ޕީއެސްޖީގެ ލެޖެންޑް، ޖޭޖޭ އޮކޯޗާ އާއެކު މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަން ލާމު އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިއަދު ހަވީރު ބޭއްވި އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ލ. ގަމު މުކުރިމަގު ބަނދަރު ސަރަހައްދުގައެވެ. ލާމު ބޮޑަމަގުގައި އޮބްސްޓިކަލް ތަކާއެކު އުރީދޫގެ ފަން ރަން މިއަދު ކުރިއަށްދިޔައީ 2000 އެއްހާ ބައިވެރިންނާއެކުއެވެ.

މިއަދުގެ ރަންގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް-ހަމާދީއާއި ރާއްޖޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގުވެސް ރަންގައި ބައިވެރިވެފައިވެއެވެ.

މިއަދުގެ ރަންގެ ކުރިން ޕީއެސްޖީ ލެޖެންޑް، ނައިޖީރިއާ އޮކޯޗާ ވަނީ ލ. އަތޮޅު ތާރީހީ ޕަރީ ފެންގަނޑަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދައިފައެވެ.

ފަން ރަންގެ އިވެންޓާއެކު އުރީދޫން ވަނީ ފޯމް ޕާޓީއަކާއި ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ އިވެންޓްގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، މަޖާ މާހައުލެއްގައި އުފާވެރި ވަގުތުތައް ހޭދަކޮށްފައިވެއެވެ.

އިވެންޓް ނިންމާލަމުން އުރީދޫ ފަން ރަންގެ ބައިވެރިންނަށް ޝުކުރު އަދާކޮށް، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް-ހަމާދީ ވަނީ މުޅި ލ. އަތޮޅަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް އިންތިޒާމުތަކުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ހާލިދު އަލް-ހަމާދީ ވަނީ ޑިސެމްބަރުގައި ހުޅުމާލޭގައި ބާއްވާ ރަންއަށް ހުރިހާ ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ.

އުރީދޫން މިރޭ ގަމު މުކުރިމަގު ބަނދަރު ސަރަހައްދުގައި ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި ޖަރުމަނާއި ސްޕެއިން ވާދަކުރާ މެޗު ބެލުމުގެ އިވެންޓެއްވެސް ވަނީ ރާވާފައެވެ. އެ އިވެންޓްގައިވެސް އޮކޯޗާ ބައިވެރިވާނެއެވެ.