ޔޫރޯ 2024 ގައި ފެނުނު އެންމެ ހުނަރުވެރި، ޝައުގުވެރި ދެ ތަރިންނަކީ ސްޕެއިންގެ ނިކޯ ވިލިއަމްސްއާއި ލަމީން ޔަމާލްކަން ޔަގީނެވެ. އެތުލެޓިކް ބިލްބާއޯގެ ނިކޯގެ އުމުރުން 21 އެވެ. ބާސެލޯނާގެ ޔަމާލްގެ އުމުރަކީ އަދި އެންމެ 16 އަހަރެވެ. މުސްތަގުބަލުގެ ދެތަރިންނެވެ. ގްރޫޕް ސްޓޭޖުން ގަދަ 16 އާ ހަމައަށް ހުރިހާ މެޗަކުން މޮޅުވަމުން އައި ސްޕެއިނުން ދެ ތަރިންވެސް ފިޔަ ޖަހަނީއެވެ. ޔަމާލް ވެފައި ވަނީ ޔޫރޯއެއްގައި ކުޅެ، އެސިސްޓް ހެދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ސްޕެއިން ގައުމީ ޓީމަށް އެންމެ ޒުވާން އުމުރުގައި ކުޅުނު ކުޅުންތެރިޔަކީވެސް އޭނާއެވެ. ނަސްލުގެ ގޮތުން، ދެ ކުޅުންތެރިންނަކީވެސް އެފްރިކާ ނަސްލުގެ ދެ ކުޅުންތެރިންނެވެ. ސްޕެއިން ވަންތަކަން އޮތީ އުފަން ގައުމުގެ ގޮތުގައެވެ. އާއިލާއަކީ މާ ދުރަށް ނިސްބަތްވާ އާއިލާތަކެވެ.

ދެ ކުޅުންތެރިން ދަނޑުމަތީގައި ދައްކަމުން އަންނަ ފެންވަރު އިތުރަށް ކިޔައިދޭންވެސް ނުޖެހޭނެ އެވެ. މިފަހަރުގެ ޔޫރޯގެ ގަދަ 16 އާއި ގްރޫޕް ސްޓޭޖަށް ބަލައި، އެއީ އެންމެ މޮޅު "ޑުއޯ"އެވެ. ދެ ކުޅުންތެރިންގެ ގުޅުންތެރިކަން ވަރަށް ބޮޑެވެ. މުހާތަބުކުރަމުން އަންނަނީވެސް ދެބެންގެ ގޮތުގައެވެ. މެޗުތަކުގެ ތެރެއިން އުފާފާޅުކުރުމުގެ އިތުރުން، މެޗުތައް ނިންމައި، ކުރަމުން އަންނަ ސަލާމްތަކުންވެސް ވަރަށް ރަނގަޅަށް ދެ ކުޅުންތެރިންގެ ގުޅުން ސާފުވެއެވެ.

"ޔަމާލާއިި އަހަންނަކީ އެންމެ ގާތް ދެ ރަހުމަތްތެރިން. އެއީ އަހަރެންގެ ކޮއްކޮއެއް. ބައެއް ފަހަރު އަހަންނަކީ އޭނާގެ ބައްޕަ. މިއީ ބައްޕައޭ އަބަދުވެސް ބުނަން، ބައްޕަ ބުނާ ގޮތަށް ހަދައިގެންނޭ އަބަދުވެސް އުޅެން ވާނީ. އަހަންނަށް ހޭލެވުމާއެކު އެންމެ އަވަހަށް ދަނީ ޔަމާލް ކޮބާތޯ ބަލަން. އެއީ އަބަދުވެސް ޓީމު ތެރޭގައި އަހަރެން އުޅެނީ އޭނާއާ އެކުގައި ކަމަށްވާތީ،" ނިކޯ ސްޕެއިން ނޫހަކަށް ބުންޏެވެ.

