މިއީ ކެރިއަރުގައި ކުޅޭނެ ފަހު ޔޫރޯ މުބާރާތް ކަމަށާއި އެކަން ޔަގީން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޔޫރޯ 2024 ގެ ގަދަ 16 ގައި ޕޯޗުގަލްއިން ރޭ ކުޅުނު މެޗުގައި ޕެނަލްޓީގައި ސްލޮވީނިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައިވެސް ގޯލެއް ޖެހިފައި ނުވާ އިރު، ރޮނާލްޑޯއަށް ވެސް އަދި މި ޔޫރޯގައި ގޯލެއް ޖެހިފައެއް ނުވެއެވެ. ރޭގެ މެޗުގެ އިތުރު ވަގުތުގައި ރޭ ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީގައި ރޮނާލްޑޯ ގޯލެއް ޖަހަން ކުރި މަސައްކަތަށް ހުރަސް އެޅީ، ސްލޮވީނިއާގެ ކީޕަރު ޔާން އޮބްލަކެވެ.

ރޭގެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ސްލޮވީނިއާގެ ތިން ޕެނަލްޓީވެސް ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ މަތަކުރި އިރު، ޕޯޗުގަލްގެ އެންމެ ފުރަތަމަ ޕެނަލްޓީ ޖަހަން ޒިންމާ ނަގައިގެން ގޮސް، އެ ޕެނަލްޓީ ވައްދާލީ މެޗު ތެރޭގައި ޕެނަލްޓީ ނާކާމިޔާބުވި ރޮނާލްޑޯއެވެ.

"އަހަރެން އުންމީދު ކުރީ ޕެނަލްޓީ ކާމިޔާބުވާނެ ކަމަށް. އެކަމަކު އޮބްލެކް ވަރަށް ރަނގަޅު ސޭވްއެއް ކުރީ. އަހަރެން މައާފަށް އެދެން އެ ޕެނަލްޓީ ނާކާމިޔާބުވީމަ. އެ ޕެނަލްޓީ ނާކާމިޔާބުވީމަ އަހަރެން ބޭނުންވީ ފުރަތަމަ ޕެނަލްޓީ ޖަހަން ނުކުންނަން. ޝޫޓްއައުޓަށް އެންމެ ފުރަތަމަ ނުކުތީ ޒިންމާ ނަގަން ވެގެން. ޒިންމާ ނަގަން ޖެހޭ ހާލަތުގައި ޒިންމާ ނަގަން ޖެހޭނެ،" ރޭގެ މެޗަށްފަހު އުމުރުން 39 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ޕޯޗުގަލް ހޯދީ ހައްގު މޮޅެއް ކަމަށާއި ކޮސްޓާގެ ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ފްރާންސާ އެކު ކުޅެން އޮތް ކުއާޓާ ފައިނަލް މެޗު ވަރަށް އުނދަގޫ ވާނެކަން ފާހަގަކުރަމުން ރޮނާލްޑޯ ބުނީ "ހަޔާތުގައި އެއްވެސް ކަމެއް ކުރަން ޖެހިލުންވެ އުންމީދު ކަނޑާނުލާނެ،" ކަމަށާއި "އަމާން ދިނުމަކީ ޑިކްޝަނަރީގައި ހިމެނޭ ބަހެއް ނޫން،" ކަމަށެވެ.

އޭގެ އިތުރުން ރޭގެ އިންޓަވިއު ނިންމާލަމުން އޭނާ ބުނީ "މިއީ އެންމެފަހު ޔޫރޯ މުބާރާތްކަން ޔަގީން،" ކަމަށެވެ.

ރޮނާލްޑޯއަކީ ޔޫރޯ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އަދި އޭގެ އިތުރުން އޭނާއަކީ ހަ ޔޫރޯ މުބާރާތެއްގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ. 2004 ވަނަ އަހަރުން ފެށިގެން ބޭއްވި ހުރިހާ ޔޫރޯއެއްގައި ރޮނާލްޑޯ ކުޅެފައިވެއެވެ.