ރާއްޖޭގެ ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ (ނަބާ)، އޮލިމްޕިކްސް ކުރިއަށް ތަމްރީނުތަކަކަށް ދެކުނު ކޮރެއާއަށް ދާން މަސައްކަތްކުރި ކުރުން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އިން ވިސާ ހަމަނުޖައްސައި އޮތުމުން، ނާކާމިޔާބުވެއްޖެއެވެ.

ޓޯކިޔޯގައި 2021 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްއިންވެސް ފުރުސަތު ހޯދި ނަބާހާ، މިފަހަރުވެސް ވަނީ ބެޑްމިންޓަންއިން ދޭ ޓްރައިޕާޓައިޓް ފުރުސަތު ހޯދައިފައެވެ. އެ ފުރުސަތަކީ ދައުވަތުން ދޭ ފުރުސަތެއް ނަމަވެސް، ފުރުސަތު ލިބެނީ އަހަރުގެ ރޭންކިންއަށް ކުޅޭ މުބާރާތްތަކުން ހޯދާފައިވާ ނަތީޖާތަކަށް ބަލައިގެންނެވެ. ނަބާހާ ވެގެންދަނީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްއެއްގައި ވާދަކުރާނެ ފުރަތަމަ ބެޑްމިންޓަން އެތުލީޓަށެވެ.

ނަބާހާ މިފަހަރު އޮލިމްޕިކްސް ކުރިނއ ރަނގަޅު ފެންވަރުގެ ތަމްރީނުތަކެއް ހެދުމަށް ދެކުނު ކޮރެއާއިން ފުރުސަތު ހޯދީ ގައުމީ ބެޑްމިންޓަން ޓީމުގައި ހުރި ދެކުނު ކޮރެއާގެ ކޯޗާ މަޝްވަރާ ކުރުމަށްފަހުއެވެ. ކޯޗު ނަބާހާއަށް ފުރުސަތު ހޯދައިދިނީވެސް ކޮރެއާގެ އެންމެ ވަރުގަދަ ބެޑްމިންޓަން ޔުނިވާސިޓީތަކުންނެވެ. އެގޮތުން ތިން ޔުނިވާސިޓީއަކުން ހޯދައިދިން ފުރުސަތާއެކު ނަބާހާ ވަނީ ކޮރެއާއަށް ތަމްރީނުތަކަށް ދިޔުމަށް ހަރަދު ހަމަޖެއްސުމަށް ސްޕޯޓްސް މިނިސްޓްރީއާއި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއާއެކު މަސައްކަތްކޮށް، އެކަން ކާމިޔާބުވެސް ކޮށްފައެވެ.

"ޖޫން މަހު ކުރީކޮޅު ކޮރެއާގެ ތަމްރީނުތައް ހަމަޖެއްސީ. ޕްލޭން ކުރީ ގައުމީ ޓީމުގެ ކޯޗު. އެ ކަންކަން ޕްލޭންކޮށް މިނިސްޓްރީއާއި އެމްއޯސީއާވެސް ވާހަކަ ދައްކައި، އެ ހަރަދުތައް ހަމަޖެހުމާއެކު ޓިކެޓްވެސް ފޮނުވި ޖޫން 23 ވަނަ ދުވަހު. ދެން ވިސާ ކަންތައް ހަމަޖައްސަނީ އެސޯސިއޭޝަނުން. ވިސާ ނަގަން ޖެހޭކަން އެނގިގެން ބީއޭއެމްގެ އިސް މީހެއް ގާތުގައި އަހަންވެސް އެހިން ވިސާގެ ވާހަކަ. 30 ވަނަ ދުވަހު ފުރަން އޮތުމުން ވިސާގެ ވާހަކަ އެހުމާއެކު އެސޯސިއޭޝަނުން ބުނީ އޮން އަރައިވަލް 90 ދުވަހުގެ ވިސާ ލިބޭނެ ކަމަށް،" ނަބާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ނަބާހާ ބުނީ އޮން އަރައިވަލް ވިސާ ނުލިބޭނެކަން އެނގުނީ ކޯޗުގެ ފަރާތުން ކަމަށާއި، އެކަން އެނގިގެން ބީއޭއެމްގެ ފަރާތުން މައުލޫމާތު ސާފުކުރިއިރު އޮތީ އިތުރު ވިސާއެއް ހަމަނުޖައްސައި ކަމަށެވެ. އެކަން އެނގުނީވެސް ފުރަން އޮތް ދުވަހުގެ ކުރީ ރޭގައި ކަމަށްވެސް ނަބާ ބުންޏެވެ.

