މެލޭޝިއާގައި ޓުއަރިސްޓުން ދަތުރުކުރި ބަހެއް ފުރޮޅާލައި ދެމީހަކު މަރުވެއްޖެއެވެ.

މެލޭޝިއާގެ ޖެންޓިން ހައިލޭންޑުގައި ހިނގި އެ ހާދިސާގައި ބަސް ފުރޮޅާލުމާއެކު އެއިން ދަތުރުކުރި ޗައިނާއަށް ނިސްބަތްވާ ދެމީހަކު މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ޖެންޓިން ހައިލޭންޑުން ކުއަލަލަމްޕޫރަށް ދަތުރުކުރި އެ ބަސް ފުރޮޅައިލީ ކަހާލައިގެން ގޮސް މަގުގައި ޖަހާފައި ހުރި ބެރިކޭޑުތަކެއްގައި ޖެހި ފުރޮޅާލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

21 މީހުން ދަތުރުކުރި އެ ބަސް ދުއްވި ޑްރައިވަރުގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެއެވެ. އުމުރުން 32 އަހަރުގެ އެ ޑްރައިވަރާ މީގެ ކުރިން ޓްރެފިކްގެ 27 މައްސަލައެއްގައި ސުވާލުކޮށްފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ޗައިނާގެ ދެ ޓުއަރިސްޓުން މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.

ބަހުން ދަތުރުކުރި 21 މީހުންގެ ތެރެއިން ހަތަރު މީހަކަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.