ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު މެޗުގައި ޕެނަލްޓީގައި ސްވިޒަލޭންޑް ބަލިކޮށް، އިންގްލެންޑުން ސެމީ ފައިނަަލަށް ދަތުރު ކޮށްފިއެވެ.

ޑުސެލްޑޯފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އިންގްލެންޑް މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.

އިންގްލެންޑުން މިރޭގެ މެޗަށް ނުކުތީ ގަދަ 16 ގައި އިތުރު ވަގުތަށް ގޮސް، ސްލޮވޭކިއާ ބަލިކޮށްގެންނެވެ. އެ މެޗުގައި އިންގްލެންޑް ކޮޅަށް ފުރަތަމަ ގޯލު ޖެހީ ސްލޮވޭކިއާއެވެ. މެޗުގައި ސްލޮވޭކިއާ ކޮޅަށް ގޯލު ޖަހައި އިންގްލެންޑުން އެއްވަރުކުރީ ފުރިހަމަ ވަގުތުގެ ފަހު ސިކުންތުގައެވެ. އިންގްލެންޑުން މެޗުން މޮޅުވީ އިތުރު ވަގުތު ކުރީކޮޅުގައި ގޯލު ޖަހައިގެންނެވެ. ސްވިޒަލޭންޑުން މިރޭގެ މެޗަށް ނުކުތީ ގަދަ 16 ގައި އެންމެފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށްފައެވެ. އެ މެޗުގައި ސްވިޒަލޭންޑުން ވަނީ ރަނގަޅަށް ޑޮމިނޭޓްކޮށް، މޮޅަށް ކުޅެފައެވެ.

މިފަހަރުގެ މުބާރާތުގެ ފޯމު ރަނގަޅުކޮށް އޮތީ ސްވިޒަލޭންޑް ނަމަވެސް، ތާރީހު އޮތީ އިންގްލެންޑް އަތުގައެވެ. ސްވިޒަލޭންޑްގެ ފުޓުބޯޅަ ތާރީހުގައިވެސް ބޮޑު މުބާރާތެއްގައި ސެމީ ފައިނަލަށް ގޮސްފައި ނުވާ އިރު، މިހާތަނަށް ބޮޑު މުބާރާތްތަކުގައި ސްވިޒަލޭންޑަށް އިންގްލެންޑް ބަލިކުރެވިފައެއްވެސް ނުވެއެވެ. ސްވިޒަލޭންޑަށް އެންމެފަހުން އިންގްލެންޑް ބަލިކުރެވިފައި ވަނީ 1981 ގައެވެ. މިރޭގެ ކުރިން ދެ ގައުމުން ޔޫރޯގައި ކުޅެފައި އޮތް ދެމެޗުންވެސް އިންގްލެންޑް މޮޅުވެފައި އޮތް އިރު، 2004 ވަނަ އަހަރު ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް އިންގްލެންޑް ނުކުތީ ފަހަތަށް ބަދަލެއް ގެނެސްގެންނެވެ. ކާޑު ހަމަވުމާ ގުޅިގެން ސަސްޕެންޝަނުގައި ހުރި ޑިފެންޑަރު މާކް ގުއޭގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމަނާފައިވަނީ އެޒްރީ ކޮންސާއެވެ.

ފުރަތަމަ ކޮޅުގައި އިންގްލެންޑަށް ޕްރެޝަރާ ކުރިމަތިލާން ޖެހުނެވެ. ސްވިޒަލޭންޑުން އިންގްލެންޑްގެ ފަހަތުން ބާރު ބޮޑުކުރި އިރު، މިޝެލް އެބިޝާ ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ނަމަވެސް، އިންގްލެންޑް ޑިފެންޑަރު އެޒްރީ ކޮންސާ ވަނީ ރެމޯ ފްރޮއިލާއަށް ހުރަސް އަޅާފައެވެ. އަދި އޭގެފަހުން ބްރީލް އެމްބޯލޯ ފޮނުވާލި ހަމަލާވެސް މަތަކުރީވެސް ކޮންސާއެވެ.

