ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިން ވެސް ޖޫރިމަނާކޮށް، ޕާސްޕޯޓް ހިފެހެއްޓުމުގެ ފުރުސަތު ގާނޫނުއިމުގެ ތެރެއިން އިމިގްރޭޝަނަށް ލިބިގެންވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެއްޖެއެވެ.

ޝަމްއާން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" ގެ 30 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ބިދޭސީންނާ އެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވައި ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއް ކަމަށެވެ.

"އަދި އެފަދަ ފަރާތްތަކަށް އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް އެ މީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވޭ،" ޝައްމާން ވިދާޅުވިއެވެ.

އެހެންވެ، އޭނާ އިލްތިމާސް ކުރެއްވީ އިމިގްރޭޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށެވެ.

ޝައްމާން އެފަދަ ޕޯސްޓެއް ކުރައްވާފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަތުލައިގަތުމަށާއި ބިދޭސީން ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ބަންދު ކުރުމާ ދެކޮޅަށް ފުލުހުންނާ ގުޅިގެން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފައިވާ ދަނޑިވަޅެއްގައެވެ.

އެ އޮޕަރޭޝަންގެ ދަށުން ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ވަނީ ވިލާ މާޓު ކައިރީގައި ހިންގާ މާރުކޭޓާއި އަމީނީ މަގުން ޕީއެސްއެމް ކައިރީގައި ހިންގާ ލޯކަލް މާރުކޭޓު މިދިޔަ މަހުގެ 29 ވަނަ ދުވަހު ރެއިޑްކޮށް، އެ ތަނުގައި ތިބި ހުރިހާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެކަމަކު އަނެއްކާވެސް އާ ބިދޭސީންތަކެއް ނެރެގެން އެ ދެ މާރުކޭޓުގެ ގޮޅިތައް ހިންގަން ފެށުމާ އެކު، ރޭ ހިންގި ރެއިޑް އޮޕަރޭޝަންގައި ހަ މީހުން ވަނީ އަތުލައިގެންފައެވެ.

އަދި ވަނީ މަޖީދީ މަގު މާރުކޭޓު ރެއިން ފެށިގެން ވަނީ ބަންދުކޮށްފައެވެ.

އިމިގްރޭޝަނުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ވެސް ހުޅުމާލެގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ޓޭކްއަވޭ ކޮފީގެ ވިޔަފާރި ހިންގާ ބިދޭސީންތަކެއް ވެސް މިދިޔަ ހަފުތާގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.