ޖަރުމަނާއި ސްޕެއިނަކީ މިފަހަރުގެ ޔޫރޯ 2024 ގެ ފައިނަލުގައި ވާދަކުރާ ކަހަލަ ދެޓީމު ކަމަށް ސްޕެއިންގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
ޔޫރަޕްގެ ފުޓުބޯޅައިގައި ވާދަވެރި ދެގައުމު ކަމަށްވާ ސްޕެއިނާއި ޖަރުމަނުން މިރޭ ކުއާޓާ ފައިނަލްގައި ކުރިމަތިލާނެއެވެ. މީގެ ކުރިންވެސް ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ސްޕެއިނާއި ޖަރުމަނަކީ އެންމެ ގިނައިން މުބާރާތް ކާމިޔާބުވެސް ކޮށްފައިވާ ދެގައުމެވެ. މި ދެގައުމުން އެންމެފަހުން ޔޫރޯ ފައިނަލުގައި ވާދަކުރީ 2008 ވަނަ އަހަރުއެވެ. އެ މެޗުގައި ސްޕެއިން ވަނީ 1-0 އިން ޖަރުމަނު ބަލިކޮށްފައެވެ. ހަމައެކަނި ގޯލު ސްޕެއިނަށް ޖަހައިދިނީ ފެނާންޑޯ ޓޮރޭސް އެވެ.
"މިއީ މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކަހަލަ މެޗެއް. މި ދެޓީމަކީ ފައިނަލުގައި ކުޅޭ ކަހަލަ ދެޓީމު. މިރޭގެ މެޗު ވެގެންދާނީ ފުޓުބޯޅައިގެ ލެވެލް ހަމަހަމަ، ދާދި އެއްވަރު މެޗަކަށް،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ސްޕެއިނާއި ޖަރުމަނުންވެސް މިފަހަރުގެ މުބާރާތުގައި އަދި ބަލިވެފައެއް ނުވެއެވެ. ޖަރުމަނުން ގްރޫޕް ސްޓޭޖުގައި ސްވިޒަލޭންޑާ އެއްވަރުވި ނަމަވެސް ގަދަ 16 ގައި އެޓީމުން ވަނީ ޑެންމާކު 2-0 އިން ބަލިކޮށްފައެވެ. ސްޕެއިނުން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ފަސޭހަކޮށް މޮޅުވެފައިވާ އިރު، އެންމެފަހުން ގަދަ 16 ގައި ޖޯޖިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
"މިއީ ޔޫރަޕް ފުޓުބޯޅައިގެ ގަދަ ދެބާރުގެ ކުރިމަތިލުމެއް. ދެޓީމުންވެސް ފެންނަނީ ދާދި އެއްގޮތް ކަންކަން. ސްޕެއިނުގެ އެންމެ ވަރުގަދަ ކަމަކީ ޓީމެއްގެ ގޮތުގައި ކުޅޭ ކުޅުން. ހާލަތު އޮތީ ޖަރުމަނަށްވެސް އެހެން. އެޓީމުންވެސް ޓީމެއްގެ ގޮތުގައި ތަފާތުކޮށް މޮޅަށް ކުޅޭ. ހާއްސަކޮށް ޖަރުމަނުން މެޗުތައް ފަށަނީ ވަރަށް ރަނގަޅު ފެންވަރެއްގައި،" ޑެ ލަ ފުއެންޓޭ ޕްރި މެޗު ޕްރެސްގައި އިތުރަށް ބުންޏެވެ.
ޑެ ލަ ފުއެންޓޭ ބުނީ މިހާތަނަށް މުބާރާތުގައި ޓީމުތަކުން ދެއްކި ކުޅުމަށް ބަލާ އިރު، އެހެން ބައެއް ޓީމުތައްވެސް މޮޅަށް ކުޅެފައިވާތީ، މިރޭގެ ކުއާޓާއިން މޮޅުވާ ޓީމަކަށް މުބާރާތުގެ ތަށި ނެގުމަށް ފުރުސަތު ބޮޑުކޮށް އޮތް ކަމަށް ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް، ޔަގީނުންވެސް މިރޭގެ މެޗުން މޮޅުވާ ޓީމަކީ ބޮޑު ފެވަރިޓެއްގެ ގޮތުގައި ގުނޭނެ ކަމަށްވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.
އޭގެ އިތުރުން އޭނާ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ސްޕެއިންގައި އޮތީ މުބާރާތުގެ އެންމެ ވަރުގަދަ ސްކޮޑު ކަމަށެވެ. އެހެންކަމުން އެޓީމުގެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.
ސްޕެއިނާއި ޖަރުމަނުން ވާދަކުރާ ކުއާޓާ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024