ދަނޑު ތެރެއިންނާއި ދަނޑު ބޭރުން ދެކުޅުންތެރިންގެ ގުޅުން ވަރަށް ފުރިހަމައެވެ. އެ ގުޅުމުން ސްޕެއިންގެ ފުޓުބޯޅައަށް މައިގަނޑު ގޮތެއްގައި ކުރާ އަސަރުވެސް ވަކި ކުޑައެއް ނޫނެވެ. ތަފާތު ތަޖުރިބާކާރުންގެ ނަޒަރުގައި ޔަމާލާއި ނިކޯގެ ގުޅުމުން، ސްޕެއިންގެ އެތައް ކުދިންނަކަށް އުންމީދު އާވެގެން ދެއެވެ. އެހެން ނަސްލުތަކަށް ނިސްބަތްވާ، ސްޕެއިންގައި ދިރިއުޅެމުން އަންނަ އެތައް ބެލެނިވެރިންނަކަށް އެ ދެކުޅުންތެރިންގެ ސަބަބުން އުންމީދު ލިބެއެވެ. ހާއްސަކޮށް ސްޕެއިން ފުޓުބޯޅައިގައި ވަރަށް ބޮޑަށް ވައިގައި ހިފާފައި އޮތް ނަސްލީ ތަފާތުކުރުމުގެ ނުބައި އާދައަށް، އެ ދެކުޅުންތެރިން ދައްކައިދޭ "ސްޕެއިންގެ ރޫހު" މެސެޖެއް ދެއެވެ. ދަނޑުމަތީގެ އިތުރުން ދަނޑު ބޭރުން ފުޓުބޯޅައިގެ ހެވަށް ކުރާ މަސައްކަތަށްވެސް ނިކޯއާއި ޔަމާލަކީ "ދެ ޖަވާހިރުން"ނެވެ.

"ސްޕެއިންގެ އެތައް ހިސާބެއްގައި، ދަރިން ގޮވައިގެން ގޮސް، ރަނގަޅު ދިރިއުޅުމެއް ހޯދަން މަސައްކަތްކުރާ، އޭޝިއާގެ، އެފްރިކާގެ އިތުރުން ބައެއް އަރަބި ގައުމުތަކުގެ ބެލެނިވެރިންވެސް އެބަ އުޅޭ. އެ ހުރިހާ ބެލެނިވެރިންނަށް ވެސް މިއަދު ލިބެމުން މިދަނީ ވަރަށް ފުރިހަމަ މެސެޖެއް. ނިކޯއާއި ޔަމާލްގެ ހަމުގެ ކުލަ ތަފާތަސް، އެ ދެކުޅުންތެރިން ގައުމަށްޓަކައި ވަމުން އަންނަ ގުރުބާނީއަށް އެންމެންގެ ސަމާލުކަން ހުއްޓިފައި މިހާރު އޮތީ. އެއީ އުންމީދެއް،" ކުރިން އެތުލިޓް ބިލްބާއޯއާއި ޖިރޯނާގެ އިތުރުން މަލާގާއަށް ކުޅުނު ޑިފެންޑަރު ޖޯނަސް ރަމާލިއޯ ބުންޏެވެ.

ރަމާލިއޯގެ މަންމައަކީ ސްޕެއިން ރައްޔިތެއް ނަމަވެސް، އޭނާގެ ބައްޕައަކީ އެންގޯލާއަށް ނިސްބަތްވާ މީހެކެވެ. އެފްރިކާގެ ނަސްލަށް ނިސްބަތްވާ ރަމާލިއޯ ވަނީ ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކޮށް، 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ހޯދައިފައެވެ. މިހާރު ކުޅެމުން އަންނަނީ ބަހްރެއިންގެ އަލް އަހްލީއަށެވެ. އޭނާއަކީ އަތުލެޓިކް ބިލްބާއޯ ތާރީހުގައި ކުޅުނު އެފްރިކާ ނަސްލުގެ ފުރަތަމަ ކުޅުންތެރިޔާއެވެ. 2011 ވަނަ އަހަރު އޭރު އެތުލެޓިކްގެ ކޯޗު މާސެލޯ ބިއެލްސާ، ރަމާލިއޯއަށް ފުރުސަތު ދިނީ އޭނާގެ އުމުރުން 18 އަހަރުގައެވެ.

