ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު މެޗުގައި ތުރުކީ ބަލިކޮށް، ނެދަލޭންޑްސްއިން ސެމީ ފައިނަލްގެ ފަހު ޖާގަ ޔަގީންކޮށްފިއެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ނެދަލޭންޑްސްއިން ފަހަތުން އަރައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ 2004 ވަނަ އަހަރަށްފަހު އެޓީމުން ޔޫރޯ ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ. އެހެންކަމުން އެޓީމުން މިފަހަރު މި ނިންމާލީ 20 އަހަރުގެ އިންތިޒާރެކެވެ.
ތުރުކީއަށް މިރޭގެ ކުއާޓާ ފައިނަލަކީ 2008 ވަނަ އަހަރަށްފަހު ކުޅުނު ފުރަތަމަ ޔޫރޯ ކުއާޓާ ފައިނަލެވެ. މީގެ ކުރިން އެޓީމުން ޔޫރޯގެ ކުއާޓާ ކުޅެފައިވަނީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގައެވެ. އޭގެ ތެރެއިން 2008 ވަނަ އަހަރު އެޓީމުން ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. އަނެއްކޮޅުން ނުކުތް ނެދަލޭންޑްސްއިން މިފަހަރުގެ ކުއާޓާ ފައިނަލް ޔަގީން ކުރީ 16 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. 2008 ވަނަ އަހަރުގެ ޔޫރޯއަށްފަހު މިއީ ނެދަލޭންޑްސް މުބަރާތުގެ ކުއާޓާއަށް ދިޔަ ފުރަތަމަ ފަހަރެވެ. އެޓީމުން މިފަހަރުގެ ކުއާޓާ ޔަގީންކުރީ ގަދަ 16 ގެ މެޗުގައި ރުމޭނިއާ 3-0 އިން ބަލިކޮށްގެންނެވެ. ނެދަލޭންޑްސްއިން މަސައްކަތް ކުރަމުން ދަނީ 1988 ވަނަ އަހަރަށްފަހު ޔޫރޯ ހޯދުމަށެވެ.
މެޗަށް ނުކުތް އިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތް އެއްކަމަކީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރަލްގެ ސަސްޕެންޝަނުގެ މައްސަލައަށެވެ. ޑެމިރަލް ސަސްޕެންޑުކުރަން ޔޫއެފާ އިން ނިންމީ އޮސްޓްރިއާ މެޗުގައި ގޯލު ޖެހުމަށްފަހު، އަތުގެ އިޝާރާތުން "ވުލްފް ސެލިއުޓް" ގެ ނަމުން މަޝްހޫރުވެފައިވާ އިޝާރާތެއް ދެއްކުމުންނެވެ. އެއީ ތުރުކީގެ ފާ-ރައިޓް ނޭޝަނަލް މޫމަންޓް ޕާޓީއާ ގުޅުންހުރި ހާއްސަ އިޝާރާތެއް ކަމަށް ޔޫއެފާއިން ބުންޏެވެ. އެ މައްސަލައިގައި ޔޫއެފާ އިން އޭނާ ސަސްޕެންޑުކުރީ ދެ މެޗަށެވެ. އެ ސަސްޕެންޝަނަށް ތުރުކީ ސަރުކާރުގެ އިތުރު ކޯޗު ވިންސެންޒޯ މޮންޓޭލާ ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
މުހިއްމު ޑިފެންޑަރު ނުލައި ތާރީހީ ދެވަނަ ސެމީ ފައިނަލަކަށް ދާން ނުކުތް ތުރުކީން ފުރަތަމަ ކޮޅުގައި ހަމަލާ އުފެއްދިއެވެ. 21 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ހަކާން ޗަލަނޯގްލޫ ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.
ތުރުކީން ނެދަލޭންޑްސްގެ ވަރުގަދަ އެޓޭކް ހިފަހައްޓަމުން އެޓޭކް ކުރުމުގައި ކުރަމުން އައި މަސައްކަތް، 35 ވަނަ މިނެޓުގައި ކާމިޔާބުވެސް ކުރިއެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން އަރްދާ ގުލާ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ތުރުކީއަށް ގޯލު ކާމިޔާބުކޮށްދިނީ ސެމެޓް އަކައިޑިންއެވެ. ގުލާގެ ބަލިފައިން ނެގި ހުރަސް ވަރަށް ޗާލެވެ.
ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް އިތުރު ހަމަލާއެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފުގައި ނެދަލޭންޑްސްއިން ކުޅުމުގެ އޮއިވަރު ބަދަލުކޮށްލިއެވެ.
