ޔޫރޯ 2024ގައި މިހާތަނަށް ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިފައިނުވާތީ އެކަމަށް ބައެއް މީޑިއާތަކުން ފާޑުކިޔުމުން، ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ރައްދު ދީފިއެވެ.
ފްރާންސުން މިފަހަރުގެ ޔޫރޯ ސެމީ ފައިނަލާ ހަމައަށް ގޮސްފައިވަނީ އޯޕަން ޕްލޭގައި ގޯލެއް ކާމިޔާބު ނުކޮށެވެ. ފްރާންސުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ކެޕްޓަން އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސް އަނިޔާވެފައިވާ އިރު، އޭނާ މިހާރު ކުޅެމުންދަނީ މާސްކެއްގައެވެ.
އެމްބާޕޭއަށް މާސްކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާ ކަމަށް ބުނެފައިވާ އިރު، މިހާތަނަށް އޭނާއަށް ޖެހުނީ އެންމެ ގޯލެކެވެ. އެއީ ޕޮލެންޑް ކައިރިން ލިބުނު ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ. ފްރާންސުން ގަދަ 16 ގައި ބެލްޖިއަމް ބަލިކުރީ ބައިކޮޅަށް ޖެހި ގޯލަކުންނެވެ. އަދި ޕޯޗުގަލް ކައިރިން ކުއާޓާ ފައިނަލުގައި މޮޅުވީ ޕެނަލްޓީއަށް ގޮސްގެންނެވެ. އެ މެޗުގެ އިތުރު ވަގުތުގައި އެމްބާޕޭ ބާލާފައިވެއެވެ. އެއީ ނޭފަތަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުމާވެސް ގުޅިގެންނެވެ.
އެމްބާޕޭގެ ކުޅުމަށް މީޑިއާތަކުން ފާޑުކިޔުން އަމާޒުކޮށްފައިވުމުން، ފްރާންސްގެ ކޯޗު ޑިޝޭމްޕްސް ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ވެފައެވެ. އޭނާ ފްރާންސް ޓީވީއަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ދިފާއުކޮށްފައިވެއެވެ.
"އެމްބާޕޭ މިހާތަނަށް ގައުމީ ޓީމާއެކު ހޯދާފައިވާ ތާރީހީ ކާމިޔާބީތައް ނުފުދެނީތަ؟ އެ ހުރިހާ ކާމިޔާބީއަކާ އެކުވެސް އަދިވެސް އެ ހުރީ ފްރާންސާއެކު އެތައް ގޮތަކުން ކާމިޔާބު ހޯދަން ނުކުމެ. އެމްބާޕޭ ދަނޑު މައްޗަށް ނެރުމަށް މެޑިކަލް ސްޓާފުން އެކުވެ ކުރެވުނު ހުރިހާ ކަމެއް ކުރިން. އަދި އެންމެފަހުން މެޗަށް ނުކުތީ ބުރަކަށްޓަށްވެސް އަނިޔާވެފައި ހުރެގެން. އެހެންވީމަ އެމްބާޕޭ މެޗުތަކަށް ނުކުންނަ ނުކުތުން ބަލައިގަންނަންޖެހޭ،" ޑިޝޭމްޕްސް ބުންޏެވެ.
ޑިޝޭމްޕްސް އިތުރަށް ބުނީ އެމްބާޕޭ 100 ޕަސެންޓް ފިޓް ނޫން ނަމަވެސް، އޭނާ ދަނޑުމަތީގައި ހުންނައިރު އިދިކޮޅު ޓީމުތަކަށް ޓެކްޓިކަލް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އެއީ އެމްބާޕޭ ހުއްޓުވަން އިދިކޮޅު ޓީމުތަކަށް ސަމާލުކަން ދޭންޖެހޭތީ ކަމަށްވެސް ޑިޝޭމްޕްސް ބުންޏެވެ.
ޑިޝޭމްޕްސްގެ އެ ވާހަކައަށް ޓީމުގެ ކުޅުންތެރިން ކަމަށްވާ ޔޫސުފް ފޮފާނާއާއި ރަންޑަލް ކޯލޯ މުއާނީ ފަދަ ކުޅުންތެރިންވެސް ވަނީ ތާއީދުކޮށްފައެވެ. ސްޕެއިނާއި ފްރާންސްގެ ވާދަވެރި ސެމީ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024