ރަމާލިއޯއަށް ސްޕެއިންގެ ޒުވާން ގައުމީ ޓީމުތަކުގައި ތަފާތުކުރުމުގެ ކަންކަމާ އެހާ ބޮޑަށް ކުރިމަތިލާން ނުޖެހުނު ނަމަވެސް، އޭނާގެ ނަޒަރުގައި މީގެ އަހަރުތަކެއް ކުރިން ފެށިގެން، މިއަދާއި ހަމައަށްވެސް ސްޕެއިން ކްލަބު ފުޓުބޯޅައިގެ ތެރޭގައި ނަސްލީ އެތައް މައްސަލައެއް އެބައޮތެވެ. ޓީމުތަކުގެ ވާދަވެރިކަމުގެ ނަސްލީ ދިމާކުރުންތައް ބޮޑުވާ ކަމަށް އޭނާ ފާހަގަކުރިއެވެ. ސްޕެއިން ގައުމީ ޓީމުގައި އެ މައްސަލަ ނެތް ނަމަވެސް، ސަޕޯޓަރުންގެ އެތައް މަންޒަރެއް މިހާތަަނަށް ފެނިގެން ގޮސްފައިވެއެވެ.

އެންމެފަހުން މިދިޔަ ސީޒަނުގައިވެސް ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއާއަށް ތަކުރާރުކޮށް ނަސްލީގޮތުން ދިމާކޮށްފައިވާ މައްސަލައަކާ ގުޅިން ކޯޓުން ހުކުމްވެސް ކޮށްފައިވެއެވެ. އެތުލެޓެިކޯ މެޑްރިޑްގެ ދަނޑުގައި، ނިކޯ ވިލިއަމްސްއަށްވެސް އޭޕްރީލް މަހު ނަސްލީ ގޮތުން ދިމާކޮށްފައިވެއެވެ. އޭގެ ކުރިން ނިކޯގެ ބޭބެ، އިނާކީ ވިލިއަމްސްއަށްވެސް ނަސްލީ ގޮތުން ދިމާކޮށްފައިވެއެވެ.

1990 ގެ އަހަރުތަކަކީ ސްޕެއިން ފުޓުބޯޅައަށް، އަދި ގައުމީ ޓީމުތަކަށްވެސް އެހެން ނަސްލުތަކުގެ ކުޅުންތެރިން ތައާރަފުވާން ފެށި ހިސާބެވެ. އެހިސާބުންވެސް ސްޕެއިންގައި ނަސްލީ ދިމާކުރުންތައް ބޮޑުވިއެވެ. 1997 ވަނަ އަހަރު ބާސެލޯނާ ދަނޑުން ރެއާލްގެ ރޮބާޓޯ ކާލޯސްއާ ނަސްލީ ގޮތުން ދިމާކޮށްލާފައިވާ އިރު، 2004 ވަނަ އަހަރު އިންގްލެންޑް ޓީމުން ރެއާލް ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އެޝްލީ ކޯލްއާއި ޖެރަމައިން ޖީނަސް އަދި ޝޯން ރައިޓް ފިލިޕްސްއަށް ނަސްލީ ގޮތުން ދިމާކުރިއެވެ. އެހެން ގޮސް، ސްޕެއިން ފުޓުބޯޅައިގައި އެކަމުން އައި އެންމެ ބޮޑު އިންގިލާބަކީ 2006 ވަނަ އަހަރު ބާސެލޯނާގެ ސެމިއުލް އެޓޫ އަމަލުކުރި ގޮތަކުން އައި އިންގިލާބެކެވެ. ރެއާލް ޒަރަގޯޒާ ސަޕޯޓަރުން އޭނާއާ ދިމާކުރުމުން އޭނާ ދަނޑުން ފައިބަން ދިޔަ ދިޔުމާއެކު ނަސްލީ ތަފާތުކުރުމަށް ސްޕެއިންގައި ތަހުޒީބީ ވިސްނުމެއް އައެވެ.

