ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން މިރޭ ބުނީ މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެގޮތުން އެ ކްލިނިކްގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް 10އަކުން ލިބޭނެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވާފައި މިވަނީ ރާއްޖެއިން ނުރައްކާތެރި މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެންނެވެ. އެގޮތުން އެކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތުދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފައެވެ.

އެޗްޕީއޭއިން ވަނީ މިއަހަރު ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ މެނިންޖައިޓިސް ވެކްސިން ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެދިފައެވެ.

ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުންނާއި ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން އަދި ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުންނެވެ.

  • ބޮލުގައި ރިއްސުން
  • ކަނދުރާ ވާންވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ވާނުވާ ނޭނގޭ ގޮތްވުން
  • ގައިގައި ރަތްބިހި/ލައްތަކެއް ނެގުން
  • ފިޓުޖެހުން
  • އަލި ގަދަވުމުން އުނދަގޫވުން
  • ވަރުދެރަވުން
  • ނޭވާ އަވަސްވުން

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އެ ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހުގެ ދެމެދުގައެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މެނިންޖައިޓްސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި މެނިންޖައިޓްސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަޑަކަށް ދެ ހަފުތާވަރު ނަގާނެ ކަމަށެވެ.

އެ ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.