ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ފޯޗުގަލް ބަލިކޮށް، ފްރާންސުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ހެމްބާގުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރުވެސް ގޯލެއް ފެނިފައި ނުވާ އިރު، މެޗު 0-0 އިން އެއްވަރު ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީގައި ފްރާންސް މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ވެގެން ގޮސްފައިވަނީ ޔޫރަޕްގެ ވަރުގަދަ ދެ ބާރުގެ ކުރިމަތިލުމަކަށެވެ. ޕޯޗުގަލްއިން ކުއާޓާއަށް ނުކުތީ ގަދަ 16 ގައި ސްލޮވީނިއާ ކައިރިން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. އެޓީމަށް އެމެޗުގައި ގޯލު ޖަހައި، މެޗުގެ ފުރިހަމަ ވަގުތުގައި މޮޅުވެފައި ނުވުމުން، އެކަމުގެ ޕްރެޝަރާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ފުލް މެޗުގައި ކުޅުވުމުން އެކަމާ ބައެއް ފަރާތްތަކުން ވަނީ ކޯޗު ރޮބާޓޯ މާޓިނޭޒަށް ފާޑުކިޔައިފައެވެ.

އަނެއްކޮޅުން ނުކުތް ފްރާންސުން ވަނީ ގަދަ 16 ގައި ބެލްޖިއަމް 1-0 އިން ބަލިކޮށްފައެވެ. އެ މެޗުގައި ފްރާންސް މޮޅުވީވެސް ބައިކޮޅަށް ވަން ގޯލަކުންނެވެ. ފްރާންސަށް އަދި އޯޕަން ޕްލޭގައި މިފަހަރުގެ ޔޫރޯގައި ގޯލެއް ޖެހިފައި ނުވުމުން އެޓީމުވެސް އޮތީ އެ ޕްރެޝަރުގައެވެ.

މި ދެ ޓީމުން ފަހަކަށް އައިސް ޔޫރޯގައި ކުޅުނު އެންމެ ފާހަގަކޮށްލެވޭ މެޗަކީ 2016 ވަނަ އަހަރު ޔޫރޯ ފައިނަލެވެ. އެ މެޗުން މޮޅުވެ ޕޯޗުގަލް ވަނީ ތަށި ނަގައިފައެވެ. 2000 ވަނަ އަހަރަށްފަހު ފްރާންސަށް އަދި ޔޫރޯއެއް ހޯދިފައި ނުވާ އިރު، މިރޭ ނުކުތީ އެ ތާރީހު ނިންމަން މުހިއްމު ފިޔަވަޅެއް އެޅުމަށެވެ.

ޓެކްޓިކަލީ ވާދަވެރިވާނެ ކަމަށް މާ ކުރިންވެސް ބެލެވިފައި އޮތް މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އަވަސް ކުޅުމެއް، އަވަސް ކައުންޓާތަކަކަށް ދެ ޓީމުން މަސައްކަތް ކުރި ނަމަވެސް ހަމަލާތައް ފެނުނީ މަދުކޮށެވެ. ޓެކްޓިކަލް ޑިސިޕްލިންއިން ބޭރުގައި ދެ ޓީމުންވެސް މާ ބޮޑެތި ރިސްކްތަކެއް ނަގައިފައެއް ނުވެއެވެ.

ޕޯޗުގަލްއިން ފުރަތަމަ 20 މިނެޓުގައި ފްރާންސް ފަހަތަށް ބާރުބޮޑު ކުރި އިރު، ރަފައެލް ލެއާއޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރު އަރިމަތިން ނޫނޯ މެންޑޭޒް ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އަދި ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާ ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.

އަނެއްކޮޅުން ފްރާންސްގެ ހަމައެކަނި އޮން ޓާގެޓް ހަމަލާއެއްގެ ގޮތުގައި ފާހަގަކުރެވުނު ހަމަލާގައި، ޕެނަލްޓީ އޭރިއާ ބޭރުން ތެއޯ ހެނާންޑޭޒް ފޮނުވާލި ބޯޅަ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.

ދެވަަނަ ހާފު ފެށިގެން ކިލިއަން އެމްބާޕޭގެ ބާރު ހަމަލާއެއް ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ އަތަށް އަމާޒުވި އިރު، އެ ހަމަލާއަށްފަހު ދެން ފެނުނީ ޕޯޗުގަލްގެ ނުރައްކަލެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޖޮއާ ކަންސެލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިކް މައިގްނަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އެ ހަމަލާ ދިޔައީ ތިރިތިރިން އުނދަގޫ ކޮށެވެ.

