ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އަނިޔާގައި ހުންނައިރުވެސް އެއީ އެހެން ކުޅުންތެރިންގެ 100 ޕަސެންޓް ކަމަށާއި އޭނާއަށް ސަމާލުކަން ކުޑަކޮށްފިނަމަ ލަނޑު ލިބޭނެ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

ފްރާންސާއި ސްޕެއިން ޔޫރޯ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނެއެވެ. ސްޕެއިނުން ޝައުގުވެރި، ގިނަ ގޯލުތަކެއް ޖަހައި ކުޅެމުންދާ އިރު، މިހާތަނަށް އެންމެ ފޯމު ރަނގަޅުކޮށް އޮތް ޓީމަކީވެސް ސްޕެއިނެވެ. އެ ޓީމުން ސެމީ ފައިނަލަށް ނުކުންނަނީ ކުއާޓާ ފައިނަލުގައި ހޯސްޓް ޖަރުމަނު ބަލިކޮށްފައި އޮވެގެންނެވެ. އަނެއްކޮޅުން ނުކުންނަ ފްރާންސުން މި ފަހަރުގެ ސެމީ ފައިނަލާ ހަމައަށް ދިޔައީ އޯޕަން ކުޅުމުގައި ގޯލެއް ނުޖަހައެވެ. އެ ޓީމުން ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާ ކައިރިން މޮޅުވީ ބައިކޮޅަށް ވަން ގޯލަކުންނެވެ.

ޕޮލެންޑް ކައިރިން 1-1 އިން އެއްވަރުވި އިރު، ކިލިއަން އެެމްބާޕޭ އެ މެޗުގައި ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. ގަދަ 16ގައި ބެލްޖިއަމް ކައިރިން 1-0 އިން މޮޅުވީވެސް ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި ކުއާޓާ ފައިނަލްގައި ޕޯޗުގަލް ބަލިކުރީ ގޯލެއް ނުޖެހި އިތުރު ވަގުތަށް ގޮސް، ޕެނަލްޓީ ޖަހައިގެންނެވެ.

އޮސްޓްރިއާއާ ދެކޮޅަށް ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާ އާއެކު އޭނާ މާސްކެއްގައި ކުޅެން ޖެހުމުން އެކަމުގެ އަސަރު ކޮށްފައިވެއެވެ. މިހާތަނަށް މި މުބާރާތުގައި 20 ޝޮޓް އެމްބާޕޭ ހެދި ނަމަވެސް، އޭނާއަށް ގޯލެއް ޖެހުނީ ޕެނަލްޓީއަކުން އެކަންޏެވެ. އެއީ މިދިޔަ ވޯލްޑް ކަޕާ އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. ވޯލްޑް ކަޕްގައި އެމްބާޕޭ ހެދި 39 ޝޮޓުން އޭނާ ވަނީ 12 ގޯލު ޖަހައިފައެވެ.

އެ ހާލަތުގައި އެމްބާޕޭ ހުރި ނަމަވެސް، ސްޕެއިނުން ފަރުވާކުޑަ ނުކުރާނެ ކަމަށް ކޯޗު ޑެ ލަ ފުއެންޓޭ ވަނީ ޕްރީ މެޗު ޕްރެސްގައި ބުނެފައެވެ.

"އެމްބާޕޭ ޕްރިޑިކްޓް ކުރާކަށް ނޭނގޭނެ. އެމްބާޕޭ ދަނޑުމަތީގައި ގެއްލޭނެ އެއްވެސް ވަގުތެއް ނާންނާނެ. އެންމެ ދެ މޫވްއަކުންވެސް ޑިފެންޑަރު ބީޓް ކޮށްލާނެ ކުޅުންތެރިއެއް އެމްބާޕޭއަކީ. އޭނާއަކީ ދަނޑުމަތީގައި ވަރަށް ވިސްނުން ތޫނު، ވަރަށް ނުރައްކާތެރި ކުޅުންތެރިއެއް. އެއީ ސުޕަ ސްޓާރެއް ކަމަށް ވިސްނަން ޖެހޭނެ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭ ބުނީ އެމްބާޕޭ އެންމެ ފިޓް ނޫން ނަމަވެސް އެއީ އެހެން ކުޅުންތެރިންނާ އެއް ލެވެލްއެއް ކަމަށެވެ.

"50 ޕަސެންޓްގައި ހުންނަ އެމްބާޕޭއަކީ އެހެން ކުޅުންތެރިންގެ 100 ޕަސެންޓްގެ ކުޅުންތެރިއެއް. އަހަރެމެން ޖެހޭނެ އެމްބާޕޭ ހިފަހައްޓަން ސަމާލުކަން ދޭން. އަހަރެމެން އެކަން ނުކޮށްފިނަމަ ލަނޑު ލިބޭނެ. އެކަން ކުރެވޭނެ ކުޅުންތެރިން އެބަ ތިބި. އަހަރެން އިތުބާރު ކުރަން ސްޕެއިން ފައިނަލަށް ދާނެ ކަމަށް،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ފްރާންސާ ދެކޮޅަށް މިރޭ ސްޕެއިނުން ނުކުންނާނީ އެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، ޑެނީ ކަވަހާލް ނުލައެވެ. އެއީ އެންމެފަހުން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑުގެ ސަބަބުން ސަސްޕެންޝަނުގައި ހުރުމުންނެވެ. އޭގެ އިތުރުން މެދުތެރެއިން މުހިންމު ކުޅުމެއް ދައްކަމުން އައި ޕެޑްރީއަށް ޖަރުމަނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ މުބާރާތް ނިމިފައެވެ.

ފްރާންސްގެ ޑިފެންސިވް ކުޅުމާމެދު ބައެއް ފާޑުކިޔުންތައްވެސް އެ ޓީމަށް އަމާޒުވެފައިވާ އިރު، ޑެ ލަ ފުއެންޓޭ ބުނީ "ފޫހި އެއްވެސް ފުޓުބޯޅަ ސްޓައިލެއް" އޭނާއަށް ނޯންނާނެ ކަމަށާއި ފްރާންސުން ކުރާ ކަމަކީ މޮޅުވުން ކަމަށްވާނަމަ، އެ ނަތީޖާ ރަނގަޅު ކަމަށެވެ. އެހެންކަމުން ސްޕެއިންގައި ތިބި މޮޅެތި ކުޅުންތެރިން ނަމަވެސް، ސްޕެއިނަށް މަޑުޖެހިލައިގެން ތިބެވެން ނޯންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސްޕެއިނާއި ފްރާންސް ވާދަކުރާ ސެމީގެ ވަރުގަދަ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.