ޖަލުގައި ތިބޭ ކުށްވެރިންނަށާއި ބަންދުގައި ތިބޭ މީހުންނަށް ޑްރަގާއި ފޯނު ވައްދައިދޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއްގެ ބޮޑު ނެޓްވޯކެއް ފާހަގަވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ޖަލަށް މަނާތަކެތި ވައްދާ މައްސަލައިގައި ފުލުހުން ދަނީ މާފުށީގައި މިހާރު އޮޕަރޭޝަނެއް ހިންގަމުން ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކަރެކްޝަންގެ އޮފިސަރުން ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާކަން ފާހަގަވި ހިސާބުން ފެށިގެން އިންޓެލިޖެންސް ބޭނުންކޮށްގެން އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
އިންޓެލިޖެންސްއިން ފޯރުކޮށްދިން މައުލޫމާތުގައިވާ ގޮތުން ކަރެކްޝަން 18 އޮފިސަރަކު ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެ 18 އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެގޮތުން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާ އިރު، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ 18 އޮފިސަރުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޖަލު ބަންދުގައި ތިބޭ މީހުންގެ އެކައުންޓުންނާއި މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ކަމަށެވެ.
އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވަނީ ކުދިކުދި އަދަދުން ކަމަށްވުމުން ބޭންކަށް އެކަން ފާހަގަ ކުރެވިފައިނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު