ޖަލުތަކަށް މަނާތަކެތި ވެއްދުމުގެ ތުހުމަތުގައި ކަރެކްޝަންސްގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން އިއްޔެ ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ.
އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި އެކަމުގައި ކަރެކްޝަންސްގެ ދަށް ލެވަލްގެ 18 އޮފިސަރަކު ހިމެނެއެވެ. އަދި އެމީހުންގެ އެކައުންޓުތަކަށް 73 މިލިއަން ރުފިޔާ ޖަމާވެފައިވެއެވެ.
ފުލުހުން މިއަދު ބުނީ ކަރެކްޝަންސް އާ ގުޅޭ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ ތަނުގެ 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ނުވަ އޮފިސަރަކު ކ. މާފުށިން ވަނީ ހައްޔަރުކޮށްފައެވެ. ދެ މީހަކު ކ. ކާށިދޫން އަދި ހއ. އުތީމުންނާއި މާލެއިން އެކަކު ވަނީ ހައްޔަރުކޮށްފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އެ 18 އޮފިސަރުންގެ ތެރެއިން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމުލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ ޖަލު ބަންދުގައި ތިބޭ މީހުންގެ އެކައުންޓުންނާއި މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ކަމަށެވެ.
އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައި ވަނީ ކުދިކުދި އަދަދުން ކަމަށް ވުމުން ބޭންކަށް އެކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު