ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރީ ހިންގުން، ފީފާއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އާ ހަވާލުކުރައްވައިފިއެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު، މިދިޔަ އަންގާރަ ދުވަހުގެ ރޭ 12:00 އަށް ހަމަވެފައިވާއިރު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް މިހާރު ހުންނެވީ ފުޓުބޯޅައިން ސަސްޕެންޑްކޮށްފައެވެ. މިދިޔަ މަހު ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައިވަނީ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީންނެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ އާޓިކަލް 86 އަކަށް ރިއާޔަތް ކޮށެވެ.
އެ ސަސްޕެންޝަނާއެކު އެފްއޭއެމްގެ ރައީސް ކަމަށް ހުސްކަމެއް އައި ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ. އެއީ ފުޓްބޯޅައިން ސަސްޕެންޑް ކުރުމުން ދެން އެފްއޭގެ ރައީސްކަމުގައިވެސް ނުހުރެވޭނެތީއެވެ. އެހެންކަމުން ބައްސާމަށް ކުރިންވެސް އޮތީ މަގާމު ގެއްލިފައެވެ.
އެފްއޭއެމް މިހާރު ގާނޫނީ ހުސް ކަމަކަށް އައިސްފައިވާއިރު، ފީފާ އިން އަންގާ ފައިނަލް އެންގުން އަދި އަންގާފައެއް ނުވެއެވެ. ފީފާ އިން އެފްއޭއެމްއާ މިހާރުވެސް މުއާސަލާތު ކުރަމުންދާއިރު، އެ މަސައްކަތް ކުރަމުންދަނީ ޖައުއެވެ.
ޖައު، އޭނާއާ ހަވާލުވި ރޯލާ ގުޅޭ ގޮތުން 'ވަން ސްޕޯޓްސް'އަށް ވިދާޅުވީ، އޭނާއާ ހަވާލުވީ އެފްއޭއެމްގެ އިދާރާ ހިންގުން ހުއްޓުމެއް ނެތި، ކުރިއަށް ގެންދިއުމަށް ކަމަށާއި ތަންފީޒުކުރާނީ ފީފާގެ ނިންމުންތައް ކަމަށެވެ. އަދި މިހާލަތުގައި ޒިންމާ އަދާކުރުމުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ވަން ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި ފީފާގެ ނިންމުމަކީ ރާއްޖޭގެ އެފްއޭ ނޯމަލައިޒްކޮށް، ހަމައަކަށް އަޅުވަން މަސައްކަތް ކުރުމެވެ. ފައިސާގެ މައްސަލަތައް ބޮޑުކޮށް އެފްއޭ އޮތުމުން، އެ މައްސަލަތަކާއި އިދާރާ މައްސަލަތައް ހައްލުކުރުމަށް ނޯމަލައިންޒޭޝަންގެ ތެރެއިން ވަގުތު ދޭން ފީފާ އިން ނިންމާނެ ކަމަށް ބެލެވޭ އިރު، ތަޖުރިބާކާރަކު "ވަން ސްޕޯޓްސް" އަށް ބުނީ "ނޯމަލައިޒް ކުރާނެ ކަމަށް 99 ޕަސެންޓް ޔަގީން" ކަމަށެވެ.
ނިންމުން ލަސްވަމުންދަނީ އެ ނިންމުމަކީ ފީފާ ކައުންސިލުން ނިންމަންޖެހޭ ނިންމުމަކަށްވާތީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.ފީފާގެ ކައުންސިލް ބައްދަލުވުމެއް ދެން އެންމެ އަވަހަށްވެސް އޮތީ މި މަހުގެ ފަހު ކޮޅުއެވެ. ފީފާއާއި އޭއެފްސީގެ އެ ނިންމުމާ ހަމައަށް ދެން ރާއްޖޭގެ އެފްއޭ ހިނގަމުންދާނީ އެކްސްކޯއެއް ނެތި، އިދާރީ ހިންގުން ޖައުގެ ބެލުމުގެ ދަށުންނެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް