ޖޯޖިއާގެ ފުޓުބޯޅަ މިނިވަންވެ، އަމިއްލަ ވަންތަކަން ހޯދީ 1990 ވަނަ އަހަރުއެވެ. އޭގެފަހުން 1992 ވަނަ އަހަރު އެގައުމުގެ ފުޓުބޯޅައަށް ޔޫއެފާއާއި ފީފާގެ މެމްބަރުކަން ލިބުނެވެ. އޭގެ ކުރިން އެއީ ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް އިރުވެސް ޖޯޖިއާގެ ކްލަބުތަކުން މަދުމަދުން ހުނަރުވެރި ކުޅުންތެރިން ގައުމީ ޓީމާ ހަމައަށް ފޯރައެވެ. އެހެން ނަމަވެސް، މިނިވަންވެ، ގައުމުގެ ފުޓުބޯޅަ މިސްރާބު ޖެހީ ދިމާ ތިރިއަށެވެ. ލީގެއްގެ ރަނގަޅު ބިންގަލެއް ނެތެވެ. އެގައުމުގައި ފުޓުބޯޅައަށް ލޯބިކުރި ނަމަވެސް، ފުޓުބޯޅައަށް އުންމީދެއްވެސް ނެތެވެ.

ހަމަ ޔަގީނުންވެސް އޭރު އެގައުމަކު "އައި އޭމް ޖޯޖިއާ،" ގެ ރޫހެއްވެސް ނެތެވެ. 2000 ގެ ކުރީކޮޅުގައި ޖޯޖިއާގެ ފުޓުބޯޅައަށް ހަމައެއް އިމެއް ނެތެވެ. ތަރުތީބެއްވެސް ނެތެވެ. ސިޔާސީ އެކިއެކި ކޯޅުންތަކުގެ ތެރެއިން، ފުޓުބޯޅަ އިދާރާއަށް ހަމަޖެހިލެވޭނެ ގޮތެއްވެސް ނުވިއެވެ. އެގައުމުގެ ސިޔާސީ ވިސްނުމުގައި އޮތް އެންމެ ބޮޑު އެއް ކޯޅުން، ޔޫރަޕިއަން ޔޫނިއަން ތޯ، ނޫނީ ރަޝިއާތޯ؟ އެ ބަހުސަށް ފުޓުބޯޅަވެސް ވަންނަތަން ފެނުނެވެ. ބޭރުގެ ޖަމާއަތްތަކުން ސަރުކާރުގެ އިދާރާތަކަށް، އޭގެ ތެރޭގައި އެފްއޭވެސް ހިމެނޭހެން ފައިސާ ވަންނަ މިންވަރަކީ ޖޯޖިއާގެ ސިޔާސީ މީހުން އޭރު އެންމެ ބޮޑަށް ފާރަލިކަންތަކެވެ. އެ ކަމުގައި ބޮޑެތި ހިޔާލުތަފާތުވުންތަކާއި، ހިޔާލުގެ ބައިބައިވުންތަކެވެ.

ކޮންމެއަކަސް ފުޓުބޯޅައިގެ ތަރައްގީއަށް ދެން ކުރާނެ ކަމެއް ނޭނގި އޮތް ގައުމެކެވެ. އެގައުމުގެ ވިސްނުމާއި އުސޫލު އެކަމުގައި ބަދަލުކޮށްލި އެންމެ އިސް މޭސްތެރިއަކީ މިހާރު އެފްއޭގެ ރައީސް، 46 އަހަރުގެ ލެވާން ކޮބިއާޝްވިލީ އެވެ. ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދިނެވެ. ސިޔާސީ މަސައްކަތުގައި އޭގެ ފަހުން އުޅުއްވިިވެސް މެއެވެ. ޖަރުމަނު ލީގުގެ ފްރީބާގާއި ޝާލްކޭގެ އިތުރުން ހާތާ ބާލިންނަށްވެސް ކުޅުއްވިއެވެ. 300 އަށްވުރެ ގިނަ މެޗު ކްލަބުތަކަށް ކުޅުއްވިއެވެ. ފުރަތަމަ ދައުރަކަށް ހޮވިވަޑައިގަތީ 2015 ވަނަ އަހަރުއެވެ.

