މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ނައިބު ރައީސްގެ މަގާމަށް، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ) އިންތިހާބުކޮށްފިއެވެ.
މުންތަގިމް އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެމްއޯސީގެ ކްސްޓްރާ އޯޑިނަރީ ޖެނެރަލް އެސެމްބްލީގައެވެ. ރޭގެ އެމްއޯސީގެ އެކްސްޓްރާ އޯޑިނަރީ އެސެމްބްލީ ގައުމީ ކުޅިވަރު މަޖިލީހާއި ކޮމިޝަނާ އޮފް ސްޕޯޓްސްއިން އޮބްޒާވް ކުރިއެވެ. ރޭގެ އެސެމްބްލީގައި 16 މެމްބަރު އެސޯސިއޭޝަންގެ ތެރެއިން 15 އެސޯސިއޭޝަން ވަނީ ބައިވެރިވެފައެވެ.
އެމްއޯސީގެ އެސެމްބްލީގައި ނައިބު ރައީސްގެ މަގާމަށް ނަން ހުށަހަޅުއްވަން ފުރުސަތު ހުޅުވާލުމުން ހުށަހެޅި ހަމައެކަނި ނަމަކީވެސް މުންތަގިމްގެ ނަމެވެ. އޭނާ މަގާމަށް އިންތިހާބުވެވަޑައިގަތީ އެސެމްބްލީގައި ބައިވެރިވެރިވި ހުރިހާ އެސޯސިއޭޝަންތަކެއްގެ ތާއީދާއެކުގައެވެ.
އެމްއޯސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެ، ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް، އެމްއޯސީގެ ނައިބު ރައީސަކަށް ކުރިން ހުންނެވި މުހައްމަދު ތޮލާލް، އައްޔަން ކުރައްވާފައިވުމާ ގުޅިގެންނެވެ. ތޮލާލް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ވަޑައިގެން، އެމްއޯސީގެ ނައިބު ރައީސްގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.
މިއީ އެތުލެޓިކްސް އެސޯސިއޭޝަންގެ އެސްޖީ ކަމުގައި މުންތަގިމް ފުރުއްވާ ފަސްވަނަ ދައުރެވެ. ރާއްޖޭގެ އެތުލެޓިކްސްއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ މުންތަގިމްއަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ޓެކްނިކަލް އޮފިޝަލް ކަމަށާއި، ޖަޖް ކަންވެސް ކުރައްވާފައިވާ ފަރާތެކެވެ.
ރޭ އެމްއޯސީން ބޭއްވި ހާއްސަ އެސެމްބްލީގައި އިއްޔެ ނިޔާވި ފުޓުބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ހާއްސަ ސުކޫތެއް ގެނެސްފައިވެއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