ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އަލުން އުފައްދައިފިއެވެ.
ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އުވާލާފައިވަނީ، ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު، މިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ.
ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އުވާލުމަށްފަހު، އެކަންކަން ބެލެހެއްޓީ ޕޮލިސް ސްޓޭޝަންތަކުގެ އޮޕަރޭޝަނަލް ޝިފްޓުތަކުންނެވެ. އެގޮތުން އަވަށު ޕޮލިސް ސްޓޭޝަންތަކުން ވަނީ އެ ސަރަހައްދެއްގެ ޓްރެފިކް އަދި އެ އަވަށެއްގެ މައްސަލަތައް ވަކިން ބަލައިފައެވެ. އެއީ ހެންވޭރު، މައްޗަންގޮޅި، މާފަންނު، ގަލޮޅުގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ވަކިންނެވެ.
ނަމަވެސް މި ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން މިއަދުން ފެށިގެން ޓްރެފިކް ޕޮލިހަށް ވަކި ދެ ޑިޕާޓްމަންޓެއް ވަނީ އުފައްދައިފައެވެ. އެއީ ހުލުމާލެ ސަރަހައްދު ޓްރެފިކް ބަލަހައްޓާ ޓްރެފިކް ފުލުހުންނަށް ވަކި ޑިޕާޓްމަންޓަކާއި މާލޭގެ ޓްރެފިކް ބަލަހައްޓަން ވަކި ޓްރެފިކް ފުލުހުންގެ ވަކި ޑިޕާޓްމަންޓެކެވެ.
މީގެ އިތުރުން ފުލުހުންގެ މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައެވެ.
އޭގެތެރޭގައި ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމް ކޮށްފައިވެއެވެ.
ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް، ތަނާ އެކަށީގެންވާ ޕޮލިސިން ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ވަނީ ގާއިމްކޮށްފައެވެ. އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ވެސް ގާއިމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު