ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކުޅުނު މެޗުގައި އެކުއެޑޯ ބަލިކޮށްފިއެވެ.
ރޭ ޓެކްސަސްގެ އެންއާރްޖީބީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ 1-1 އިން އެއްވަރުވެފައި އޮތުމުން މެޗުގައި ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި އާޖެންޓީނާ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗު ސީދާ ޕެނަލްޓީއަށް ގޮސްފައިވަނީ ކޮޕާ އެމެރިކާގެ ގަވާއިދު ބުނާ ގޮތުން، ފައިނަލް މެޗު ފިޔަވައި އެހެން މެޗެއްގެ ފުރިހަމަ ވަގުތު ހަމަވެފައި އޮންނަ އިރު، އެއްވަރުވެފައި އޮވެއްޖެނަމަ ދެން ޖަހަން ޖެހޭނީ ޕެނަލްޓީ ކަމަށްވާތީއެވެ.
ރޭގެ މެޗު ފެށިގެން ކުރީކޮޅުގައި އެކުއެޑޯއިން ލީޑު ނެގުނާ ގާތަށް ޖެހިލިއެވެ. މޮއިސެސް ކައިސޭޑޯގެ ޕާހަކުން އޭރިއާ ތެރޭގައި ހުރެ ޖެރެމީ ސާމިނެންޓޯ ފޮނުވާލި ހަމަލާ މަތަކުރީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒެވެ. އަނެއްކޮޅުން އެންޒޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ހަމަލާ ގޯލަށް އަމާޒުނުވެ ދިޔަ އިރު، އާޖެންޓީނާއިން ފުރަތަމަ ހާފު ނިންމާލީ ލީޑު ނަގައިގެންނެވެ.
މެޗުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާއިން ލީޑު ނެގީ ކެޕްޓަން ލިއޮނަލް މެސީ ނަގައިދިން ކޯނަރެއްގައެވެ. އެ ކޯނަރު އޭރިއާ ތެރެއިން އެލެކްސިސް މެކް އަލިސްޓާ ބޮލުން ޖައްސާލުމުން ބޯޅަ ގޯލަށް ވައްދާލީ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒެވެ.
ދެވަނަ ހާފު ފެށިގެން އާޖެންޓީނާއަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތުގައި ލައުޓާރޯ މާޓިނޭޒް ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔަ އިރު، 62 ވަނަ މިނެޓުގައި އެކުއެޑޯއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އާޖެންޓީނާގެ ރޮޑްރިގޯ ޑި ޕައުލް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީގައި އެނާ ވެލެންސިއާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
މެޗުގެ ފަހު ފަސް ވަރަކަށް މިނެޓުގައި އެކުއެޑޯއިން ނުރައްކާކޮށް، 91 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރީ ކެވިން ރޮޑްރިގޭޒް ބޮލުން ޖެހި ގޯލުންނެވެ.
އެ ގޯލާއެކު ޕެނަލްޓީއަށް ގޮސް، އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ މެސީ އަތުން ނާކާމިޔާބުވިއެވެ. އޭނާ ޕެނަންކާ ޕެނަލްޓީއެއްގައި ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ މަތީ ދަނޑީގައި ޖެހިފައެވެ. އޭގެފަހުން އެކުއެޑޯގެ އެންހޭލް މެނާއާއި އަލަން މިންޑާ ޖެހި ޕެނަލްޓީތައް އާޖެންޓީނާގެ ގޯލްކީޕަރު މާޓިނޭޒް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެކުއެޑޯގެ ޖޯޑީ ކައިސޭޑޯއާއި ޖޯން ޔެބޯ ޖެހި ޕެނަލްޓީ ވެއްދި ނަމަވެސް، އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ މެސީގެ ފަހުން ޕެނަލްޓީ ޖެހި ޖޫލިއަން އަލްވަރޭޒާއި މެކް އަލިސްޓާ، ގޮންޒާލޯ މޮންޓިއަލް އަދި ނިކޮލަސް އޮޓެމެންޑީ ޖެހި ޕެނަލްޓީތައް ވައްދާލައިގެންނެވެ.
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