އޭގެ ދެ މިނެޓް ފަހުން ޕޯޗުގަލް އަނެއްކާވެސް ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ރަފައެލް ލެއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިޓީނިއާ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިގްނަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި ރީބައުންސް ބޯޅައިން ބެކްހީލުން ކެޕްޓަން ރޮނާލްޑޯ ފޮނުވާލި ހަމަލާ ވެސް ކީޕަރު މައިގްނަން ވަނީ މަތަކޮށްފައެވެ.

އެ ހަމަލާތަކާއެކު މެޗަށް ކޮންމެވެސް ވަރަކަށް ދިރުން ލިބުނެވެ. ޕޯޗުގަލްއިން ކުރިއަށް ޖެހިލުމުން ފްރާންސުން ކައުންޓާގައި އެ ޖާގަތަކުގެ ބޭނުން ހިފަން ވިސްނައި، ފުރުސަތުވެސް ހޯދިއެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް ވަނީ ބްލޮކްކޮށްފައެވެ. އެ ބޯޅަ ޑިއާޒްގެ ފައިގައި ޖެހި ބޭރަށް ދިޔައީ ދަނޑު ކައިރިންނެވެ. އަދި އޭގެފަހުން އޭރިއާ ތެރެއިން އެމްބާޕޭ އެނބުރާލާފާ ޖެހި ބޯޅަވެސް ވީ ބްލޮކެވެ.

އޭގެފަހުންވެސް ފްރާންސުން ދިޔައީ ޕޯޗުގަލްގެ ގޯލު ހުޅުވާލަން މަސައްކަތް ކުރަމުންނެވެ. ޕެނަލްޓީ އޭރިއާ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން އެޑުއާޑޯ ކަމަވިންގާ ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެފަހުން އުސްމާން ޑެމްބޭލޭ ދުރުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިލައިފައެވެ.

އެ ހަމަލާތަކާއެކުގައިވެސް މެޗުގެ ނަތީޖާއެއް ނައިސް، ދެ ޓީމުން ނުކުންނަން ޖެހުނީ އިތުރު ވަގުތުގެ ކުޅުމަށެވެ. އިތުރު ވަގުތުގެ ފުރަތަމަ ކޮޅުގައި ރޮނާލްޑޯ އަތުން ހުސް ފުރުސަތެއް ބޭކާރުވެގެން ދިޔަ އިރު، ހާފު ނިމެން ދަނިކޮށް، ލެއާއޯއަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އޭނާއަށް ނުހިފުނެވެ. އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ލެއާއޯ ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ޑަޔޯ އުޕަމެކާނޯ ވަނީ ބްލޮކްކޮށްފައެވެ.

އިތުރު ވަގުތުގެ ފަހު ހާފުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، އިތުރު ވަގުތު ނިމެން ދަނިކޮށް ޕޯޗުގަލްއިން ތަނަވަސްކުރި ފުރުސަތެއްގައި ނޫނޯ މެންޑޭޒް ޖެހި ބޯޅަ ފްރާންސް ކީޕަރު މަތަކުރިއެވެ.

ޕެނަލްޓީއަށް ގޮސް ފްރާންސްގެ ފުރަތަމަ ޕެނަލްޓީ ޑެމްބޭލޭ ވައްދާލި އިރު، ޕޯޗުގަލް ފުރަތަމަ ޕެނަލްޓީ ރޮނާލްޑޯވެސް ވައްދާލިއެވެ. ފްރާންސްގެ ދެވަނަ ޕެނަލްޓީ މާކަސް ތުރާމް ވެއްދި އިރު، ޕޯޗުގަލްގެ ދެވަނަ ޕެނަލްޓީ ބަނާޑޯ ސިލްވާ ވައްދާލީ ހިތްގައިމު ކޮށެވެ. މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ފްރާންސުން ދެން ޖެހި ޕެނަލްޓީ ޖޫލްސް ކުންޑޭވެސް މޮޅަށް ވައްދާލިއެވެ. އޭގެ ބަދަލަށް ޕޯޗުގަލްއިން ޖެހި ޕެނަލްޓީ ޖާއޯ ފެލިކްސް އަތުންވީ ނާކާމިޔާބެވެ. ފްރާންސްގެ ހަތަރު ވަނަ ޕެނަލްޓީ ބްރެޑްލީ ބާކޯލާ ވައްދާލައި، އެޓީމަށް އުންމީދު ހޯދައިދިން އިރު، ޕޯޗުގަލްގެ މެންޑޭޒް ޖެހި ޕެނަލްޓީވެސް ވެއްދިއެވެ. ފްރާންސުން މޮޅުވާން އޮތް ޕެނަލްޓީ ޖަހަން ދިޔައީ ހެނާންޑޭޒްއެވެ. އޭނާ ވަނީ ފަސޭހަކަމާއެކު ޕެނަލްޓީ ވައްދާލައިފައެވެ.