ޔަގީނުންވެސް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އެންމެ މޮޅު ގޯލު ޖެހިންތެރިޔާއެވެ. ރެކޯޑު ގޯލު ޖެހުންތެރިޔާ ވެސް މެއެވެ. އޭގެން އެއްވެސް ކަމަކީ ބަހުސެއް ކުރެވޭނެ ޖާގައެއް ނެތެވެ. އުމުރުން 39 އަހަރުގައި ވިޔަސް، ރޮނާލްޑޯ އަދިވެސް ދައްކަމުންދަނީ ތަފާތު ރޫހެކެވެ. އެ ރޫހުގެ މައްޗަށް ޕޯޗުގަލްއިން ވަނީ ގްރޫޕް ސްޓޭޖުގައި އޭނާއަށް ބަރޯސާވެސް ވެފައެވެ. މިހާ ހިސާބުން ބައެއް ނޫސްތަކުން ކޮށްފައިވާ ސުވާލަކީ ކުރިއަށް އޮތް މަރުގެ މެޗުތަކަކީ ރޮނާލްޑޯއާ އެކު ފަށަން ޖެހޭ މެޗުތަކެއްތޯ ކޮށްފައިވާ ސުވާލެވެ.
ޔަގީނުންވެސް ކޯޗު ރޮބާޓޯ މާޓިނޭޒް އެންމެ ބޭނުންވާ ފޯވަޑަކީ އަދިވެސް ރޮނާލްޑޯއެވެ. ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ޗެކު ރިޕަބްލިކް ކައިރިން 2-1 އިން މޮޅުވި މެޗަށްފަހު، ދެން ކުޅުނު މެޗުގައި ތުރުކީއާ ދެކޮޅަށް ރޮނާލްޑޯ ފަށާނެތޯ ސުވާލު ކުރުމުން މާޓިނޭޒް ވަނީ ރުޅިގަދަވެ ރައްދު ދީފައެވެ.
މާޓިނޭޒް ބުނީ ދުނިޔޭގެ އެހެން އެއްވެސް ކުޅުންތެރިޔަކު މިހާތަނަށް ހަ ޔޫރޯގައި ކުޅެފައިވާ ނުވާ ކަމަށާއި ރޮނާލްޑޯ ޓީމަށް ގެނެސްދެނީ ތަޖުރިބާ ކަމަށެވެ. އޭގެ އިތުރުން ރޮނާލްޑޯއަކީ މެޗު ތެރޭގެ ހާލަތު އަމިއްލައަށް ދެނެގަންނާނެ ސްމާޓް ކުޅުންތެރިއެއް ކަމަށާއި ތަޖުރިބާއާ އެކު އޭނާ ގޯލު ޖެހުން އެއީ ޓީމަށް އެންމެ މުހިއްމު ކަންތައް ކަމަށެވެ. ރޮނާލްޑޯ އޭރިއާ ތެރޭގައި ނަގާ މޫވްތައް ފާހަގަވާން ޖެހޭނެ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.
"ރޮނާލްޑޯގެ ފިޓްނަސްއާ މެދު ސުވާލު އުފެދޭނަމަ، މިދިޔަ 12 މަސް ދުވަހު އޭނާ ކުޅުނު މެޗުތަކާއި ކުޅުނު ވަގުތު ބަލާލާ! ރޮނާލްޑޯ ގައުމީ ޓީމުގައި ހުރީ ހައްގުވެގެން. މިދިޔަ ސީޒަނުގައި 50 މެޗުން އޭނާ 51 ގޯލު ޖެހި. ރޮނާލްޑޯ އެހުރީ ހަތަރު ދުވަހުން އެއް ދުވަހު މެޗު ކުޅެވޭ ވަރަށް ފިޓްކޮށް،" މާޓިނޭޒް ރުޅިގަދަވެފައި ބުންޏެވެ.
ތުރުކީ މެޗުގައި ރޮނާލްޑޯގެ ކުޅުން ފާހަގަވިއެވެ. މުހިއްމު، ރެކޯޑު ހެދި އެސިސްޓެއްވެސް ދިނެވެ. އިތުބާރާ އެކު މާޓިނޭޒް ވަނީ ފަހު މެޗަށްވެސް ރޮނާލްޑޯ ނެރެފައެވެ. އެމެޗަށް ޕޯޗުގަލްއިން ގިނަ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިން އިރު، ރޮނާލްޑޯ ބެހެއްޓިއެވެ. ބޭލީ ފަހުންނެވެ. ޕޯޗުގަލްއިން ޖޯޖިއާ ކައިރިންވި ބައްޔާއެވެ. އެ ބައްޔާ އެކު ރޮނާލްޑޯ ހިތްހަމަ ނުޖެހުނަސް، އެ މެޗަކީ މިރޭގެ މެޗުހާ މުހިއްމު މެޗެއް ނޫންކަން ޔަގީނެވެ.
