ޔޫރޯ 2024 ގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އަތުން ހޯދި ތާރީހީ މޮޅާއެކު ޖޯޖިއާ އިން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

"ގްރޫޕު އެފް" ގައި މިރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ މައްޗަށް ޖޯޖިއާ އިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އެއް ވަގުތެއްގައި ކުޅުނު އަނެއް މެޗުގައި ތުރުކީން ވަނީ 2-1 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކޮށްފައެވެ.

އެ ނަތީޖާތަކާއެކު "ގްރޫޕު އެފް"ގެ އެއްވަނައިގައި ނިންމާލި ޕޯޗުގަލާއި ދެވަނައިގައި ނިންމާލި ތުރުކީ، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތުރުކީއަށްވުރެ ކުރީގައި ޕޯޗުގަލް އޮތީ އެ ދެ ޓީމު ބައްދަލުކުރި މެޗުގައި ޕޯޗުގަލް މޮޅުވެފައިވުމުންނެވެ. ތިންވަނައިގައި ނިންމާލި ޖޯޖިއާއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެންމެ ޕޮއިންޓަކާއެކު ޗެކް ރިޕަބްލިކް ނިންމާލީ ގްރޫޕުގެ ފުލުންނެވެ. މި ގްރޫޕުން ޕޯޗުގަލާއި ތުރުކީގެ އިތުރުން ޖޯޖިއާއަށް ވެސް ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ. ޖޯޖިއާއަށް ފުރުސަތު ލިބެނީ ގްރޫޕުތަކުގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުންނެވެ.

މެޗަށް ނުކުތް އިރު، ޕޯޗުގަލަށް ވަނީ ގްރޫޕުގެ އެއްވަނަ ޔަގީންވެފައެވެ. ޖޯޖިއާއަށް ވެސް ޕޯޗުގަލް ބަލިކޮށްގެން ގަދަ 16 ގެ ފުރުސަތު ހޯދެން އޮތެވެ. ޖޯޖިއާ ފުރަތަމަ ފަހަރަށް މުބާރާތެއްގައި ވާދަކުރަމުންދާ އިރު، މިއީ އެޓީމަށް ތާރީހީ މުބާރާތެކެވެ. އަދި މިރޭ ހޯދި މޮޅަކީ މުބާރާތުގައި ޖޯޖިއާ އިން ހޯދި ފުރަތަމަ މޮޅެވެ.

ޕޯޗުގަލުން މެޗަށް ނުކުތީ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އާންމުކޮށް ފުރަތަމަ 11 އިން ފެންނަ ބްރޫނޯ ފެނާންޑޭޒް، ޖޮއާ ކަންސެލޯ، ބެނާޑޯ ސިލްވާ، ވިޓީނިއާ، ޕެޕޭ އަދި ރުބެން ޑިއާޒް ވެސް ފެށީ ބެންޗުންނެވެ. ނަމަވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކީޕަރު ޑިއޯގޯ ކޮސްޓާއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ.

މެޗުގެ ދެވަނަ މިނެޓުގައި ޖޯޖިއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕޯޗުގަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖޯގެސް މިކައުޓަޑްޒޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުން ޖޯޖިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކުވިޗާ ކުވަރަޓްސްކޭލިއާއެވެ. އޭނާގެ ހަމަލާ އަމާޒުކޮށްލީ ޕޯޗުގަލް ގޯލުގެ ތިރީ ކަނަކަށެވެ.

އެ ގޯލަށްފަހު ޕޯޗުގަލުގެ އެޓޭކް ވަރުގަދަކޮށް، ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންދިޔައެވެ. އެގޮތުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޗިކޯ ކޮންސޭސާއޯއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯގެ ބާރު ހިލޭ ޖެހުން ޖޯޖިއާ ކީޕަރު ގިއޯގީ މަމާޑަޝްވިލީ މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކޮންސޭސާއޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ވެސް ޕޯޗުގަލްގެ ނުރައްކާ ބޮޑެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޖޮއާ ޕަލީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ، ޖޯޖިއާ ޑިފެންޑަރު ގިއޯގީ ގުވެލެސިއާނީ ވަނީ ބްލޮކްކޮށްފައެވެ.

ހާފު ނިމެކޮށް ޕޯޗުގަލްގެ ފަލީނިއާ އަދި ފެލިކްސްގެ ނުރައްކަލެއް ވެސް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފަލީނިއާ ފޮނުވާލި ހަމަލާ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، ފެލިކްސްގެ ހަމަލާގެ ހުރަހަކަށްވީ ޖޯޖިއާ ކީޕަރު މަމާޑަޝްވިލީއެވެ. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖޯޖިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕޯޗުގަލް ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ބްލޮކުވި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ޕޯޗުގަލްގެ ޑިއޯގޯ ޑަލޯ ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ޑަލޯގެ ހަމަލާގެ ކުރިން ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލްކޮށްފައިވޭތޯ ބެލުމަށް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދައިފައެވެ. ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީ އޭރިއާ ތެރެއިން ލޫކާ ލޮޗޮޝްވިލީއަށް ޕޯޗުގަލް ޑިފެންޑަރު އެންޓޯނިއޯ ސިލްވާ ފައުލްކޮށްފައިވާ ކަމަށެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް، ޖޯޖިއާއަށް ލީޑު ފުޅާކޮށްދިނީ ޖޯގެސް މިކައުޓަޑްޒޭއެވެ.

ޕޯޗުގަލުން ކުރިއަށް ޖެހި ކުޅެމުންދަނިކޮށް، މެޗުގެ 71 ވަނަ މިނެޓުގައި ވެސް ޖޯޖިއާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި އޮޓާ ކިޓެއިޝްވިލީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގިއޯގީ ޗަކްވެޓަޑްޒޭ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވެސް ޖޯޖިއާއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި މިކައުޓަޑްޒޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޒުރިކޯ ޑަވިޓަޝްވިލީ ފޮނުވާލި ހަމަލާ ވެސް ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފަހު މިނުޓުކޮޅުގެ ތެރޭގައި ޕޯޗުގަލަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ނެލްސަން ސެމޯޑޯ އަދި ޑަލޯ ފޮނުވާލި ހަމަލާ ވެސް ޖޯޖިއާގެ ކީޕަރު މަމާޑަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.