ހާފުގެ ކުރީކޮޅުގައިވެސް ނެދަލޭންޑްސްއިން ވަރުގަދައަށް ކުޅެ، ތުރުކީއަށް ޕްރެޝަރު ކޮށްލިއެވެ. އެޓީމުގެ އެޓޭކް ފެނުނީ އާ ދިރުމެއްގައެވެ. ހާފުގެ ކުރީކޮޅުގައި ޒަވީ ސިމޮންސް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ވޯޓް ވެގޯސްޓް ބޮލުން ޖައްސާލުމުން ހުރަސް ވެގެންދިޔައީ ގޯލު ކުރިމަތިންނެވެ. މުޅިން ހުސްކޮށް ބޯޅައަށް އެރި މެމްފިސް ޑިޕާއީގެ ފައިގައި ލައްވައެއް ނުލިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ކޯޑީ ގަކްޕޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ވެގޯސްޓަށް ލިބުމުގެ ކުރިން ބޮލުން ޖައްސާ ބޭރުކޮށްލީ އަކޭޑިންނެވެ.
ނެދަލޭންޑްސްގެ އެ ނުރައްކަލުގެ ތެރެއިންވެސް ތުރުކީގެ ކޮލިޓީ މަދުމަދުން ފެނުނެވެ. އެގޮތުން 56 ވަނަ މިނެޓުގައި ގުލާ ފޮނުވާލި ބާރު ހިލޭ ޖެހުން ބޭރަށް ދިޔައީ ދަނޑީގައި ޖެހިލައިފައެވެ.
އޭގެފަހުންވެސް އަނެއްކާ ނެދަލޭންޑްސްއިން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ވެގޯސްޓަށް ލިބުނު ހުސް ފުރުސަތެއް އޭނާ އަތުން ބޭކާރުވެގެން ދިޔަ އިރު، މެޗުގެ 71 ވަނަ މިނެޓުގައި ނެދަލޭންޑްސް އެއްވަރުކުރިއެވެ. މެމްފިސް ޑިޕާއީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސްޓެފަން ޑި ވްރައިއެވެ. ކޯނަރެއްގައި ތަނަވަސްކުރި އެ ފުރުސަތުން ޖެހި ގޯލާއެކު، ނެދަލޭންޑްސްއަށް އުންމީދު އާވެ، ދިރުން ލިބުނެވެ.
އެ ގޯލަށް އެންމެ ހަތަރު މިނެޓު ހިނގިތަނާ ނެދަލޭންޑްސްއިން ދެވަނަ ގޯލެއް ޖަހައި ނަތީޖާ އަނބުރާލިއެވެ. އެ ގޯލަކީ ތުރުކީގެ މާޓް މުލްދޫރް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބައިކޮޅަށް އެ ގޯލު ވަދެފައިވަނީ ޑެންޒެލް ޑަމްފްރީސް ކަނޑާލި ބޯޅައަށް މަސައްކަތްކުރަމުންދިޔަ ކޯޑީ ގަކްޕޯއަށް ހުރަސް އެޅުމުގެ ތެރޭގައި މުލްދޫރް އަތުން ވަން ގޯލެކެވެ.
ނެދަލޭންޑްސްއިން އަވަސް އަވަސްކޮށް ޖެހި ގޯލުތަކުން ތުރުކީއަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް، އެޓީމުން ވަނީ ހިތްވަރު ކޮށްފައެވެ. ހާއްސަކޮށް ފަހުކޮޅުގައި ނުރައްކާވެސް ކުރިއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން މެހްމެތު ޒެކީ ޗެލިކް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ މިކީ ވެން ޑެ ވެން ބްލޮކް ކުރީ ހުޝިޔާރު ކަމާއެކުގައެވެ.
އަދި މެޗު ނިމެން މިނެޓަކަށް ވެފައި އޮއްވައި، ފެރްދީ ކަޑިއޯލޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ސެމީހް ކިލިޗްސޯއީ ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މުހިއްމު ސޭވަކާއެކު އޭނާ ނެދަލޭންޑްސް ސަލާމަތްކޮށްދީ ތުރުކީ ކަޓުވާލިއެވެ.
މެޗު ނިމެންދަނިކޮށް، ރެފްރީ ވަނީ ބެންޗުގައި އިން ތުރުކީގެ ބޭޓުގް ޔިލްޑިރިމްއަށް ރަތް ކާޑު ދައްކައިފައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024