އޭރު އޮތް ސްޕެއިންގެ ސޯޝަލިސްޓް ސަރުކާރުން ނަސްލީ ތަފާތުކުރުމަށް އާ ގާނޫނުތަކެއް ހަދައި، ކުޅިވަރު ކްލަބުތަކަށާއި ސަޕޯޓަރުންނަށް ގާނޫނީ އަދަބު ދޭން ނިންމީ އެހިސާބުންނެވެ.

އެޓޫގެ އެ އަމަލާއި، އޭގެފަހުން ހަރުކަށި ކުރި ގާނޫނުން ސްޕެއިންގެ ފުޓުބޯޅައިގެ ނަސްލީ ތަފާތުކުރުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް، އަދިވެސް އޮތީ އެއްކޮށް ހައްލު ނުވެއެވެ. މީގެ ކުރިން މާކޯ ސެނާއާއި ލުއިސް އަރގޯނެސް، ސްޕެއިނާއެކު 2008 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި އިރު، އެ ދެކުޅުންތެރިންނަކީވެސް ގައުމުން ބޭރަށް އުފަން ދެ ކުޅުންތެރިންނެވެ. މިފަހަރު ގައުމަށް އުފަން ނަމަވެސް، ޒުވާން ނިކޯއާއި ޔަމާލަށް އޮތީ މެސެޖެއް ދޭން ސްޕެއިނާއެކު ކާމިޔާބު ހޯދުމެވެ.

މުޅިން އެހެން ނަސްލަކަށް ނިސްބަތްވާ ދެ ކުޅުންތެރިންނަށް ބަރޯސާވެ، ސްޕެއިނުން ދައްކަމުން އަންނަ ހިތްގައިމު ކުޅުމުގެ އަސަރު، އެގައުމުގެ ފުޓުބޯޅައަށް ކުރަނީ ހަމައެކަނި ދަނޑު އެތެރެއިން ނޫންކަން ތަފާތު ކުޅުންތެރިންނާއި، ތަފާތު މީޑިއާތަކުގެ ހެޑްލައިނުން ސާފުވެއެވެ. ޔަމާލް މިފަހަރުގެ ޔޫރޯއަށް ދިޔައީ ފޮތް ދަބަސް ހިފައިގެންނެވެ. އޭނާ ފަރިތަކުރުންތަކާއި މެޗުގެ ބޭރުން ފޮތް ކިޔުމަށް ވަގުތު ހޭދަކޮށް، އޮންލައިންކޮށް ސްކޫލް އިމްތިހާނުތަކުގައި ބައިވެރިވެފައިވެއެވެ.

ސްޕެއިނުން މީޑިއާގެ ސަމާލުކަންވެސް އެންމެ ބޮޑަށް ދޭ ޔަމާލްގެ ބައްޕަކީ މޮރޮކޯއަށް އުފަން މީހެކެވެ. އޭނާގެ މަންމަ ނިސްބަތްވަނީ އެކުއެޓޯރިއަލް ގީނީއަށެވެ. ޔަމާލް އުފަންވެ ބޮޑުވެފައި ވަނީ ބާސެލޯނާ ސިޓީގެ ބޭރުން އޮންނަ އަވަށެއް ކަމަށްވާ އެސްޕްލުގޭސް ޑި ލޮބްރެގާޓަށެވެ. ޖުލައި 2007 ވަނަ އަހަރު އުފަންވި ޔަމާލް އުޅެ ބޮޑުވީ، ހިޖުރަ ކުރާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރޮކަފޮންޑާ ހިސާބުގަނޑުގައެވެ. އެއީ ކަޓަލާން ސިޓީގެ ބައެއް ކަމަށް މަޓާރޯއަށް ނިސްބަތްވާ ހިސާބެކެވެ. އެހެންކަމުން ޔަމާލަކީ އެކިއެކި ފައިދާތަކަށް ސްޕެއިނަށް ހިޖުރަކޮށްގެން އުޅޭ ދަރިކޮޅެއްގެ ރަމްޒެއް ކަމަށް ބުނެވިދާނެއެވެ.

