މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނާނީ ފެވަރިޓުންގެ ގޮތުގައި ނޫން ނަމަވެސް، އެޓީމަށް ދުލެއް ނުދޭނެ ކަމަށް ޑެންމާކުގެ ކޯޗު، ކެސްޕާ ޖުލްމަންޑް ބުނެފިއެވެ.
ޖަރުމަނާ ދެކޮޅަށް ޑެންމާކުން ނުކުންނަނީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސީ ފޫހި ގްރޫޕެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ އިރު، ޑެންމާކުން ކުޅުނު ތިން މެޗުވެސް ވީ އެއްވަރެވެ. އެއީ ފުރަތަމަ ސްލޮވީނިއާ ކައިރިން 1-1 އިން އެއްވަރުވި މެޗާއި، އިންގްލެންޑް ކައިރިން 1-1 އިން އެއްވަރުވި މެޗުގެ އިތުރުން ސާބިއާ ކައިރިން ގޯލެއް ނުޖެހި 0-0 އިން އެއްވަރުވި މެޗެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޑެންމާކުގެ ކޯޗު ޖުލްމަންޑް ބުނީ އެޓީމު ކައިރިން ނަތީޖާ ނެރަން ޖަރުމަނަށް ވަރަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"މުބާރާތް ފެށިއިރުވެސް އަހަރެންގެ ފެވަރިޓަކީ ޖަރުމަނު. ދެރައީ އެޓީމާ ދެކޮޅަށް އަހަރެމެން ކުޅެން ޖެހުނީމަ. ޖަރުމަނު ޓީމަކީ ހުނަރުން ފުރިގެންވާ ކޮލިޓީ ޓީމެއް. އަދި ގްރޫޕް ސްޓޭޖުގައި އެޓީމުގެ ފެންވަރު ސާބިތުވެސް ކޮށްދިން ޓީމެއް. އެހެންވިޔަސް އަހަރެމެން ޓީމުގެ ފެންވަރުވެސް ދަށެއް ނުވާނެ. ޖަރުމަނު ވަރަށް ވަރަށް ރަނގަޅަށް ކުޅެގެން ނޫނީ އަހަރެމެން ބަލި ނުކުރެވޭނެ،" ޖުލްމަންޑް ބުންޏެވެ.
މިހާތަނަށް ޑެންމާކު ފުޓްބޯޅަ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1992 ވަނަ އަހަރު ޔޫރޯ ތަށި، "އަންޑަ ޑޯގްސް"ގެ ގޮތުގައި ހޯދުމެވެ. މިދިޔަ ޔޫރޯ 2020 ގައިވެސް ޑެންމާކުން ސެމީ ފައިނަލްގައި ކުޅެފައިވާ އިރު، މިރޭ ޖަރުމަނު މެޗު ހާއްސަވާ ސަބަބު، 1992 ވަނަ އަހަރުގެ ފައިނަލް މެޗާ ގުޅެއެވެ. އެފަހަރު ޔޫރޯ ފައިނަލްގައި ޑެންމާކުން ބަލިކުރީ ވަރުގަދަ ޖަރުމަނު ޓީމެކެވެ. އެއީ 2-0 ގެ ނަތީޖާއަކުންނެވެ.
"އަހަރެމެންނަށް އެނގޭ މި މުބާރާތް އަހަރެމެެން ކާމިޔާބުކޮށްފިނަމަ އެއީ އެންމެންނަށް ލިބޭނެ އެންމެ ބޮޑު ހައިރާންކަންކަން. އެހެންވިޔަސް، އަހަރެމެން ޓީމަކީ އަންޑަ ޑޯގްސްގެ ތާރީހެއް އޮތް ޓީމެއް. ޖަރުމަނަކީ މިރޭގެވެސް ފެވަރިޓުން. އެހެންވިޔަސް، އަހަރެމެންގެ މި ޑެންމާކު ޓީމުން އުފާކުރާ ކަމެއް އެއީ ކޮންމެވެސް ވަރަކަށް ވޭނެއްގައި މެޗަކުން މޮޅުވުން އެއީ،" ޑެންމާކު ޑިފެންޑަރު ޔަނިކް ވެސްޓާގާޑް ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. އެއީ ބަނޑު ސަކަރާތްވެގެން އިއްޔެ ތަމްރީނު ނުކުރާތީއެވެ. އެރިކްސަންއަށް ގޮތެއް ނިންމާނީ މިއަދު ކަމަށް ކޯޗު ޖުލްމަންޑް އިއްޔެގެ ޕްރެސްގައި ބުނެފައިވެއެވެ.
ޑެންމާކާއި ޖަރުމަނު ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024