ޕޯޗުގަލް ގައުމީ ޓީމަށް އެގައުމުގެ ސަޕޯޓަރުން ފާޑު ކިޔަނީ، ޓީމަށް ލޯބިކުރާތީ ކަމަށާއި، އެ ފާޑުކިޔުންތައް ބަލައިގެންނާނެ ކަމަށް ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ޕޯޗުގަލްއިން ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގައި ސްލޮވީނިއާ ބަލިކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް ގޯލެއް ނުޖެހި ނިންމާލަން ޖެހިފައިވާ އިރު، ޕޯޗުގަލްއަށް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ވަނީ ނާކާމިޔާވެފައެވެ. އެ މެޗުގައި ރޮނާލްޑޯ އަތުން އިތުރު ބައެއް ފުރުސަތުތައްވެސް ނާކާމިޔާބު ވެގެން ގޮސްފައިވާ އިރު، މެޗު ދިޔައީ ޕެނަލްޓީއަށެވެ.
ޕެނަލްޓީގައި ޕޯޗުގަލްއަށް ތަފާތު ދެއްކީ އެޓީމުގެ ގޯލްކީޕަރު ޑިއޭގޯ ކޮސްޓާއެވެ. އޭނާ ވަނީ ތިން ޕެނަލްޓީ މަތަކޮށް ޔޫރޯގެ ރެކޯޑެއް ހަދައިފައެވެ.
ޕޯޗުގަލްގައި އޮތް ވަރުގަދަ ސްކޮޑާއެކު ސްލޮވީނިއާ ކައިރިން އުނދަގޫ ހާލަތަކަށް ދިއުމުން މާޓިނޭޒަށް ފާޑު ކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ބެންޗުގައި އެޓޭކަށް ގިނަ ބަދަލުތަކެއް ގެނެވޭނެ ފެންވަރުގެ ކުޅުންތެރިން ތިބި އިރު، ރޮނާލްޑޯ ބާލަން ނުކެރުނީ އެއްވެސް "ގަޓް"އެއް ނެތީމަ ކަމަށް ގިނަ ޕަންޑިތުން ބުނެފައިވެއެވެ. އަދި ގޯލު ނުޖެހުމުގެ މައްސަލައިގައި، ޕޯޗުގަލްގެ ސަޕޯޓަރުންވެސް މާޓިނޭޒަށް ފާޑު ކިޔާފައިވެއެވެ.
"ފާޑު ކިޔަނީ ގައުމީ ޓީމަށް އެ ހުންނަ ޕެޝަންއެއްގެ ސަބަބުން. އެ ފާޑު ކިޔުންތައް ބަލައިގަންނަން. އެއާއެކުވެސް އަހަރެން ގަބޫލުކުރަން އަހަރެމެންގެ ސްކޮޑަކީ ވަރަށް ވާދަވެރި ސްކޮޑެއްކަން. އަދި ކޮންމެ ކުޅުންތެރިޔަކުވެސް މުހިއްމު ކަން. އަހަރެންގެ ވަޒީފާއަކީ އެ ހުރިހާ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ކުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުން. އަހަރެން އެކަން ކޮށްދޭނަން،" މިރޭ ފްރާންސާ ދެކޮޅަށް ނުކުންނަ މެޗާ ގުޅޭގޮތުން މާޓިނޭޒް ބުންޏެވެ.
ގޯލު ނުޖެހޭ މައްސަލައަށްވެސް މާޓިނޭޒް ވަނީ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ މުބާރާތުގެ ހުރިހާ މެޗެއްވެސް އާދަޔާ ހިލާފަށް ވާދަވެރިކަމަށާއި، މެޗެއްގައި ފުރަތަމަ ގޯލެއް ޖެހުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"މިހާތަނަށް މިފަހަރުގެ ޔޫރޯގައި ފެނުނީ ވަރަށް ވާދަވެރި މެޗުތަކެއް. ވަރަށް އުނދަގޫ ހަގީގަތުގައި ފުރަތަމަ ގޯލެއް ޖަހަން. އެ ގޯލު ޖެހުމަށް ވަރަށް ބޮޑެތި ރިސްކްތައްވެސް ނަގަން ޖެހޭ. އެއީ ގޯލެއް ޖަހަން އެޓޭކިން އޭރިއާއަށް ވަރަށް ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ޖެހެން ޖެހޭތީ. މިހާރުވެސް އެކަން ކުރަނީ ގޯސްކޮށެއް ނޫން. އަހަރެމެން އަތުގަ ބޯޅަ އޮންނަ އިރު، އާންމުކޮށް ގިނަ ކުޅުންތެރިން އެޓޭކް ކުރޭ. ރަނގަޅު ބައިވަރު ކަންކަން ޓީމުން ކުރޭ،" މިދިޔަ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ކޯޗަކަށް ހުރި މާޓިނޭޒް ބުންޏެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުންވެސް މާޓިނޭޒް ވަނީ ރޮނާލްޑޯއަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނީ ރޮނާލްޑޯ މިހާތަނަށް ކުޅެފައިވާ މެޗުގެ އަދަދާއި، ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީއަށް ބަލާއިރު، އަދިވެސް ރޮނާލްޑޯގެ ކިބައިން ފެންނަނީ މޮޅުވާން ބުރަކޮށް މަސައްކަތްކޮށް، ތަފާތު ދައްކާ ތަން ކަމަށެވެ.
ޕޯޗުގަލްއާއި ފްރާންސް 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ކުޅެ، އެ މެޗުން ޕޯޗުގަލް މޮޅުވީ 1-0 އިންނެވެ. މިރޭ ދެޓީމުން ކުޅޭ ކުއާޓާ ފައިނަލް މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024