ކޮބިއާޝްވިލީ މިދިޔަ އަހަރު އިންތިހާބުވެވަޑައިގެންފައި ވަނީ އެފްއޭ ރައީސްގެ ތިންވަނަ ދައުރަކަށެވެ. ޖޯޖިއާގެ އެފްއޭގެ ތާރީހުގައިވެސް އެންމެ ހަލަބޮލިކަން ކުޑަ، އުޖާލާ ދުވަސްތައް އޭނާއަށް ހޭދަކުރައްވަން ފުރުސަތު ލިބިވަޑައިގަތީ ޔަގީނުންވެސް ޕްލޭނަކުންނެވެ. ކޮބިއާޝްވިލީ ފުރަތަމަވެސް ގުޅުން ބަދަހި ކުރެއްވީ ޔޫއެފާއާއެވެ. އެ އިދާރާގެ "ޔޫއެފާ ގްރޯ" ޕްރޮގްރާމްގެ ދަށުން ޖޯޖިއާ ފުޓުބޯޅައިގެ ހާލަތަށް ބޭނުންވާ އިލްމީ އިދާރީ މުވައްޒަފުން ތަމްރީނު ކުރައްވަން ވިސްނުން ބެހެއްޓެވިއެވެ.

ސްވޮޓް އެނަލައިޒްތަކާއި، އިމޭޖް އެސެސްމެންޓް، ސްޓޭކްހޯލްޑާސް މެޕިންނަށް ހާއްސަ އިލްމީ ޓީމުތައް ތަމްރީނުކުރުވި، ޖޯޖިއާ ފުޓުބޯޅައިގެ އާ ބާބެއް ފަށަން ކޮބިއާޝްވިލީ މަސައްކަތް ފެއްޓެވިއެވެ. ޖޯޖިއާ ފުޓުބޯޅައިން އެގައުމުގެ އިގުތިސާދަށް ސީދާ އަދި ނުސީދާ ގޮތުން ކުރާނެ އަސަރު ދެނެގަތުމާއި، ފުޓުބޯޅައިން ފައިދާއެއް ހޯދޭނެ ގޮތްތަކެއް ވިސްނަވައި، ހިސާބު ޖެއްސެވިއެވެ. ސަރުކާރުގެ އެހީއާއި ޔޫއެފާގެ އެހީގައި ފުރަތަމަ ޕްލޭން ކުރެއްވީ 2015 އިން 2021 ހަމައަށެވެ. އެ ޕްލޭންގެ ދަށުން ހޯދި ކުރިއެރުންތަކަށް ނަޒަރު ހިންގާލާނަމެވެ. މިހާރުގެ ޕްލޭން އޮތީ 2022 އިން 2026 ވަނަ އަހަރާ ހަމައަށެވެ.

އެ ޕްލޭންގައި ފުޓުބޯޅަ ސްކޫލްތަކާއި، ފުޓުބޯޅަ ކުޅުންތެރިންގެ އަދަދު އިތުރުކުރުމާއި، ގައުމީ ފެންވަރުގެ ރީޖަނަލް އެކަޑެމީތައް އިހުލާސްތެރިކޮށް، ހެޔޮ ނިޔަތުގައި ހިންގުން ހިމެނެއެވެ. ކުޅުންތެރިން ބިނާކުރުމަށް ހާއްސަ ގޮތެއް ހޯދައި، އެ ކުޅުންތެރިންގެ މަންފާއިން ގައުމީ ޓީމު ބިނާކުރުމާ ކޮބިއާޝްވިލީ ގުޅުވާލެއްވިއެވެ.

ރޭ ޖޯޖިއާއިން ޔޫރޯ 2024 ގައި ޕޯޗުގަލް ބަލިކޮށްގެން ހޯދި ކާމިޔާބީއަކީ މިފަހަރުގެ ޔޫރޯގައި ގައުމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެ ކާމިޔާބީގައި ހިއްސާވާ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެކަޑެމީތަކުގެ ތަރިންނެވެ. އެކަޑެމީތަކުގެ ފޮނި މީރުކަމުން މުޅި އެގައުމު ނުކުމެ އެދަނީ މަގުތަކުގައި އުފާފާޅުކުރަމުންނެވެ. ޖޯޖިއާއިން އެންމެ ބޮޑަށް ބޭނުން ހިފި އެކެއްޗަކީ ޔޫއެފާއިން ފުޓުބޯޅައިގެ ފުދުންތެރިކަން ދަށް ގައުމުތަކަށް ދޭ، "ޔޫއެފާ ހެޓްރިކް ފަންޑިން"އެވެ. އެ ފަންޑިންގެ ދަށުން 2022 ވަނަ އަހަރުގެ ނިޔަލަށް އެގައުމުގައި ރީޖަނަލް ބޮޑު ފަސް އެކަޑެމީ އިމާރާތްކޮށް، އެތަންތަން ހިންގަމުން ދިޔައެވެ.

