ޗެމްޕިއަން އިޓަލީ ކަޓުވާލައި، ސްވިޒަލޭންޑުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްވިޒަލޭންޑުން އިޓަލީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ޔޫރޯ 2020ގެ ކުއާޓާގައިވެސް ސްވިޒަލޭންޑް ކުޅެފައިވާ އިރު، މިއީ ޖެހިޖެހިގެން ދެ ކުއާޓާ ފައިނަލެއްގައި ސްވިޒަލޭންޑް ކުޅޭ ފުރަތަމަ ފަހަރެވެ.

އެންމެފަހުގެ ޗެމްޕިއަން އިޓަލީން މިފަހަރުގެ ގަދަ 16 އަށް ނުކުންނަނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ފަހުވަގުތު ގަދަ 16 ގެ ފުރުސަތު މިފަހަރު ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އެއީ ކްރޮއޭޝިއާ ކަޓުވާލުމަށްފަހުއެވެ. ސްވިޒަލޭންޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވެފައެއް ނުވެއެވެ. ގްރޫޕް އޭގެ ދެވަނަ ސްވިޒަލޭންޑުން ހޯދީ ޖަރުމަނާ އެއްވަރުކޮށް، ހަންގޭރީ ކައިރިން މޮޅުވެސް ވެގެންނެވެ. އަދި އޭގެ އިތުރުން އެޓީމުން ވަނީ ސްކޮޓްލޭންޑާ އެއްވަރުކޮށްފައެވެ.

މިދިޔަ 31 އަހަރު ތެރޭގައިވެސް ސްވިޒަލޭންޑަށް އިޓަލީ ބަލިކުރެވިފައެއް ނެތެވެ. އެ ތާރީހު ބަދަލުކުރަން މިރޭ ނުކުތް އިރު، އިޓަލީއަކީ ފެވަރިޓެއްވެސް ނޫނެވެ. އެއީ މިއަހަރުގެ ޔޫރޯގެ ފޯމަށް ބަލައިގެންނެވެ.

މެޗުގައި ފެނުނީވެސް އެ މަންޒަރެވެ. ޗެމްޕިއަނުންގެ ރޫހެއް، ޗެމްޕިއަނުންގެ ފޯމެއް އިޓަލީއަކުން ނުފެނުނެވެ. ހިތްވަރާއެކު، އަމިއްލަ ކޮންފިޑެންސާއެކު ފެށީ ސްވިޒަލޭންޑުންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ސްވިޒަލެންޑުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެޓީމުގެ މިޝެލް އަބިޝާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެފައި ބްރީލް އެމްބޯލޯ، އިޓަލީ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެފަހުން ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުނުވެ ދިޔަ އިރު، އިޓަލީއަށް ފުރަތަމަ ހާފުގައި ހިންދެމިލާކަށްވެސް ވަގުތުކޮޅެއް ނުލިބުނެވެ. ފެޑަރީކޯ ޗިއޭސާގެ ހަމަލާއެއް ބްލޮކްވެފައިވާ އިރު، އެޓީމަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެ ހާލަތުގައި އިޓަލީ އުޅެނިކޮށް، މެޗުގެ 37 ވަނަ މިނެޓުގައި ރުބެން ވާގަސް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރެމޯ ފްރޮއިލާއެވެ. އޭނާ އެ ބޯޅަ އަމާޒުކޮށްލީ އިޓަލީ ގޯލުގެ ތިރީ ކަނަކަށެވެ.

އެ ގޯލުން އިޓަލީ މާޔޫސްވެ ފުރަތަމަ ހާފު ނިންމާލީ އުންމީދެއް ނެތިއެވެ. ފަހަކަށް އައިސް އެޓީމުން ކުޅުނު އެންމެ ދަށް ހާފުގެ ގޮތުގައި އެ ހާފު ވެގެން ދާނެއެވެ.

ދެވަނަ ހާފު ފެށިގެންވެސް އިޓަލީއަށް ފުރުސަތެއް ނުދީ، ސްވިޒަލޭންޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިޓަލީ ގޯލުގެ މަތީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރުބެން ވާގަސްއެވެ. އިޓަލީން ދެވަނަ ހާފަށް ރޭވި ރޭވުންވެސް ބޭކާރުވެ، އަލުން އާ ޕްލޭނަކަށް ވިސްނަން ޖެހުނެވެ.

ކޯޗު ލޫސިއާނީ ސްޕަލެޓީ ޓީމަށް ބަދަލުތަކެއް ގެނެސް، އެޓޭކްތަކަށް ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްފައިވެއެވެ. އިޓަލީގެ ނިކޯލާ ފަގިއޯލީ، ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ސްވިޒަންޑްގެ ފަބިއަން ޝާގެ ބޮލުގައި ޖެހި ބައިކޮޅަށް ނުވަނީ ކިރިޔާއެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެފަހުން މަޓިއާ ޒަކާނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޖިއާންލޫކާ ސްކަމޭކާ ފޮނުވާލި ހަމަލާވެސް އަމާޒުވީ ސްވިޒަލެންޑް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އިޓަލީގެ އެ ފުރުސަތުތަކާއެކު ސްވިޒަލޭންޑުން އިޓަލީއަށް ސަމާލުވެ، ފަހަތަށް ޖެހިލިއެވެ. ނަތީޖާއެއްގެ ގޮތުން އިޓަލީގެ އެޓޭކްތަކަށް ހުއްޓުމެއް އައިސް، ވަރަށް ބޮޑަށް މަޑު ޖެހިލިއެވެ. އަދި އިޓަލީން ކުރިއަށް ޖެހި ކުރަން މަސައްކަތްކުރި އެޓޭކްތައް ވެފައިވަނީ ނާކާމިޔާބެވެ. އެ ނާކާމިޔާބީއާއެކު އިޓަލީގެ މުބާރާތް ނިމުމަކަށް އައެވެ. ޗެމްޕިއަން ކަޓައިގެން ދާން ޖެހުނީއެވެ.