ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ފޯރިގަދަކޮށް އޮލިމްޕިކް ޑޭ ފާހަގަކޮށްފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިސްނަގައިގެން އިއްޔެ އޮލިމްޕިކްސް ޑޭ ފާހަގަކޮށްފައި ވަނީ މާލޭގެ އިތުރުން ތ. ގުރައިދޫ، ހދ. ކުޅުދުއްފުށި އަދި ޅ. ނައިފަރުގައެވެ. މާލޭގެ އިވެންޓްތައް އިއްޔެ ހެދުނު ކުރިއަށް ގެންގޮސްފައިވާ އިރު، ހާއްސަ ދުވުމެއްގެ އިތުރުން ހާއްސަ މަޖާ ކުޅިވަރު އިވެންޓްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިއްޔެ ހެނދުނު އާޓިފިޝަލް ބީޗުން ފެށިގެން 1.2 ކިލޯމީޓަރު ދުވުމެއް، ގަލޮޅު ދަނޑަށް ނިންމާ ގޮތަށް ކުރިއަށް ގެންގޮސްފައިވާ އިރު، ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި ވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. އެގޮތުން ދަނޑުގައި އިއްޔެ ވަނީ ހާއްސަ ޒުމްބާ ސެޝަނަކާއި ކަސްރަތުގެ އިވެންޓްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މާލޭގައި ބޭއްވި އިވެންޓްތަކުގައި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި)ގެ އިތުރުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަހްމަދު ސައީދުވެސް ބައިވެރިވެލެއްވިއެވެ. އޭގެ އިތުރުން އެކިއެކި އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ރާއްޖޭގެ ކުޅިވަރު އަތުލީޓުންނާއި ގިނަ އަދަދެއްގެ ކުޑަ ކުދިންވެސް އިއްޔެގެ އިވެންޓްތަކުގައި ބައިވެރިވިއެވެ.

ގައުމީ ދަނޑުގައި ބޭއްވި އިވެންޓްގައި އެމްއޯސީގެ ރައީސް ސައްތާރުގެ ވާހަކަފުޅުގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސް ތޯމަސް ބަކްގެ މެސެޖެއް ހުރިހާ އެތުލީޓުންނަށް ހިއްސާކޮށްދެއްވިއެވެ.

ރަށްރަށުގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރުއެވެ. އެ ރަށްރަށުގައިވެސް ފޯރިގަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދުނިޔޭގެ އޮލިމްޕިކް ޑޭއަކީ ޖޫން 23 އެވެ. ރާއްޖޭގައި ދުވަސް ފާހަގަކުރުން ފަސްކޮށްލާފައި ވަނީ ގިނަ ބަޔަކަށް ބައިވެރިވެވޭނެ ދުވަހަކަށް ކަންކަން ރާވާ އިންތިޒާމު ކުރުމަށެވެ.