ޔޫއެފާގެ ފަންޑިންގެ ދަށުން ހުޅުވި ހަތަރުވަނަ އެކަޑެމީ 2021 ވަނަ އަހަރު ހުޅުވީ ޖޯޖިއާގެ ރޫހީގައެވެ. ނޯތު-ވެސްޓް ޖޯޖިއާގެ އެ ފެސިލިޓީ ހުޅުވުމުގައި ޕްރައިމް މިނިސްޓަރު ޖޯޖީ ގަހާރިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރޫހީގެ ފެސިލިޓީގައި ވިނަ އެއް ދަނޑާއި އާޓިފިޝަލް ދެ ދަނޑު ލައިޓިން ސިސްޓަމާއެކު ހިމެނެއެވެ. އަދި 50 ކުދީންގެ އެކޮމޮޑޭޝަން އެކުގައި ހިމެނޭ އިރު، އެ އިމާރާތުގައި ޑައިނިން ހޯލަކާއި ފިޓްނެސް ސެންޓަރެއް، ޗޭންޖިން ރޫމްތައް، ލޯންޑްރީ، ރެފްރީންގެ ރޫމް އަދި މެޑިކަލް ރޫމްވެސް ހިމެނެއެވެ. އޭގެ އިތުރުން ކްލާސް ރޫމްތައްވެސް ހިމަނާފައިވެއެވެ،

އެ އެކަޑެމީތައް ޖޯޖިއާ އެފްއޭއިން އިމާރާތް ކުރީ ލޯކަލް ޓީމުތަކާއި، ބޮޑެތި ޓީމުތަކަށްވެސް ބޭނުންކުރެވޭނެ ގޮތަށެވެ. އަންހެން ޓީމުތަކާއި އެ ސަރަހައްދުގެ ސްކޫލްތަކަށްވެސް އެ ފެސިލިޓީ ވަނީ ހުޅުވާލައިފައެވެ. އެ ފެސިލިޓީގެ މަސައްކަތް އަދި އަދަށް ދާންދެންވެސް ކުރިއަށް ދަނީ ސްކޫލާވެސް ގުޅިގެންނެވެ.

ތައުލީމުގެ ތެރެއިން ރޫހީގެ ފެސިލިޓީގައި ފުޓުބޯޅައަށް ހާއްސަވެ އަބަދުވެސް 50 އަކަށް ކުދިން ދަނީ ތަމްރީނުވެ، ކިޔަވަމުންނެވެ. އެ ފެސިލިޓީތަކާއި، އާންމުން ފުޓުބޯޅައަށް ގެން ގުޅޭ ހިޔާލަށް އައި ބަދަލާވެސް އެކު 2015 ވަނަ އަހަރުން 2021 ވަނަ އަހަރަށް އެގައުމުގެ ރަޖިސްޓާޑް ފިރިހެން ފުޓުބޯޅަ ކުޅުންތެރިންގެ އަދަދު 14،676 އިން 37،600 އަށް އިތުރުވިއެވެ. އަދި އަންހެން ކުޅުންތެރިންގެ އަދަދު އެ މުއްދަތުގައި 10 ގުނަވިއެވެ.

އުމުރުން 14 އަހަރުން ދަށުން ފެށިގެން 15 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ 40 ކުދިން ކޮންމެ ފަހަރަކު ރޫހީގެ ފެސިލިޓީގައި އެކޮމެޑޭޓް ކުރަމުންދެއެވެ. އެ ކުދިންނަށް ހިލޭ ތައުލީމީ ފުރުސަތާއި ތަމްރީނުގެ ފުރުސަތު ދެއެވެ. ކޮބިއާޝްވިލީ ވިދާޅުވީ އެ އެކަޑެމީތަކުން ގައުމީ ޔޫތު ޓީމުތަކަށް އެލީޓް ކުޅުންތެރިން ސްކައުޓްކޮށް، ކްލަބުތަކަށްވެސް ސްކައުޓް ކުރަމުންދާނެ ކަމަށާއި، އެއީ ގައުމީ ޓީމަށް ރަނގަޅު ޖީލެއް ގެންނަން މުހިއްމު މަސައްކަތެއް ކަމަށެވެ.

