ޖޯޖިއާއާ ދެކޮޅަށް ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅޭ މެޗަށް ޕޯޗުގަލްގެ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވިސްނާ ނަމަވެސް، ކެޕްޓަން ރޮނާލްޑޯއާއި ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ މެޗު ފަށާނެ ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޕޯޗުގަލްއިން ގްރޫޕްގެ ފަހު މެޗަށް ނުކުންނަނީ ގްރޫޕް އެފްގެ އެއްވަނަ މަގާމު ކަށަވަރު ކޮށްފައި އޮވެގެންނެވެ. އެޓީމުން ވަނީ މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައެވެ. ޕޯޗުގަލްއިން ފުރަތަމަ މެޗު ޗެކް ރިޕަބްލިކް ކައިރިން 2-1 އިން މޮޅުވި އިރު، އެންމެފަހުން ތުރުކީ ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނަ ޔަގީންވުމުން މިރޭ ބައެއް ކުޅުންތެރިންނަށް ރެސްޓް ދޭނެ ކަމަށް މާޓިނޭޒް ވަނީ ޕްރި މެޗު ޕްރެސްގައި ބުނެފައެވެ.

"އަހަރެމެން ޓީމުން ނެރޭ ފުރަތަމަ 11 ގައި ތިބޭނީ ހަމަ ވަރަށް މުހިއްމު، ވާދަވެރި ކުޅުންތެރިން. ބަދަލުތަކެއް ގެނަޔަސް އެއީ މެޗުން މޮޅުވެވޭނެ ފެންވަރުގެ ޓީމެއްކަން ޔަގީންކުރާނަން. އަހަރެން ކީޕަރު ބަދަލެއް ނުކުރާނަން. އެއީ މިއީ ވަރަށް ކުރު މުބާރާތެއްވީމަ، ކީޕަރާ ޑިފެންސާ ދެމެދު އޮންނަ ގުޅުން ކެނޑިދާނެ އެހެން ބަދަލެއް ގެނެސްފިނަމަ. އެހެންވީމަ ޑިއޯގޯ ކޮސްޓާ ކުޅޭނެ ޔަގީނުންވެސް،" މާޓިނޭޒް ބުންޏެވެ.

ޕޯޗުގަލްއިން އެންމެފަހުން ކުޅުނު މެޗަށް ކެޕްޓަން ރޮނާލްޑޯއަށް ރެސްޓް ދޭނެތޯ އެހުމުން މާޓިނޭޒް ރުޅިގަދަވެފައިވާ އިރު، މިރޭގެ މެޗަށް އެސުވާލު ކުރުމުން އޭނާ ދިނީ ސީދާ ޖަވާބެކެވެ.

"ރޮނާލްޑޯގެ ސީޒަން މިހާތަނަށް އައިއިރު ވަރަށް ކޮންސިސްޓެންޓް. އޭނާ މިހާތަނަށް މި ސީޒަނުގައި ހުރިހާ މެޗެއް ކުޅެމުން އެ އަންނަނީ. އެ ވާދަވެރި ޕޭސް ދަމަހައްޓަން ބޭނުންވާނަމަ ކުއްލިއަކަށް އެހެން މެޗެއް ދޫކޮށްލަން ރަނގަޅެއް ނުވާނެ. މިރޭގެ މެޗަށް ރެސްޓް ކޮށްފިނަމަ ދެން ރޮނާލްޑޯއަށް މެޗަކަށް ނުކުމެވޭނީ ހަ ދުވަސް ފަހުން. އެހެންވީމަ އެ ގޮތް ރަނގަޅެއް ނޫން. އޭނާ ފުރަތަމަ 11 އަށް ނުކުންނާނެ،" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ ގަދަ 16 ގައި ޖެހޭ އިދިކޮޅު ޓީމެއް ބަލަން ބޭނުން ނުވާ ކަމަށާއި، މިވަގުތު ފޯކަސް އޮތީ "ސަޕްރައިޒް" ޖޯޖިއާއަށް ކަމަށެވެ.

ޕޯޗުގަލްއާއި ޖޯޖިއާ ވާދަކުރާ ގްރޫޕް އެފްގެ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.