ހާފުގެ ފަހުކޮޅުގައި އިިންގްލެންޑުން މެޗުގެ ކޮންޓްރޯލް ހޯދައި، ބޮޑަށް ނުރައްކާކޮށް ފެނުނު އިރު، ހެރީ ކޭން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކޮބީ މައިނޫ ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑް ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް ވަނީ ބްލޮކްކޮށްފައެވެ. އަދި ހެރީ ކޭންގެ ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، މައިނޫ ފަހުން އުފެއްދި ހަމަލާވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ދެވަނަ ހާފަށް ނުކުމެވެސް ފުރަތަމަ ނުރައްކާ ކުރަމުން ދިޔައީ ސްވިޒަލޭންޑުންނެވެ. ހާފުގެ ކުރީކޮޅުގައި ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މިޝެލް އަބިޝާ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައި ނުވާ އިރު، 71 ވަނަ މިނެޓުގައި ސްވިޒަލޭންޑުން ވަނީ އިންގްލެންޑްގެ ގޯލު ފޫއަޅުވާލައިފައެވެ.

ޑޭން އެންޑޯޔޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއިން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯއެވެ. އެ ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ސްވިޒަލޭންޑުން ތާރީހީ ކާމިޔާބިއަކާ ދިމާލަށް ޖެހިލިއެވެ. އެހެން ނަމަވެސް ސްވިޒަލޭންޑަށް ހަމަޖެހިލަން އިންގްލެންޑުން ފުރުސަތެއް ނުދިނެވެ. މެޗުގެ 80 ވަނަ މިނެޓުގައި އިންގްލެންޑުން އެއްވަރުކޮށް، އުންމީދު ދެމެހެއްޓިއެވެ.

ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސްވިޒަލެންޑް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ހިތްގައިމު މޮޅު ގޯލަކާއެކު އިންގްލެންޑުން މެޗު އިތުރު ވަގުތަށް ގެންދިޔައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބޮޑަށް ނުރައްކާކުރީ އިންގްލެންޑުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެކްލަން ރައިސް ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ސްވިޒަލެންޑް ކީޕަރު ޔާން ސޮމާ ވަނީ މަތަކޮށްފައިވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ބެލިންހަމް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކެޕްޓަން ގްރެނިޓް ޖަކާ ވަނީ ބްލޮކްކޮށްފައެވެ. އެ ބޯޅައިގެ ރީބައުންސްގައި ބެލިންހަމް ފޮނުވާލި ހަމަލާވެސް މަތަކުރީ ސްވިޒަލެންޑްގެ ކީޕަރު ސޮމާއެވެ.

މެޗު ނިމެންދަނިކޮށް، އިންގްލެންޑް ކޮޅަށް އަނެއްކާވެސް ސްވިޒަލޭންޑުން ވަނީ ނުރައްކާ ކޮށްފައެވެ. ޑަން ޝަކީރީގެ ކޯނަރު ދަނޑިއަށް އަމާޒުވެފައިވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ޒަކީ އަމްދޫނީ ފޮނުވާލި ބާރު ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ. އަދި އޭގެފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ސިލްވަން ވިޑްމާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އެ ދެހަމަލާ ނާކާމިޔާބުވެ މެޗު ދިޔައީ ޕެނަލްޓީއަށެވެ.

އިންގްލެންޑްގެ ފުރަތަމަ ޕެނަލްޓީ ކޯލް ޕާމާ ވައްދާލި އިރު، ސްވިޒަލޭންޑްގެ ފުރަތަމަ ޕެނަލްޓީގައި މެނުއަލް އަކާންޖީ ޖެހި ބޯޅަ ޕިކްފޯޑް މަތަކުރިއެވެ. އަދި އިންގްލެންޑްގެ ދެވަނަ ޕެނަލްޓީ ބެލިންހަމް ފަސޭހަކޮށް ވައްދާލިއެވެ. ސްވިޒަލޭންޑަށް އޭގެފަހުން ޝަގީރީއާއި ޝާ އަދި އަމްދޫނީގެ ޕެނަލްޓީ ކާމިޔާބުކޮށްދިން އިރު، އިންގްލެންޑް މޮޅުވީ ސަކާއާއި ޓޮނޭ އަދި އާނޯލްޑްގެ ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.