ދެހާސް ސަތާރަވަނަ އަހަރު ޖޯޖިއާއިން ވަނީ ޔޫރޯ 19 އަހަރުން ދަށުގެ މުބާރާތް އެގައުމުގައި ބާއްވާފައެވެ. ޖޯޖިއާއިން ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް 25،000 ސަޕޯޓަރުން ދަނޑަށް ވަނެވެ. އޭގެފަހުން ޖޯޖިއާއިން ވަނީ 2023 ވަނަ އަހަރުގެ ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތް، ރުމޭނިއާއާއެކު ހޯސްޓް ކޮށްފައެވެ. އެ މުބާރާތަށް ވަނީ ރެކޯޑު 3،16،023 މީހުން މެޗުތަކަށް ވަދެފައެވެ. އެންމެ ގިނައިން ސަޕޯޓަރުން ވަނީ ޖޯޖިއާގެ މެޗުތަކަށެވެ.

އެގައުމުން އެކުލަވާލި ފުޓުބޯޅަ ޕްލޭނާއި، ސަރުކާރުގެ ޕްލޭން އަދި ޔޫއެފާގެ ޕްލޭންވެސް އެލައިން ކުރުން އެއީ އެންމެ މުހިއްމު ކަންތައް ކަމަށް އެފްއޭގެ ރައީސް ކޮބިއާޝްވިލީ ތަކުރާރުކޮށް ވިދާޅުވެފައިވާ އިރު، އެ މުބާރާތްތަކުގެ ހޯސްޓިންނަށް ސަރުކާރާއި ޔޫއެފާގެ އެހީގައި އަންނަނީ ސްޓޭޑިއަމްތަކަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތަށް އެންމެ ބޮޑު، މެޝްކީ ސްޓޭޑިއަމާއި ޝެންގޭލިއާ އެރީނާ މަރާމާތުކޮށް ބޮޑުކޮށްފައިވާ އިރު، އެ މުބާރާތަށް ހާއްސަ ފަސް ޓްރެއިނިން ފެސިލިޓީއެއް ވަނީ އެކި ސަރަހައްދުތަކުގައި އިމާރާތް ކޮށްފައެވެ. އެއީ އެތައް ކުދިންނަކަށް، އެތައް ގޮތަކުން ފައިދާ ކުރުވަނިވި ވިސްނުމަށް އަޅާފައިވާ ދަނޑުތަކެވެ.

ޖޯޖިއާއަކީވެސް މަސައްކަތުގެ މާހައުލުގައި އެތައް ބަޔަކު ބުރަކޮށް އުޅެމުން އަންނަ ގައުމެއް ނަމަވެސް، އެގައުމުގެ ފުޓުބޯޅައަށް ރައްޔިތުން ދޭ އަހަންމިއްޔަތު ބޮޑުތަނުން އިތުރުވީ ލޯކަލް އާބާދީތަކަށް ހާއްސަކޮށް، ކޮބިއާޝްވިލީ ހިންގަވަން ފެށި ޕްރޮޖެކްޓްތަކުންނެވެ. އެއީ ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތަށް ތައާރަފު ކުރި "އައި އޭމް ޖޯޖިއާ" ޝިޔާރުގެ ވިސްނުމެވެ. ރޭ ގައުމީ ޓީމާ ހަމައަށް އައިސްފައިވާ ރޫހާއި ޖޯޝަކީ އެއީއެވެ.

