މިރޭ ޔޫރޯ 2024 ގެ ކުއާޓާ ފައިނަލް މެޗުގައި ތުރުކީއާ ދެކޮޅަށް ނުކުންނަ އިރު، އެންމެ މުހިއްމު އެއް ކަމަކީ ތުރުކީ ސަޕޯޓަރުންގެ އަޑު ދަނޑުން ކަނޑުވާލުން ކަމަށް ނެދަލޭންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
ނެދަލޭންޑްސްއިން މިފަހަރުގެ ކުއާޓާ ފައިނަލް ޔަގީންކުރީ 16 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. 2008 ވަނަ އަހަރުގެ ޔޫރޯއަށްފަހު މިއީ ނެދަލޭންޑްސް މުބަރާތުގެ ކުއާޓާއަށް ދިޔަ ފުރަތަމަ ފަހަރެވެ. އެޓީމުން މިފަހަރުގެ ކުއާޓާ ޔަގީންކުރީ ގަދަ 16 ގެ މެޗުގައި ރުމޭނިއާ 3-0 އިން ބަލިކޮށްގެންނެވެ. އަނެއްކޮޅުން ނުކުންނަ ތުރުކީންވެސް މިއީ 2008 ވަނަ އަހަރަށްފަހު ކުޅޭ ފުރަތަމަ ކުއާޓާ ފައިނަލެވެ. މީގެ ކުރިން އެޓީމުން ޔޫރޯގެ ކުއާޓާ ކުޅެފައިވަނީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގައެވެ.
ޖަރުމަނަކީ ތުރުކީން ހިޖުރަކޮށް ގިނަ ބަޔަކު ދިރިއުޅޭ ގައުމަކަށްވުމުގެ އިތުރުން ތުރުކީގެ މަސައްކަތްތެރިންވެސް ގިނަ ގައުމަކަށްވާތީ، ކޮންމެ މެޗެއްވެސް ތުރުކީއަށް ވެފައި ވަނީ ހޯމް މެޗަކަށެވެ. އެހެންކަމުން މިރޭ ނެދަލޭންޑްސްއަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ތުރުކީގެ ސަޕޯޓަރުން ކަމަށް ކޯޗު ކޫމަން ފާހަގަކޮށްފައިވެއެވެ.
"އަހަރެން ތަޖުރިބާ ކޮށްފިން ތުރުކީގެ ސަޕޯޓަރުން މީގެ ކުރިމްވެސް. ތުރުކީގެ ސަޕޯޓަރުންގެ މާހައުލަކީ އަބަދުވެސް އެއްވަނައިގެ މާހައުލެއް. އަހަރެމެން ޖެހޭނެ ތުރުކީ ސަޕޯޓަރުންގެ އަޑު ކަނޑުވާލަން. އެކަން ކުރަން އަބަދުވެސް ޖެހޭނެ ގިނަ ވަގުތު ބޯޅަ ގެންގުޅެން. އަހަރެމެން އަހަރުމެންގެ ގޭމް ކުޅެން ފެށުމުން ތުރުކީ ސަޕޯޓަރުންގެ އަޑު ކެނޑޭނެ. އަހަރެމެން ޖެެހޭނެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން،" ކޫމަން ބުންޏެވެ.
މީގެ ކުރިން ނެދަލޭންޑްސްއިން ކާމިޔާބު ކުރި ހަމައެކަނި ޔޫރޯ ތަށި ހޯދި، 1988 ވަނަ އަހަރު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި މިހާރުގެ ކޯޗު ކޫމަން ބުނީ ގްރޫޕް ސްޓޭޖު ނެދަލޭންޑްސްއަށް ފަސޭހަ ނޫން ނަމަވެސް، އެންމެފަހުން ކުޅުނު ގަދަ 16 މެޗާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ.
"އެންމެފަހުން އަހަރެމެން ކުޅުނު މެޗާ ދޭތެރޭ ފުޓުބޯޅައިގައި ނަޒަރަކުން ވަރަށް ހިތްހަމަ ޖެހޭ. އެ ލެވެލް ހިފަހައްޓަން ޖެހޭ ތަށްޓާ ހަމައަށް ދާނަމަ. ހުރިހާ މެޗެއްވެސް އުނދަގޫވާނެ. ބޮޑެތި ޓީމުތަކަށްވެސް މިހާރު މެޗުތައް ފަސޭހަ ނޫންކަން ފެންނާނެ. އިންގްލެންޑް ގޯލު ޖެހީ ފަހު ވަގުތު، ޕޯޗުގަލް ކުއާޓާއަށް ދިޔައީ ޕެނަލްޓީން މޮޅުވެގެން. އެހެންވީމަ ބޮޑެތި ޓީމުތަކުންވެސް ޖެހޭނެ ރަނގަޅު ފައިޓެއް ދޭން،" ކޫމަން ބުންޏެވެ.
ނެދަލޭންޑްސް ހިމެނުނު ގްރޫޕްގެ އެއްވަނަ ނެގި އޮސްޓްރިއާ ބަލިކޮށް ތުރުކީން ކުއާޓާއަށް ނުކުތުމަކީ އިތުރު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ކޫމަން ފާހަގަކުރިއެވެ.
ނެދަލޭންޑްސް އާއި ތުރުކީ ވާދަކުރާ ކުއާޓާ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024