އިންގްލެންޑަކީ ބޮޑު ޓީމެއް ނަމަވެސް، އެޓީމު ހާސްކޮށްލެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް ސްވިޒަލޭންޑްގެ ކޯޗު މުރަޓް ޔަކިން ބުނެފިއެވެ.
ސްވިޒަލޭންޑުން ތާރީހުގައި ކުޅޭ ފަސްވަނަ ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލަށް މިރޭ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. އެޓީމުން ގަދަ 16 ގައި ފަސޭހަކޮށް އިޓަލީ ބަލިކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖުގައިވެސް ބަލިވެފައެއް ނުވެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލޭންޑުން ވަނީ ހޯސްޓް ގައުމު ޖަރުމަނާ އެއްވަރުވެސް ކޮށްފައެވެ.
މިހާތަނަށް ސްވިޒަލޭންޑުން ހޯދާފައިވާ ކާމިޔާބުތަކާ ގުޅިގެން އިއްޔެގެ ޕްރި މެޗު ޕްރެސްގައި ކޯޗު ޔަކިން ބުނީ އިންގްލެންޑް ހާސްކޮށްލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
"އަހަރެމެން ވަރަށް އުފާވޭ މި ފުރުސަތުގައި ކުޅެލަން ލިބޭތީ. އަހަރެމެން އެންމެފަހުގެ ޗެމްޕިއަނުންނާއި ހޯސްޓް ގައުމާ ދެކޮޅަށްވެސް ކުޅެ، ރަނގަޅު ނަތީޖާތަކެއް ނެރެވުނު. އެޓީމުތައް ހާސްކޮށްލެވެނު. އެހެންވީމާ އިންގްލެންޑް ހާސްކޮށްލައި، ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ޔަކީން ބުންޏެވެ.
ޔަކިން ބުނީ އިންގްލެންޑަކީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ނަމަވެސް، އެ ޓީމުގެ އަސްލު ފެންވަރު އަދި މުބާރާތުގައި ނުފެންނަ ކަމަށެވެ. އެހެން ނަމަވެސް އިންގްލެންޑާ މެދު ސަމާލުވާން ޖެހޭނެ ކަމަށްވެސް ޔަކިން ބުންޏެވެ.
ސްވިޒަލޭންޑުން މިހާތަނަށް ބޮޑު މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިނުވާ އިރު، ކޯޗު ޔަކިންއާއެކު އެޓީމުން ނުކުންނަނީ ތާރީހު ބަދަލުކޮށްލުމަށެވެ. އެންމެފަހުން އިންގްލެންޑާ ކުޅުނު 24 މެޗުގެ ތެރެއިން އެއްވެސް މެޗެއް ސްވިޒަލޭންޑަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އޭގެ ތެރެއިން 17 މެޗުގައި އިންގްލެންޑް ވަނީ ސްވިޒަލޭންޑް ބަލިކޮށްފައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024