ޖޯޖިއާއަށް މުޅިން އާ ފުޓުބޯޅަ ސަފުހާއެކެވެ. މިއީ އެގައުމުގެ ތާރީހުގައިވެސް ބޮޑު މުބާރާތެއް ކުޅޭ ފުރަތަމަ ފަހަރެވެ. ޔޫރޯ 2024 ގެ ފުރުސަތާއެކު ޖޯޖިއާގެ ނަން ފުޓުބޯޅަ ޗާޓަށް ތައާރަފު ވެއްޖެއެވެ. އެ މަސައްކަތުގެ ތެރެއިން، މިރޭ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ނުކުންނަން ޖެހޭނީ 2016 ވަނަ އަހަރުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ޖޯޖިއާއަށް އެއް ޕޮއިންޓް ލިބިފައި އޮތް ނަމަވެސް، އެޓީމަށް އަދި ގަދަ 16ގެ އުންމީދު އެބައޮތެވެ. އެ އުންމީދަކީވެސް އެގައުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ވިލީ ސަގްނޯލް ބުންޏެވެ. އެއީ ޖޯޖިއާ ކަހަލަ ގައުމަކަށް ހީވެސް ނުކުރާ ކަހަލަ އުންމީދެއް ކަމަށްވެސް އޭނާ ބުންޏެވެ. އެ އުންމީދުތައް އެންމެ ބޮޑަށް ގުޅިފައިވާ އެއް ކުޅުންތެރިޔަކީ އެޓީމުގެ ނަޕޯލީ ވިންގް، ކަވިޗާ ކަވަރަޓްސްޝޭލިއާ އެވެ.
ކަވަރަޓްސްޝޭލިއާ އަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ އުންމީދީ އެއް ވިންގެވެ. ކަވަރަޓްސްޝޭލިއާއަށް މިހާރުވެސް ބޮޑެތި ކްލަބުތަކުން ލޯ އަޅަމުންދެއެވެ. އުމުރުން އެންމެ 16 އަހަރުގައި ޑައިނަމޯ ތިބިލިސީން ކެރިއަރު ފެށި ކަވަރަޓްސްޝޭލިއާ 2019 ވަނަ އަހަރު ވަނީ ރަޝިއާގެ ލޮކޮމޮޓިވް މޮސްކޯއަށް ގޮސްފައެވެ. އޭގެފަހުން އެގައުމުގެ ރުބިން ކަޒާނަށް ބަދަލުވެފައިވާ އިރު، ރަޝިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދިއެވެ. ހަލުވި، ހިތްގައިމު ކުޅުމެއް ކުޅޭ ކަވަރަޓްސްޝޭލިއާ 2022 ވަނަ އަހަރު ނަޕޯލީއަށް ބަދަލުވެ، އެކްލަބަށް ތާރީހީ ލީގެއް ކާމިޔާބު ކޮށްދިނެވެ. އެފަހަރު ލީގުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.
ކަވަރަޓްސްޝޭލިއާގެ އެންމެ މުހިއްމު އައިޑަލްއަކީ މިރޭ ޕޯޗުގަލް ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުންނަ އަލް ނަސްރުގެ ފޯވަޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ޔޫރަޕްގައި ނުކުޅޭތީ ކްލަބަށް ކުޅޭ ކުޅުމުގައި ކަވަރަޓްސްޝޭލިއާއަށް ރޮނާލްޑޯއަށް ދެކޮޅަށް ކުޅެލަން ފުރުސަތު ނުލިބޭ ނަމަވެސް، މިރޭ އޭނާ ހުރީ ޖާޒީ ހިފައިގެން ދާން ތައްޔާރަށެވެ.
"ރޮނާލްޑޯއަކީ އަހަރެންގެ ބޯއީހުޑް އައިޑަލް، ރޮނާލްޑޯއާއެކު، ރޮނާލްޑޯއާ ދެކޮޅަށް ކުޅެލަން އަހަރެން އަބަދުވެސް އުންމީދުކުރިން. ރޮނާލްޑޯ މިހާރު ޔޫރަޕްގައި ނުކުޅޭތީ ކްލަބު ފުޓުބޯޅައިގައި އެ ފުރުސަތެއް ނުލިބޭ. އަހަރެން ވަރަށް އުފާވޭ މިރޭ އެ ފުރުސަތު ލިބޭނެތީ. މިއީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވާނެ ރެއެއް. އަހަރެން އުންމީދުކުރަނީ މިރޭގެ މެޗުން މޮޅުވެ، ރޮނާލްޑޯއާ ޖާޒީ ބަދަލުކޮށް، އޭނާގެ ޖާޒީ ހިފައިގެން ދަނޑުން ފައިބަން،" ކަވަރަޓްސްޝޭލިއާ ބުންޏެވެ.
ކަވަރަޓްސްޝޭލިއާ ޕްރި މެޗު ޕްރެސްގައި އިތުރަށް ބުނީ ޕޯޗުގަލް އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ކޮލިފައިވެފައި އޮތުމަކީ އެޓީމަށް މެޗުގެ މުހިއްމުކަން ކުޑަވާނެ ކަމެއް ކަމަށާއި، ޖޯޖިއާއަށް މެޗުން މޮޅުވުން މާ މުހިއްމު ކަމަށެވެ. އެހެންކަމުން މެޗުން މޮޅުވާން ޖޯޖިއާއިން ކުރާނެ މަސައްކަތްވެސް ބޮޑުވާނެ ކަމަށް ކަވަރަޓްސްޝޭލިއާ ބުންޏެވެ.
ޖޯޖިއާއައި ޕޯޗުގަލް ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024