މިފަހަރުގެ ޔޫރޯއަށް ކޮލިފައިވުމުގެ ކުރިން ޔޫރޯ 2020 އަށް ޖޯޖިއާ ކޮލިފައި ނުވީ ކިރިޔާއެވެ. އެޓީމު ވަނީ އެފަހަރު ޕްލޭ އޮފްގައި ނޯތު މެސަޑޯނިއާ އަތުން ބަލިވެފައެވެ. އެއީ ބޮޑު މާސިންގާ ޕްރޮޖެކްޓެއް ފެއިލިވި ކަމަށް އެތައް ބަޔަކަށް އިހުސާސް ކުރެވުނު ފަހަރެއް ނަމަވެސް، ނޭޝަންސް ލީގުގެ ހަނި ފުރުސަތަކުން ޕްލޭ އޮފްއަށް ގޮސް، ޖޯޖިއާ ވަނީ ލަކްސަންބާގާއި ގްރީސް ބަލިކޮށް، ގައުމުގެ ތާރީހުގައި ފުރަތަމަ ބޮޑު މުބާރާތުން ޖާގަ ހޯދާފައެވެ.

ހަވީޗާ ކަވަރަޓްސްޝޭލިއާ އާއި ބޫޑޫ ޒިވްޒިވާޑްޒޭގެ އިތުރުން ކީޕަރު ޖިއޯޖީ މަމާޑޭޝްވިލީ ފަދަ ތަރިންގެ ހިތްވަރާއެކު، އެ ކޮލިފިކޭޝަން ވަގުތު ކޮޅަކީ އެގައުމުގެ ފުޓުބޯޅަ ބަދަލުވި ވަގުތު ކޮޅެވެ. ގްރީސް ކޮޅަށް ޖެހި ފަހު ޕެނަލްޓީއާއެކު 55،000 ސަޕޯޓަރުން ދަނޑަށް އަރައި އުފާފާޅުކޮށް، މަގުތައް ފުރާލިއެވެ. މިފަހަރުގެ ޔޫރޯއަށް މުޅި ގައުމުގެ ލޯތްބާއެކު އައި އެއް ގައުމަކީ ޔަގީނުންވެސް ޖޯޖިއާއެވެ. ޔޫރޯ ބަލަން ސްޓޭޑިއަމްތައް ފުރާލައި، އަދިވެސް އަންނަނީ ފޯރި ނަގަމުންނެވެ.

އެ ލޯބި ވަކިން ހާއްސަވާ އެކަކީ ޖޯޖިއާ ފުޓުބޯޅައިގެ ހީރޯއެއް ކަމަށްވާ ބަޔާން މިއުނިކްގެ ލެޖެންޑް ވިލީ ސަގްނޯލެވެ. ފްރާންސަށް އުފަން ސަގްނޯލަށް މިއީ ހަނދާނުން ފޮހެނުލެވޭނެ ފުޓުބޯޅަ 'ފެއާރީ ޓޭލް"އެކެވެ. ޔޫރޯ 2024 ގެ ގަދަ 14 އަށް ޖޯޖިއާ ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. ކޮންމެ ނަތީޖާއަކުން ނިމުނަސް އޮތީ ރަތް ދޫލައިގެ މަރުހަބާއަކަށް ތައްޔާވެފައެވެ.

އާބާދީގައި 3.7 މީހުން ދިރިއުޅެމުން އަންނަ ޖޯޖިއާއިން ފުޓުބޯޅަ ތަރައްގީއަށް އުންމީދުކޮށްގެން ތިބި ގައުމުތަކަށް މި ލިޔެދެނީ ވާހަކައެކެވެ. އިހުލާސްތެރިކަމާއި، ކޮރަޕްޝަނުން އެއްކިބާވުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. ގައުމެއްގެ ކުޅިވަރު ބިނާކުރުމުގައި އާންމު ހުރިހާ ފަރުދުން ހަމަހަމަކޮށް ބައިވެރިކުރުވާން ޖެހޭ ކަމުގެ މައްޗަށެވެ. ހުނަރަކީ ހޯދަން ޖެހޭ އެއްޗެއްކަން ދައްކައިދީފިއެވެ. އިލްމީ ގާބިލުކަން އިތުރުކޮށް، ދުރު ރާސްތާ ޕްލޭނަކީވެސް ފަންނު އުނގެނިގެން ކުރަން ޖެހޭ ކަމެއްކަން ދައްކުވައިދީފިއެވެ. ފައިސާ ހަރަދުކުރާނެ ގޮތެއް ދައްކައިދީފިއެވެ. އާނއެކެވެ. ޖޯޖިއާގެ ވާހަކައަކީ ފުޓުބޯޅައިގެ އިބުރަތްތެރި ފިލާވަޅެކެވެ.