އެމެރިކާގެ ބާބަޑޯސްގައި މިރޭ ކުޅުނު ޓީ20 ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގައި ދެކުނު އެފްރިކާ ބަލިކޮށް، އިންޑިއާއިން ތަށި އުފުލާލައިފިއެވެ.

ބްރިޖްޓައުންގެ ކެންސިންޓޮން އޯވަލްގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލުގައި އިންޑިއާއިން ދެކުނު އެފްރިކާ ބަލިކުރީ ހަތް ލަނޑުންނެވެ. މިއީ 2011 ވަނަ އަހަރަށްފަހު އިންޑިއާއިން އައިސީސީ ވޯލްޑް ކަޕެއްގެ ތަށި ހޯދި ފުރަތަމަ ފަހަރެވެ. 50 އޯވަރު މުބާރާތުގެ ފައިނަލުގައި މީގެ އަށް މަސްކުރިން އިންޑިއާ ކުޅުނު ނަމަވެސް، އެފަހަރު ކުރިމަތިލީ ހިތްދަތި ބައްޔަކާއެވެ. މިރޭ އިންޑިއާއިން ޓީ20 ވޯލްޑް ކަޕް ހޯދީ، އެ މުބާރާތުގެ ތަށްޓަށް 17 އަހަރު ކުރި އިންތިޒާރަށް ނިމުން ގެންސްފައެވެ. އިންޑިއާއިން މީގެ ކުރިން ޓީ20 ހޯދީ، އެ މުބާރާތް ފުރަތަމަ ބޭއްވި 2007 ވަނަ އަހަރުއެވެ.

އިންޑިއާއިން މިފަހަރުގެ މުބާރާތް ކާމިޔާބުކުރީ ހާއްސަ ރެކޯޑަކާވެސް އެކުގައެވެ. އެގައުމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ އިރު، އިންޑިއާ ވެފައިވަނީ އައިސީސީ ވޯލްޑް ކަޕް މުބާރާތެއްގައި ހުރިހާ މެޗަކުން މޮޅުވެގެން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ.

މިރޭގެ މެޗުގައި ޓޮސް ދިމާވީ އިންޑިއާއަށެވެ. އެޓީމަށް ޓޮސް ދިމާވުމުން ނިންމީ ބެޓް ކުރުމަށެވެ. އިންޑިއާއިން މިރޭގެ ބެޓިންނަށް ނުކުތް އިރު، އުންމީދުތައް ގުޅިފައި އޮތީ ވިރާތު ކޯލީއާއެވެ. ކޯލީއަށް އަދި މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ފޯމެއް ދެއްކިފައި ނުވާ އިރު، ފައިނަލްގެ ކުރިން އޭނާއަށް ޑަބަލް ފިގާ ހެދިފައި އޮތީ އެންމެ ދެމެޗެއްގައެވެ.

ފައިނަލުގައި ކޯލީގެ ތަފާތަށް ބޭނުންވެފައި ތިއްބައި، އޭނާ ސަޕޯޓަރުންނަށް އެ ތަފާތު ދައްކައިދިނެވެ. ކޯލީއަކީ މިރޭގެ ފައިނަލުގައި އިންޑިއާއަށް އެންމެ ރަނގަޅަށް ބެޓްކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 59 ބޯޅައިން 76 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ބެޓްކުރި ޕަރްތީވް ޕަޓޭލް ވަނީ 31 ބޯޅައިން 47 ލަނޑު ހަދައިފައެވެ.

އިންޑިއާގެ އިނިންގްސްގައި ދެކުނު އެފްރިކާގެ ކޭޝަވް މަހަރާޖް އާއި އަންރިޗް ނޯޓްޖޭ ވަނީ ކޮންމެ ކުޅުންތެރިއަކު، ދެ ވިކެޓް ނަގައިފައެވެ.

ދެކުނު އެފްރިކާއިން ކުޅެން އަރައި ދެއްކި ކުޅުން ވަރުގަދައެވެ. ހައިންރިޗް ކްލާސެން ވަނީ 27 ބޯޅައިން 52 ލަނޑު ހަދައިފައެވެ. އަދި ކުއިންޓަން ޑި ކޮކް، 31 ބޯޅައިން 39 ލަނޑު ހެދި އިރު، ޓްރިސްޓަން ސްޓަބްސް ވަނީ 21 ބޯޅައިން 31 ލަނޑު ހަދައިފައެވެ.

މެޗު ފޯރިގަދަކޮށް ފަހުކޮޅަށް ދިޔަ އިރު، އިންޑިއާ އަތުން މެޗު ގެއްލެން ދަނިކޮށް ތަފާތު ދެއްކީ، 16 ވަނަ އޯވަރުގައި ޖަސްޕްރީތު ބުމްރާ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބުމްރާ ވަނީ ދެ ވިކެޓް ނަގައިފައެވެ. މެޗުގެ ފަހު އޯވަރުގައި، އިންޑިއާގެ ހާޑިކް ޕާންޑްޔާ އަރައި ތަފާތު ދެއްކި އިރު، އޭނާ ވަނީ ތިން ވިކެޓް ނަގައިފައެވެ.