ޔޫރޯ 2024ގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ކުޅުމަށްފަހު ފުޓުބޯޅަ އިން ރިޓަޔާކުރި ޖަރުމަނުގެ ލެޖެންޑްރީ މިޑްފީލްޑަރު ޓޯނީ ކްރޫސްގެ ޝަރަފުގައި އެޑިޑާސް އިން އެ ކުންފުނީގެ ބޫޓު، އެޑިޕިޔޯ 11 ޕްރޯގެ ނަން ޓީކޭޕްރޯއަށް ބަދަލުކުރަން ނިންމައިފިއެވެ.

ޖަރުމަނުގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރޫސް، މި ފަހަރުގެ ޔޫރޯއަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލަން މާކުރިންވެސް އޮތީ ނިންމައިފައެވެ. އުމުރުން 34 އަހަރުގެ ކްރޫސް މި ސީޒަން ނިންމާލުމަށްފަހު، މިދިޔަ މެއި މަހު އިއުލާން ކުރީ ދެން ފުޓުބޯޅަ ކުޅުމުގައި ކުރިއަށް ދާން ނުވިސްނާ ކަމަށެވެ. ކްރޫސް މި ފަހަރުގެ ކުރިންވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއެވެ. 2021 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، މިހާރުގެ ހެޑް ކޯޗު، ޖޫލިއަން ނާގެލްސްމަންއާ ވާހަކަ ދެއްކުމަށްފަހު އަލުން އެނބުރި ގައުމީ ޓީމަށް ނުކުތީ މާޗު މަހުގައެވެ.

މި ފަހަރުގެ ޔޫރޯގައި ކްރޫސްއަކީ ޖަރުމަނަށް މުހިންމު ކުޅުންތެރިއެކެވެ. އެ ޓީމު ކެޓުމާއެކު އޭނާގެ ފަރާތުން ވަރަށް ބޮޑަށް ހިތްދަތިވެފައިވާ މަންޒަރު ފެނިގެންދިޔައެވެ. 10 ވަރަކަށް އަހަރުގެ ފުޓުބޯޅަ ކެރިއަރުގައި ކްރޫސް، އެޑިޕިޔޯ 11 ޕްރޯ ނޫން ބޫޓެއް ބޭނުންކޮށްފައި ނުވާއިރު، އެޑިޑާސް އިން ވަނީ ސްޕެއިނާ ދެކޮޅަށް ނުކުންނަންވެސް އޭނާއަށް ހާއްސަ ފަރުމާއެއް ތައްޔާރު ކޮށްދީފައެވެ. އެޑިޕިޔޯ 11 ޕްރޯ ކްރޫސަށް ހާއްސްވެފައިވާ އިރު، އޭނާގެ ލެޖަސީ އެންމެ ބޮޑަށް ރަމްޒުކޮށްދިން އެެއްޗަކީވެސް އެކިއެކި މެޗުތަކުގައި ބޭނުންކުރި އެޑިޕިޔޯ 11 ޕްރޯ ބޫޓުތަކެވެ.

ކްރޫސް ރިޓަޔާ ކުރުމާއެކު އެޑިޑާސް އިން ބުނީ އެޑިޕިޔޯ 11 ޕްރޯއަށް ފުރަތަމަ ނަޒަރުންވެސް ކްރޫސް ލޯބި ދިން ކަމަށާއި އެންމެފަހު ބޯޅަ ޖަހަންދެން އެ ބޫޓަކީ 'ކްރޫސްގެ ސޯލްމޭޓް' ކަމަށެވެ. އަދި ކްރޫސްގެ ޝަރަފުގައި ބޫޓުގެ ނަން ޓީކޭޕްރޯއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. ޓީކޭގެ ރަމްޒަކީ ޓޯނީ ކްރޫސްއެވެ.

ކްރޫސްގެ ކެރިއަރު ފެށީ އުމުރުން 17 އަހަރު ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. އެއީ 2007 ވަނަ އަހަރުއެވެ. ފުރަތަމަ ތިން ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބު ކުރި ކްރޫސް، 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގުވެސް ބަޔާނާއެކު ކާމިޔާބު ކުރިއެވެ. ކްރޫސް، 10 އަހަރުގެ ކެރިއަރު ނިންމާލައި ރިޓަޔާކުރީ ރެއާލް މެޑްރިޑްގައި ހުރެފައެވެ.

ބަޔާނަށްފަހު ރެއާލް މެޑްރިޑަށް ގޮސް ކްރޫސް، އެ ކްލަބާއެކު ވަނީ ހަތަރު ފަހަރަށް ލީގު އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. ކްރޫސް ރިޓަޔާ ވެގެންދާނީވެސް ދުނިޔޭގައި ހުރި އެންމެ ކުޅަދާނެ، އެންމެ މޮޅު އެއް މިޑްފީލްޑަރުގެ ގޮތުގައެވެ.