ރޮނާލްޑޯއަށް ގްރޫޕް ސްޓޭޖުގައި ގޯލެއް ނުޖަހައި ނިންމާލުން އެއީ މުޅިން އާކަމެކެވެ. އެއީ އޭނާ ދެއްކި ފެންވަރެވެ. މިދިޔަ ފަސް ޔޫރޯގައިވެސް ގްރޫޕް ސްޓޭޖުގައި އޭނާ ގޯލު ޖެހިއެވެ. އެހެންވީމަ މިއީ ރޮނާލްޑޯއަށް ނާކާމިޔާބު ފެށުމެއްތޯ ސުވާލު ކުރެވެއެވެ. އެހެންނަމަވެސް އެ ސުވާލުގެ ޖަވާބު، އަދަދުތަކުން ބަލާނަމަ ސާފެވެ. ރޮނާލްޑޯ އަދި "މުސްކުޅިއެއް ނުވެއެވެ." މިފަހަރުގެ ގްރޫޕް ސްޓޭޖަކީ ބޮޑެތި އެހެން ތަރިންނަށްވެސް ނާކާމިޔާބު ގްރޫޕް ސްޓޭކެވެ. ރޮމެލޫ ލުކާކޫއަށް ވެސް ގޯލެއް ނުޖެހެއެވެ. ކިލިއަން އެމްބާޕޭ އާއި ހެރީ ކޭންއަށް ވެސް ޖެހުނީ އެންމެ ގޯލެކެވެ.
ރޮނާލްޑޯގެ އަދަދުތައް އެއްވެސް ހާލަތެއްގައި ގޯހެއް ނޫނެވެ. ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި ގޯލަށް އެންމެ ގިނަ ޝޮޓް ހެދި ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ. އެއީ 12 ޝޮޓެވެ. އިދިކޮޅު ޓީމުގެ އޭރިއާ ތެރޭގައި އެންމެ ގިނައިން ބޯޅައިގައި ޖެއްސި 10 ކުޅުންތެރިންގެ ތެރޭގައިވެސް ރޮނާލްޑޯ ހިމެނެއެވެ. އޭނާ ވަނީ ތިން މެޗުން 16 ޓަޗް، އިދިކޮޅު އޭރިއާ ތެރޭގައި ޖައްސައިފައެވެ. ރޮނާލްޑޯ ގޯލަށް އަމާޒުކޮށް ފަސް ޝޮޓެއް ހެދި އިރު، އެއީ ޔޫރޯގެ ގްްރޫޕް ސްޓޭޖުގައި ތިންވަނައަކަށް އެންމެ ގިނަ ޝޮޓް ގޯލަށް ހެދި ކުޅުންތެރިޔާއެވެ.
ދެން އޮތް އަނެއް ކަމަކީ، ރޮނާލްޑޯ ޓީމުގެ ފޯވާޑް ލައިނާ ގުޅިގެން ކުޅުނުތަން ފެނުނެވެ. އޭނާގެ މޫވްތައް އަދިވެސް ވަރަށް ނުރައްކަލެވެ. ގޯލު ޖެހުމަށް ބޮޑު، ދެ ފުރުސަތެއް ރޮނާލްޑޯ ފަހި ކުރިއެވެ. އެއީ މިފަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ފަސްވަނައަކަށް އެންމެ ގިނަ ފުރުސަތު ތަނަވަސް ކުރި ކުޅުންތެރިޔާއެވެ.
އެހެންކަމުން އަދަދުތަކަށް ބަލައި، މިރޭވެސް ރޮނާލްޑޯ ފަށަން ޖެހެއެވެ. މާޓިނޭޒް އެ ވިސްނުމުގައި ހުރިކަންވެސް ސާފެވެ. އަދި އޭނާގެ ވިސްނުމުގައި ސްލޮވީނިއާ ފަސޭހަކޮށް ނުނެގޭނެއެވެ.
ޕޯޗުގަލްގެ ކޯޗު މާޓިނޭޒް، މިރޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މިފަހަރު ޔޫރޯގައި ވާދަކުރާ ހުރިހާ ޓީމަކުންވެސް ކުޅެމުންދަނީ ތަށީގެ އުންމީދުގައި ކަމަށެވެ. އެހެންވެ، ހުރިހާ މެޗެއް ވެސް ތަފާތު ކަމަށެވެ.
"މިހާރު ޔޫރޯގައި ކުޅެމުންދާ ހުރިޙާ ޓީމެއްގެ ވެސް ވިސްނުން ވަރަށް ރަނގަޅު. އެމީހުން ކުޅެނީ މުބާރާތް ނެގޭނެ ކަމަށް ގަބޫލުކޮށްގެން. ސްލޮވީނިއާއަކީ ވެސް އެގޮތަށް، އެ ރޫހުގައި ކުޅޭ ޓީމެއް. އެޓީމު ވަރަށް އޮގަނައިޒް، ވަރަށް ވާދަވެރި. އެހެންވީމަ އަހަރެމެންނަށް ފަސޭހަ ނުކުރެވޭނެ. އަހަރެމެން ޖެހޭނެ އެންމެ ފުރިހަމަ މެޗެއް ކުޅެން،" މާޓިނޭޒް ބުންޏެވެ.
މާޓިނޭޒް ވަނީ އިއްޔެގެ ޕްރެސްގައި ސްލޮވީނިއާގެ ކާމިޔާބީ ފާހަގަކޮށްފައެވެ. އެއީ ސްލޮވީނިއާއިން މިރޭ ނުކުންނާނީ އެގައުމުގެ ތާރީހުގައި ޔޫރޯގައި ކުޅޭ ފުރަތަމަ ނޮކްއައުޓް މެޗަށް ކަމަށްވާތީއެވެ. ޕޯޗުގަލް އާއި ސްލޮވީނިއާ މިރޭ ކުޅޭ ގަދަ 16 ގެ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024