ނަބާހާ "ވަން ސްޕޯޓްސް"އަށް އިތުރަށް ބުނީ ގެއްލިގެން ދިޔައީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، އޮލިމްޕިކްސްއަށް ވީ އެންމެ ރަނގަޅަކަށް ތައްޔާރުވާން ކުރި މަސައްކަތުގައި ލިބުނީ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ.

މިއީ ވިސާ މައްސަލަ ޖެހިގެން ނަބާއަށް ރަނގަޅު ފުރުސަތެއް ގެއްލިގެންދިޔަ ދެވަނަ ފަހަރެވެ.

މީގެ ކުރިން 2021 ވަނަ އަހަރު، ސްޕެއިނުގައި ކުރިއަށްދިޔަ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތުގައި ވާދަކުރަން ގައުމީ ބެޑްމިންޓަން ޓީމުގެ ދެބެން ކަމަށްވާ ނަބާހާއާއި އައިމިނަތު ނަބީހާ (ނަބީ) އަށް ނުދެވުނީ ވިސާ ހަމަނުޖެހިގެންނެވެ. އެފަހަރު ނަބީހާއާއި ނަބާހާ ވާދަކުރަން މަސައްކަތްކުރީ ދުނިޔޭގެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައެވެ.

ނަބާހާގެ ވިސާގެ މައްސަލައިގައި ބީއޭއެމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. ބީއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، މިހާރު އޮތް ދައުރުގެ މުއްދަތު ހަމަވެ، އޭގެފަހުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދެ ފަހަރެއްގެ މަތިން ދިން މުއްދަތު ވެސް ވަނީ ހަމަވެފައެވެ.

ބީއޭއެމްއަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންގެންދާ ތަހުގީގުގައި މިހާތަނަށް ގިނަ ކަންތައްތަކެއް ހިނގާފައިވެއެވެ. ބީއޭއެމްގެ ރައީސް މޫސާ ނާޝިދު، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން، ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށްބުނެ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ އެސޯސިއޭޝަން ހިންގުމުގައި އެތަނަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާ ފަދައިން އަމަލުކޮށް، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމާއި ހޯދައިދީފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭ ހެކި ހޯދުމަށް ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ތިން އަމުރެއް ކުރިމިނަލް ކޯޓުން އޭސީސީގެ މައްޗަށް ނެރުނެވެ.

އޭގެ ތެރެއިން ތަންތަނާއި ތަކެތި ބަލައި ފާސްކުރުމާ ގުޅޭ ދެ އަމުރު ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް މޫސަ ހުއްޓުވައި ބަލައި ފާސްކުރުމަށް އޭސީސީގެ މައްޗަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފިއެވެ.

މޫސަގެ ކޮރަޕްޝަންގެ ކަންތައްތަކާ ގުޅޭގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެއެވެ.

މޫސަގެ މައްޗަށް ތުހުމަތުތައް ކުރުމާއެކު އޭނާ އެސޯސިއޭޝަނުގެ އިންތިހާބު އިއުލާނުކޮށް، އާ އިންތިހާބެއް އަވަސް އަރުވާލައިގެން ބާއްވަން މަސައްކަތް ކޮށްފައިވާ އިރު، އެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް މިހާރު ވަނީ މަޑުޖައްސާލަން އަންގައިފައެވެ.