މާސްކް އަޅައިގެން ކުޅެން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި މިހާރު އުނދަގޫ ކަމުން މާސްކް ބަދަލުވެސް ކޮށްފައިވާ ކަމަށް ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފިއެވެ.
ފްރާންސުން މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅެ، 1-0 އިން މޮޅުވި އިރު، އެ މެޗުގައި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެމްބާޕޭގެ ނޭފަތަށް ވަނީ އަނިޔާވެފައެވެ. އެމްބާޕޭގެ ނޭފަތް ބިންދައިގެން ދިޔުމުގެ ސަބަބުން އޭނާ ސާޖަރީއަކަށް ދާން ފުރަތަމަ އުޅުނު ނަމަވެސް، އޭރުން މުބާރާތް އެއްކޮށް ގެއްލިދާނެތީ އެފްއޭއިން ނިންމީ އެމްބާޕޭ މާސްކްގައި ކުޅެން ނެރޭށެވެ.
ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗު އެމްބާޕޭއަށް ގެއްލުނު ނަމަވެސް، އޭނާ ވަނީ ޕޮލެންޑާ ދެކޮޅަށް ކުޅެފައެވެ. އެމެޗު 1-1 އިން އެއްވަރުވި އިރު، ޕެނަލްޓީއެއްގައި އެމްބާޕޭ ގޯލު ޖެހިއެވެ. މާސްކްގައި ކުޅެމުން ދިޔަ އެމްބާޕޭ ގޯލު ޖަހައި މާސްކް ނަގައިގެން އުފާފާޅުވެސް ކޮށްފައިވެއެވެ.
"މާސްކް އަޅައިގެން ކުޅުމަކީ ވަރަށް ބޮޑު އުނދަގުލެއް. އަހަރެން މިހާރު ދެ ފަހަރަކަށް މާސްކް ބަދަލުވެސް ކޮށްފިން. އެއީ އުނދަގޫކަމުން. މާސްކާ ހެދި ރަނގަޅަކަށް ނުއެއް ފެނޭ. އަދި ވަރަށް ބޮޑަށް ދަލުގެ އުނދަގޫ ލޮލަށް ކުރޭ. މާސްކްގައި ދާ ހަރުލުމުން އަބަދު އަބަދު ނައްޓާލާފައި ދާ ފިލުވާލަން ޖެހޭ،" އެމްބާޕޭ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
އެމްބާޕޭ އިތުރަށް ބުނީ މާސްކުން އޭނާގެ ފެނުމަށް އަސަރު ކުރާ ކަމަށެވެ. އެ ހުރިހާ އުނދަގުލެއް ހުރި ނަމަވެސް، ދެން މިފަހަރުގެ މުބާރާތުގައި އޭނާއަށް އިތުރު ގޮތެއް ނެތް ކަމަށެވެ. އަދި ބުނީ މާސްކް ނެގެން އޮތް އެންމެ އަވަހަކަށް ނަގަން ބޭނުންވި ނަމަވެސް، މިވަގުތަށް އެ ނާޅާ ކުޅުމަށް އޭނާއަށް ހުއްދައެއް ނެތް ކަމަށެވެ.
މިރޭ ބެލްޖިއަމާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗުގައިވެސް އެމްބާޕޭ ކުޅޭނެ ކަމަށް ބެލެވޭ އިރު، އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024