މި ފަހަކަށް އައިސް ފެނުނު އެންމެ ކާމިޔާބު ގައުމީ ޓީމު، ފްރާންސްގެ ޓެކްޓިކަލް މައުލޫމާތު ލީކުވާތީ އެކަމަށް ހައްލު ހޯދަން ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ހާއްސަ އުސޫލެއް ގެންގުޅޭ ކަމަށް ޓީމުގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ބުނެފިއެވެ.
ފްރާންސުން ތައްޔާރުވަމުން ދަނީ ޔޫރޯ 2024ގެ ސެމީ ފައިނަލުގައި މިރޭ ސްޕެއިނާ ދެކޮޅަށް ނުކުތުމަށެވެ. ފްރާންސްގެ ކޯޗު، ޑިޝޭމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސުން އެންމެފަހުން ނުކުތް ބޮޑު ހަ މުބާރާތުގެ ތެރެއިން ހަތަރު މުބާރާތެއްގެ ސެމީއަށް އެ ޓީމު ގޮސްފައިވެއެވެ. ފްރާންސުގައި މިދިޔަ 10 ވަރަކަށް އަހަރު އޮތް ވަރުގަދަ ސްކޮޑާއެކު އެ ޓީމަކީ އަބަދުވެސް ފެވަރިޓެއްގެ ގޮތުގައި ގުނޭ ޓީމެކެވެ. އެހެން ނަމަވެސް 2000 ވަނަ އަހަރަށްފަހު ފްރާންސަށް އަދި ޔޫރޯއެއް ހޯދިފައެއް ނުވެއެވެ.
ފްރާންސް ހުއްޓުވަން އިދިކޮޅު ޓީމުތަކުން އެކިއެކި ގޮތްގޮތުން ކުރާ މަސައްކަތުގައި، މީގެ ކުރިން އެ ޓީމުގެ ޓެކްޓިކަލް މައުލޫމާތު ކުރީބައިގައި ލީކުވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. އެގޮތުން ބައެއް މުބާރާތްތަކުގެ ތެރެއިން، މެޗު އޮންނަ ދުވަހުގެ ކުރިން ކުޅުންތެރިންނަށް ޓެކްޓިކަލް ބްރީފިން ދިނުމުން، އެ މައުލޫމާތު ކުރިއާލާ މީޑިއާއަށް ތިލަވެފައި އެބަ ހުއްޓެވެ.
އެކަން ހުއްޓުވަން މިހާރު ޑިޝޭމްޕްސް ޓީމަށް ޓެކްޓިކަލް މައުލޫމާތު ކިޔައިދެނީ މެޗަށް ދަމުންނެވެ. ނޫންނަމަ، މެޗަށް ގޮސް ޑްރެސިން ރޫމް ތެރެއިންނެވެ. އެންމެފަހުން ހެމްބާގުގައި ޕޯޗުގަލްއާ ދެކޮޅަށް ފްރާންސުން ކުޅުނު ސެމީ މެޗުގައި ޓެކްޓިކަލް ބްރީފިން ޑިޝޭމްޕްސް ދިނީ ވޮލްކްސްޕާކް ސްޓޭޑިއޮންއަށް ދިޔަ މަގުމަތީގައެވެ.
"އެހެން އެކަން ކުރަނީ ތި މީހުންނަށް (މީޑިއާ)އަށް ކަންކަން ސިއްރުކުރަން. އަހަރެމެންނަށް އެއްވެސް އެއްޗެއް ސިއްރު ކުރާކަށް ނޫން،" ރަބިއޯ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
"އެ މައުލޫމާތު ލީކު ވެއްޖެނަމަ އޭގެ ގެއްލުން ދައްކާ. ކޯޗަކަށް ވަރަށް އުނދަގޫވާނެ އޭނާ މެޗަކަށް ގެންގުޅޭ ސްޓެރެޖީ ފަރިތަ ކުރުންތަކުން، ނޫނީ އެ ނޫން ގޮތަކުންވެސް އެންމެންނަށް އާންމުވެއްޖެއްޔާ. އެހާ ރަނގަޅު ކަމަކަށްވެސް އެކަން ނުވާނެ. އެއީ އަހަރެމެން އެތައް ދުވަހު މަސައްކަތް ކޮށްފައި ހަދާ ޕްލޭނެއް، މީޑިއާއަށް އެނގިގެން އެންމެ ދުވަހެއް އޮއްވައި އިދިކޮޅު ޓީމަށް އެނގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ޑިޝޭމްޕްސް ޓީމަށް ޓެކްޓިކްސް ސިއްރު ކުރާ ސަބަބު ބަޔާން ކޮށްދެމުން ރަބިއޯ ބުންޏެވެ.
ރަބިއޯ ބުނީ ޑިޝޭމްޕްސް ތަފާތު ފޯމޭޝަންތަކަށް ޓެސްޓް ކުރުވާ ކަމަށާއި މީޑިއާއަށް އެކަންކަން ހާމަނުކުރަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި މީގެ ކުރިންވެސް ޓެކްޓިކަލް ޕްލޭން ލީކުވުމުގެ މައްސަލައެއް ފެނިއްޖެއެވެ. އިންގްލެންޑުން ކުއާޓާ ފައިނަލުގައި އެންމެފަހުން ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި 3-4-3 އަށް ފޯމޭޝަން ބަދަލުކުރާނެ ކަމަށް މީޑިއާގައި މާކުރިން ވާހަކަތައް ދެކެވިފައިވާ އިރު، ކޯޗު ސައުތުގޭޓް މެޗަށްފަހު ބުނީ ތިން ދުވަސް ކުރިން ފޯމެޝަނަށް ބަދަލު އަންނާނެކަން ކުޅުންތެރިން ގާތުގައި ބުނި ކަމަށެވެ. ނަމަވެސް މައުލޫމާތު ލީކުވި ގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024