އިގުތިސޯދު މިހާލަތަށް ވެއްޓުނީ މިސަރުކާރުގެ ސަބަބުން ނޫން ކަމަށާއި ނަމަވެސް މި ހާލަތުން އަރައިގަތުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކަށް ތާއީދު ކުރައްވާ ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ސަރުކާރުގެ ސުޕަ މެޖޯރިޓީއާ އެކު ގެންނަ ބަދަލުތައް ގާތުން ރައްޔިތުން ބަލަމުންދާ ކަމަށެވެ. ހެޔޮ ބަޔަލުތައް ގެނެވި، ގައުމު އިސްލާހުގެ މަގަށް ހުށަހެޅުމަށް ކުރަމުންދާ މަސައްކަތްތައްވެސް ބަލަމުންދާ ކަމަށެވެ.
"މިއަދު ގައުމު މިހާލަތަށް ވެއްޓިފައި މިއޮތީ މިއަދުގެ ސަރުކާރުން ކޮށްގެން އުޅޭ ކަމަކުން ނޫނޭ. އެކަމަކު މިއަދު އަޅުގަނޑުމެން އެބަ ޖެހޭ ހިތި ބޭސް ބޮއެގެންވެސް އަޅުގަނޑުން އައިއެމްއެފް ޕްރޮގްރާމަށް ނުވަދެ، އަމިއްލަ ފައިމައްޗަށް ތެދުވަން. އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން އަޅުގަނޑު އެއްބަސް، ފުރިހަމައަށް ތާއީދު،" ގާސިމް ވިދާޅުވިއެވެ.
އެއީ ފުރަތަމަ ޖެހެނީ ދައުލަތުގެ ހަރަދު ކުޑަކުރަން ކަމަށާއި ގެއްލުންވާ ކުންފުނިތައް އުވާލަންޖެހޭ ކަމަށެވެ. އަދި ޕްރިވެޓް ސެކްޓާއަށް ފުރުސަތުދީ، ޓެކްސްގެ ނިޒާމުގެ ބޭނުން ހިފައި، ސިންގަޕޫރް މޮޑެލަށް މި ގައުމު ހިންގަންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ވަރަށް ރަނގަޅު ފިޔަވަޅުތައް ކަމަށާއި އެކަމަށް ވެދެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު