ޔޫރޯ 2024 ގެ ގަދަ 16 ގައި މިރޭ ޖަރުމަނުން ޑެންމާކު ބަލިކޮށްފިއެވެ.
ބްރޫޝިއާ ޑޯޓްމުންޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޖަރުމަނުން ޑެންމާކު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނުން މިފަހަރުގެ ގަދަ 16 އަށް ނުކުންނަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ މިފަހަރުގެ މުބާރާތް ވަރުގަދަކޮށް ފަށައިފައެވެ. އެއީ ސްކޮޓްލެންޑް 5-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ދެން ޖެހިގެން އައި މެޗުގައި އެޓީމުން ހަންގޭރީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޖަރުމަނުން ގްރޫޕްގެ އެއްވަނަ ހޯދީ ފަހު މެޗުގައި ސްވިޒަލޭންޑާ އެއްވަރުކޮށްގެންނެވެ. ޑެންމާކުން ގްރޫޕް ސީގެ ދެވަނަ ހޯދީ، ތިން މެޗުން އެއްވަރުކޮށްގެންނެވެ. ފުރަތަމަ މެޗުގައި ސަލޮވީނިއާއާ އެއްވަރުކުރި އިރު، އެޓީމުން ވަނީ ފަހުން އިންގްލެންޑް އަދި ސާބިއާއާ އެއްވަރުކޮށްފައެވެ.
ހޯމް ޓީމު ޖަރުމަނަކީ ފެވަރިޓެއްގެ ގޮތުގައި އޮތް އިރު، މިރޭގެ މެޗުގެ ކުރިން ޑެންމާކުން ހިތްވަރު ހޯދީ 1992 ވަނަ އަހަރު ޔޫރޯ ފައިނަލުންނެވެ. އެއީ މި ދެ ޓީމުން މިރޭގެ ކުރިން ޔޫރޯ މެޗެއްގައި އެންމެފަހުން ކުޅެފައި އޮތް މެޗުވެސް މެއެވެ. އެ ފައިނަލްގައި ވަރުގަދަ ޖަރުމަނު ބަލިކޮށް، ތަށި ނަގާފައިވަނީ ޑެންމާކުންނެވެ. ޑެންމާކުގެ އެ ތާރީހީ ހަނދާނަކީ ހިތްވަރެއް ނަމަވެސް، ޖަރުމަނުގެ އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީ މިރޭގެ މެޗުވީ އުނދަގޫ މެޗަކަށެވެ.
ޖަރުމަނުން ފެށުން ވަރަށް ރަނގަޅުކުރިއެވެ. ކުރީކޮޅުގައި ޕެނަލްޓީ އޭރިއާ ބޭރުން ޖޯޝުއާ ކިމިކް ފޮނުވާލި ބާރު ހަމަލާ، ގޯލުގެ މަތީ ކަނަކަށް އަމާޒުވާން ދަނިކޮށް ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ އިތުރުން ނިކޯ ޝްލޮޓާބެކް ބޮލުން ފޮނުވާލި ހަމަލާ ވެސް ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައެވެ. ޝްލޮޓާބެކަކީ މިރޭގެ މެޗަށް ސަސްޕެންޝަނުގައި ހުރި ޖޮނަތަން ޓާގެ ބަދަލުގައި ނުކުތް ކުޅުންތެރިއެކެވެ.
އޭގެ އިތުރުން މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ޑޭވިޑް ރާމް ހިމަނާފައިވާ އިރު، ޒުވާން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒްގެ ބަދަލުގައި ފުރުސަތު ދީފައިވަނީ ލެރޯއީ ސާނޭއަށެވެ.
ފުރަތަމަ ހާފުގައި ޖަރުމަނުގެ ކައި ހަވާޓްޒް ގޯލެއް ޖަހަން ކުރި މަސައްކަތްވެސް ނާކާމިޔާބުވީ ޝްމައިކަލްގެ މޮޅު ސޭވްތަކުންނެވެ. ހަވާޓްޒް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއެއްގެ އިތުރުން ވޮލީއެއްގައި ފޮނުވާލި ހަމަލާވެސް މަތަކުރީ ޝްމައިކަލްއެވެ.
މިރޭ މެޗު ފެށިއިރުވެސް ޑޯޓްމުންޑަށް މޫސުން ގޯސްކޮށް އޮތް އިރު، މެޗު ތެރެއިން ބޯކޮށް ވާރޭވެހިފައިވެއެވެ. އަދި 35 ވަނަ މިނެޓުގައި ވިދުވަރެއް އައިސްގެން ރެފްރީ މައިކަލް އޮލިވާ ވަނީ މެޗު 10 ވަރަކަށް މިނެޓަށް މެދުވެސް ކަނޑާލައިފައެވެ. ފުރަތަމަ ހާފު ފުރިހަމަކުރީ އެ ބްރޭކަށްފަހުއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޑެންމާކުގެ މެންޗެސްޓާ ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ކުރިއަށް ނުކުމެ ދިފާއުކުރީ މެނުއަލް ނޯޔާއެވެ. އެއީ ނޯޔާއަށް މެޗުގައި ކުރަން ޖެހުނު ފުރަތަމަ ސޭވްވެސް މެއެވެ.
ޖަރުމަނުގެ ކޮންޓްރޯލަށް ދެވަނަ ހާފުގައިވެސް ބަދަލެއް ނާދެއެވެ. އެޓީމުން ދިޔައީ އަވަސް އެޓޭކްތަކެއް އުފައްދަމުންނެވެ. ގޯލަކަށް ކުރި މަސައްކަތް އިތުރުވި ވަރަކަށް ޑެންމާކަށް ދިޔައީ ޕްރެޝަރުވަމުންނެވެ. ގޯލެއް ނުވައްދައި ކުޅެމުންދިޔަ ދިއުމަށް ނިމުން އައީ 51 ވަނަ މިނެޓުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީގެ ސަބަބުންނެވެ.
ޑޭވިޑް ރާމް ފޮނުވާލި ބޯޅައެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ޑެންމާކް ޑިފެންޑަރު ޔޯކިމް އެންޑަސަންގެ އަތުގައި ބޯޅަ ޖެހުނުތޯ ބަލަން ވީއޭއާރަށް ބެލުމަށްފަހު ރެފްރީ، ޖަރުމަނަށް ޕެނަލްޓީއެއް ދިން އިރު، އެ ޕެނަލްޓީ ކާމިޔާބުކުރީ ހަވާޓްޒްއެވެ. އެ ގޯލަށްފަހު ޖަރުމަނުގެ އުންމީދު އާވިއެވެ. މުޅި ދަނޑު ގުގުމާލައި ހިތްވަރާއެކު އަސްލު ފެންވަރަށް ކުޅުން ވައްޓާލިއެވެ.
ހަވާޓްޒްއާއި ސާނޭ އަތުން ހުސް ދެ ފުރުސަތެއް ބޭކާރުވި އިރު، 68 ވަނަ މިނެޓުގައި ޖަރުމަނުން ލީޑު ފުޅާކުރިއެވެ. ނިކޯ ޝްލޮޓާބެކް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޑެންމާކު ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާއެވެ. އެއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ. އޭނާއަކީ މިހާރު އެންމެ ގިނަ ގޯލު ޖެހި އެއް ކުޅުންތެރިޔާއެވެ.
ޖަރުމަނުން މެޗުގެ ފަހުކޮޅުގައިވެސް ހަމަލާތައް އުފެއްދިއެވެ. ބަދަލަކަށް ނުކުތް ނިކޮލަސް ފުލްކްރުގާއި ވާޓްޒްގެ ފުރުސަތުތައް ފެނިގެން ގޮސްފައިވެއެވެ. އަދި ހަވާޓްޒްގެ އިތުރު ހަމަލާއެއް ޝްމައިކަލް މަތަވެސްކުރިއެވެ. ފޯމުގައި ޖަރުމަނުން މެޗު ނިންމާލީ ބޮޑު ހިތްހަމަޖެހުމަކާއެކުގައެވެ. އެޓީމުން ދެން ކުއާޓާގައި ނުކުންނަން ޖެހޭ ޓީމު އެނގޭނީ ސްޕެއިނާއި ޖޯޖިއާ މާދަމާ ރޭ ވާދަކުރާ މެޗުގެ ނަތީޖާއިންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024