ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 50 ބިދޭސީއަކު ދެނެގަނެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ރޭ ބުނީ އެ އޮޕަރޭޝަނަކީ އިމިގްރޭޝަންގެ އިސްނެގުމުގެ މަތިން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ލޯކަލް މާރުކޭޓް، މާލޭ ތެރޭގައި ހިންގާ މާރުކޭޓުތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގަ އެވެ.

"މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 50 ބިދޭސީއަކު މިއަދު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި" ފުލުހުން އިއްޔެ ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ހޯމް މިނިސްޓްރީން ވަނީ "އޮޕަރޭޝަން ކުރަނގި" ފަށައިފަ އެވެ.

އެ އޮޕަރޭޝަން ފެށިފަހުން ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިޔަ ވަރަށް ގިނަ ބިދޭސީން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

"އޮޕަރޭޝަން ކުރަނގި" އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުށީގަ އެވެ.