ސްޕެއިންގެ އުމުރުން 16 އަހަރުގެ ލެމީން ޔަމާލަކީ އަދި ތަޖުރިބާ މަދު ކުޅުންތެރިއެއް ކަމަށާއި، އޭނާ ހުއްޓުވަން ޖަރުމަނަށް އުނދަގޫވެގެން ނުވާނެ ކަމަށް ކޯޗު ޖޫލިއަން ނަގެލްސްމަން ބުނެފިއެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު، ސްޕެއިނާއި ޖަރުމަނުންވެސް މިފަހަރުގެ މުބާރާތުގައި އަދި ބަލިވެފައެއް ނުވެއެވެ. ޖަރުމަނުން ގްރޫޕް ސްޓޭޖުގައި ސްވިޒަލޭންޑާ އެއްވަރުވި ނަމަވެސް ގަދަ 16 ގައި އެޓީމުން ވަނީ ޑެންމާކު 2-0 އިން ބަލިކޮށްފައެވެ. ސްޕެއިނުން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ފަސޭހަކޮށް މޮޅުވެފައިވާ އިރު، އެންމެފަހުން ގަދަ 16 ގައި ޖޯޖިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ ގޮތުގައި ފާހަގަކޮށްލެވޭ ސްޕެއިނާއި ޖަރުމަނުން މިހާތަނަށް ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ އިރު، ދެގައުމުންވެސް ވިސްނަމުން އަންނަނީ އެ ރެކޯޑު މުގުރާލައި، ޔޫރަޕްގެ އެންމެ އުހަށް ޖެހިލުމަށެވެ.

މިރޭގެ މެޗުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އެއް ކުޅުންތެރިޔަކީ ސްޕެއިންގެ ޔަމާލެވެ. މިހާތަނަށް ސްޕެއިނުން ކާމިޔާބުކުރި ގްރޫޕް ސްޓޭޖުގެ ތިން މެޗާއި، ގަދަ 16 ގެ މެޗުގައިވެސް ޔަމާލްގެ ދައުރު ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، އޭނާއަކީ ޔޫރޯ މުބާރާތެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ޔަމާލް ހިފަހައްޓަން ކިހާ ވަރަކަށް ސަމާލުކަން ދޭނެތޯ ސުވާލުކުރުމުން ނަގެލްސްމަން ސަމާސާ ރާގަކަށް ބުނީ "ސަމާލުކަން ދެނީ ޔަމާލަކަށް ނޫން، ޖަމާލަށް،" ކަމަށެވެ. ނަގެލްސްމަން އެހެން ބުނަމުން އިޝާރާތްކުރީ ފޯމުގައި ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ތަރި ޖަމާލް މުސިއާލާއަށެވެ. އުމުރުން 21 އަހަރުގައި މުސިއާލާ އަކީ މިހާތަނަށް މިފަހަރުގެ ޔޫރޯގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭގެ އިތުރުން ޖަރުމަނުގެ 21 އަހަރުގެ ފްލޯރިއަން ވާޓްސްގެ ވިދުންވެސް މުބާރާތުގައި މިހާތަނަށް ގަދައެވެ.

ނަގެލްސްމަން ޔަމާލާ ގުޅޭ ގޮތުން އިތުރަށް ބުނީ އޭނާއަކީ ތަޖުރިބާ މަދު ކުޅުންތެރިޔަކަށް ވުމާއެކު ޖަރުމަނަށް އޭނާ ހިފެހެއްޓޭނެ ކަމަށެވެ.

"ޔަމާލްގެ އުމުރުން އަދި އެންމެ 16 އަހަރު. އެހެންވީމަ ޑިފެންސިވްލީ އަހަރެމެންގެ ކުޅުންތެރިންނަށް އޭނާ ހިފެހެއްޓޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރަން. މެޗެއްގައި ވަރަށް ގިނަ ކަންތައްތަކަށް ސަމާލުވާން ޖެހޭނެ. ވިސްނަން ޖެހޭނީ އެކަމަށް އެކަންޏެއް ނޫން،" ނަގެލްސްމަން ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އުނދަގޫ ހާލަތަކަށް، ބޭނުން ނުވާ ހާލަތަކަށް ކަންކަން ގޮސްފިނަމަ ޔަމާލް އެކަމާ ކުރިމަތިލާ ގޮތް ބަލަން ބޭނުން. ހާސް ނުވޭ! އަހަރެން މި އިރުޝާދު ދެނީ ޔަމާލްގެ ފައިގައި ޖަހާ އަނިޔާކުރާކަށް ނޫން. އެހެންވިޔަސް އޭނާ އަތުން ބޯޅަ ހޯދައި، ހުއްޓަވަން ތައްޔާރު،" ޔޫރޯގެ ތާރީހު ދުށް އެންމެ ހަގު ކޯޗު، ނަގެލްސްމަން ބުންޏެވެ.

ސްޕެއިނާއި ޖަރުމަނު ވާދަކުރާ ކުއާޓާ ފައިނަލް މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގައެވެ.