ހުޅުމާލެ ފޭސް ދޭއްގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓްގެ ފަސްވަނަ ޓަވަރު ކައިރިން ކާރަކާއި ސައިކަލެއް ޖެހި، އެ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް މިއަދު ހެނދުނު 8:13 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެއީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ އަހާރިޔާ ގޮފި ކައިރީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. މިއަދު ހެނދުނު 9:45 ހާއިރު ހިނގި އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި ދެ މީހުންނަށްވެސް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އެ އެކްސިޑެންޓްގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ.

އެތަނުން 21 އަހަރުގެ މީހާއަކީ ވެސް ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ. 33 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.