އަނެއްކޮޅުން ނިކޯގެ ވާހަކަ ތަފާތެވެ. ނިކޯ 2002 ވަނަ އަހަރު އުފަންވީ ސްޕެއިންގެ ޕަންޕްލޯނާއަށެވެ. އޭގެ ނުވަ އަހަރު ކުރިން ގާނާއަށް ނިސްބަތްވާ އޭނާގެ މަންމަ މާރިއާއާއި، ފެލިކްސް ސްޕެއިނަށް އެތެރެވާން ކުރީ ތަކުލީފު ބޮޑު ދަތުރެކެވެ. ބޮޑު ބައެއްގައި ހިނގާފައި ސަހަރާތައް ހުރަސްކޮށް، މާރިއާއާއި ފެލިކްސް ސްޕެއިންގެ ކޮންޓްރޯލް ސަރަހައްދަށް ފުރަތަމަ އެތެރެވީ އުތުރު އެފްރިކާގެ މެލީލާއަށެވެ. މާރިއާ އޭރު އިނީ ނިކޯގެ ބޭބެ، އިނާކީ ވިލިއަމްސްއަށް ބަލިވެއެވެ. އެ ސަރަހައްދުން ނިކޯގެ މަންމައާއި ބައްޕަ ހައްޔަރުކުރުމުން، ހާއްސަ ގާނޫނީ އެހީތެރިކަމެއްގައި ސްޕެއިނަށް އެ އާއިލާއިން އެތެރެވީ "ދޮގެއް"ވެސް ހަދައިގެންނެވެ.

އެއީ ސިޔާސީ ހިމާޔަތް ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ ހަނގުރާމައިގެ ގައުމަކުން އައި އާއިލާއެއް ކަމަށް ބުނެގެން ކަމަށްވާތީ، ނިކޯގެ ބައްޕަ އިދާރާތަކުގެ މީހުން ގާތުގައި ބުނީ އެ އާއިލާ އައީ ލީބިއާއިން ކަމަށެވެ. އެހިސާބުން ދޫކޮށްލުމުން، ސްޕެއިންގެ ބިލަބާއޯއަށް އެތެރެ ވެވުނީ ދިމާވި ގާނޫނީ ވަކީލުގެ އެހީގައެވެ.

އެ މައްސަލަތަކުގެ ތެރެއިން މިހާރު ނިކޯ ހުރީ ސްޕެއިން ތަމްސީލުކުރަން އެންމެ މަތީ ފަންތީގައެވެ. ބޭބެ އިނާކީ ކުޅެމުން އަންނަނީ ގާނާއަށެވެ.

ތަފާތު ނަސްލުތަކުގެ، ތަފާތު ދިރިއުޅުމަކުން ގައުމީ ޓީމާއެކު ޔޫރޯ 2024 އަށް ނުކުމެ، ނިކޯއާއި ޔަމާލް ދެމުން އަންނަނީ ސްޕެއިން ފުޓުބޯޅައަށް ހާއްސަ މެސެޖެކެވެ. ދައްކަމުން އަންނަ ތަފާތަކީ ސްޕެއިންގެ އެތައް ފުޓުބޯޅަ ސަޕޯޓަރުންނެއް ވިސްނަން ޖެހޭނެ މެސެޖެކެވެ. ސްޕެއިންގެ މުސްތަގުބަލަށް، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ފުޓުބޯޅައިގައި ކުރަމުން އަންނަ ހަނގުރާމައިގައި ޔަމަލާއި ނިކޯގެ މަންޒަރަކީ "މިސާލު" ނަގަން ޖެހޭ، މުހިއްމު މަންޒަރަކަށް މިއަދު ވެއްޖެއެވެ. މިރޭ ޖަރުމަނާ ދެކޮޅަށްވެސް ސްޕެއިނުން އެންމެ ބޮޑަށް ބާރޯސާ ވާން ޖެހޭ ދެ ކުޅުންތެރިންނަކީ އެއީއެވެ.