިން ކުޅުނު މެޗުތަކުގައި މޮޅަށް ކުޅެފައިވާ ރޮޑްރީ ބުންޏެވެ.
ރޮޑްރީގެ ވިސްނުމުގައި އޭނާގެ ރޯލަށް އެންމެ ބޮޑަށް ފަސޭހަވާ ސަބަބަކީ އަބަދުވެސް އެކުގައި ކުޅެ ފަރިތަވެފައިވާ ކުޅުންތެރިންތަކެއް މިހާރު ސްޕެއިން ސްކޮޑުގައި ތިބުމެވެ. ވަރުބަލިވެ، ހަކަތަ ދަށްވެ، ސަޕޯޓަރުން ފޯރި ނަގަމުންދާ ދަނޑެއްގައި އަނގަބަހުން މުއާސަލާތު ކުރުމަށް އުނދަގޫވެއެވެ. އެހެންވެ، ރޮޑްރީ ބޭނުންކުރާ އުކުޅަކީ "ބޮޑީ ލޭންގުއޭޖް"އެވެ.
"މިހާރު މެޗުތައް ކުޅޭ މާހައުލުގައި، އެހާ އަޑުބާރުކޮށް އޮންނައިރު އަނގަބަހުން އަބަދު ދަނޑުމަތީގައި ވާހަކަ ދެއްކުން އެއީ ވަރަށް އުނދަގޫވާނެ ކަމެއް. ހާއްސަކޮށް ވަރުބަލިވެފައި ހުންނަ ވަގުތު. އެވަގުތު މުހިއްމުވާނީ އަހަރެންގެ ބޮޑީ ލޭންޖުއޭޖުން ކައިރީ ތިބޭ ކުޅުންތެރިންނަށް އަހަރެން ބޭނުންވާ ކަމެއް ދޭހަވުން. މިހާރު ސްކޮޑުގައި މިތިބަ ކުޅުންތެރިންނަށް އެނގޭނެ އަހަރެންގެ ވިސްނުން. އަބަދުވެސް މިޑްފީލްޑް ރޯލަކީ ލީޑާޝިޕާއި ޓެކްނިކަލް ވިސްނުން ބޮޑުވާން ޖެހޭ ރޯލެއް. އެއީ މެދުގައި ހުންނަ ކުޅުންތެރިޔާއަށް ޓީމު އޮގަނައިޒް ކުރެވޭނީ. އެހެންވެ،" ރޮޑްރީ ބުނެފައިވެއެވެ.
ރޮޑްރީގެ ވިސްނުމުގައި ފުޓުބޯޅައަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސީޒަނެއްގައި ކުޅެން ޖެހޭ މެޗުތައް އިންތިހާއަށް އިތުރުވުމެވެ. މި ސީޒަނުގެ މިހާތަނަށް 5،000 މިނެޓްގެ ފުޓުބޯޅަ، ޕްރެޝަރު މެޗުތަކުގައި ރޮޑްރީ ކުޅެފައިވާ އިރު، ރޮޑްރީގެ ނަޒަރުގައި އެކަމަށް ހައްލު ހޯދެން ޖެހެއެވެ. ހާއްސަކޮށް.، ފުޓުބޯޅައިން ނަފާ ހޯދުމަށް ކުޅުންތެރިންގެ ސިއްހީ ހާލަތު ގުރުބާން ކުރާ ކުރުމާ ދެކޮޅަށް ހުރިހާ ކުޅުންތެރިން އަޑު އުފުލަން ޖެހޭ ކަމަށް ރޮޑްރީ ފާހަގަކުރިއެވެ.
ސްޕެއިނާއި ރޮޑްރީއަށް ޔޫރޯ ފައިނަލެއްގެ ހުރަހަކަށް މިވަގުތު އޮތް ޓީމަކީ ފްރާންސެވެ. ރޮޑްރީގެ ނަޒަރުގައި ބޮޑު ޓީމަކާ ކުރިމަތިލާން ޖެހޭނީ އެކަން ދަނެގެން، އެ ވިސްނުމުގައެވެ. ހާއްސަކޮށް ފްރާންސްހެ ފިޒިކަލް ވަރުގަދަކަން އޭނާ ފާހަގަކުރިއެވެ. ރޮޑްރީ ބުނީ ފްރާންސުން މިހާތަނަށް ކުޅެމުން އަންނަނީ އެޓީމުން ބޭނުންވާ ގޮތަށް ކަމަށެވެ. އެ ސްޓައިލް ހުއްޓުވަން އޭނާއަށް ބުރަ މަސައްކަތެއް އޮތް ކަމަށްވެސް ރޮޑްރީ ގަބޫލުކުރެއެވެ،
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް