ކްރިމިނަލް ކޯޓަށް ވަގުތީ ގޮތުން ދިން ހުޅުމާލެ ކޮވިޑް ފެސިލިޓީ ކުރިން ހިންގި އިމާރާތުގެ ގްރައުންޑް ފްލޯ އެ ކޯޓަށް ނުލިބުމަކީ ސަލާމަތީ ގޮތުން މައްސަލަތަކެއް ދިމާވެދާނެ ކަމެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ބޭފުޅުން ހާޒިރުކޮށް އެ މުއައްސަސާތަކުގެ މަސައްކަތްތައް އޮޅުންފިލުވުމުގައި މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ، ކްރިމިނަލް ކޯޓަށް ދޫކޮށްފައިވާ ހުޅުމާލެ ކޮވިޑް ފެސިލިޓީ ކުރިން ހިންގި އިމާރާތުގެ މަސައްކަތް ޑިސެމްބަރު މަހުގެ 15 އަށް ނިމުނު ނަމަވެސް، އެއީ ފަސް އަހަރަށް ލިބިފައިވާ އިމާރާތެއް ކަަމަށް ވިދާޅުވިއެވެ.
އަދި އެ ތަން ހެދުމަށް 33 މިލިޔަން ރުފިޔާގެ ބޮޑު އަދަދެއް ހަރަދުވާއިރު އެ ތަނުގެ އެންމެ ތިރި ނުލިބުމަކީ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ސުއޫދުގެ އެ ވާހަކަތައް ތަފުސީލު ކޮށްދެއްވަމުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކްރިމިނަލް ކޯޓުގެ އޮފިޝަލުން ވިދާޅުވީ ކްރިމިނަލް ކޯޓަށް ގެންދަނީ ޖިނާއީ ބޮޑެތި ކުށްތަކުގެ މީހުން ކަމަށްވާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިމާރާތުގެ އެންމެ ތިރި ބޭނުންވާނެ ކަމަށެވެ.
ސުއޫދު ވިދާޅުވީ، ކޯޓުތައް ހިންގުމަށް ދާއިމީ އިމާރާތެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލަ އޮތީ ހަމައެކަނި ކްރިމިނަލް ކޯޓަށް އެކަނި ނޫން ކަމަށެވެ. ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން ދެން ހުރި ދަށު ކޯޓުތަކަށްވެސް ދާއިމީ އިމާރާތެއް ނެތްއިރު ޖުޑީޝަރީއަށް ލިބިފައި ހުރި ހަމައެކަނި އިމާރާތް ކަމަށްވާ ޖަސްޓިސް ބިލްޑިންވެސް ބާވެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު