ޔޫކްރެއިނަށް ހަނގުރާމައިގެ ތެރެއިން، ޔޫރޯ 2024ގައި ބޭނުންވަނީ "ފެއަރީޓޭލް" އެއްގެ އިހުސާސް ގެންނަން ކަމަށް އެ ޓީމުގެ ކޯޗު ސެރްހީ ރެބްރޯވް ބުނެފިއެވެ.

ރަޝިއާއާއި ޔުކްރެއިން ހަނގުރާމަ ފަށާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ހަނގުރާމަ އަދިވެސް ކުރަމުންދާއިރު، ޔުކްރެއިނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެ ހަނގުރާމައިގެ ސަބަބުން ފީފާއިން ރަޝިއާ ސަސްޕެންޑް ކޮށްފައިވެސް ވެއެވެ.

މިފަހަރުގެ ޔޫރޯއަށް ޔޫކްރެއިނުން ކުރިމަތިލީ ހަނގުރާމައިގެ ތެރެއިން ކުރި އަސަރުތަކާވެސް އެކުގައެވެ. ޓީމަށް އެންމެ އެދެވޭ ގޮތެއްގައި ތަމްރީނުތައްވެސް ކުރިއަށްގެންދެވިފައެއް ނުވެއެވެ. ޔޫކްރެއިންގެ ކްލަބުތަކަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު، އެ ގައުމުގެ ކުޅުންތެރިންނަށްވެސް އެކަމުގެ އަސަރު ވަނީ ކޮށްފައެވެ.

ޔޫރޯ 2024 ގައި ބެލްޖިއަމް އަތުން މޮޅެއް ހޯދައިގެން ގަދަ 16ގެ ޖާގައެއް ޔޫކްރެއިނަށްވެސް ކަށަވަރުކުރެވެން އޮތް އިރު، އެ މެޗާ ގުޅޭ ގޮތުން ކޯޗު ރެބްރޯވް ބުނީ ބޭނުންވަނީ ގްރޫޕު ސްޓޭޖު ފަހަނައަޅައި ގޮސް، ރަޝިއާ އިން ދެމުންގެންދާ އަނިޔާތަކުން ޔޫކްރެއިންގެ ރައްޔިތުންނަށް ލިބޭ ހިތާމަތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ގެނެސްދޭން ކަމަށެވެ.

"އެކަން ވެގެންދާނީ 'ފެއަރީޓޭލް' އަކަށް. އަހަރެމެން ބޭނުންވަނީ އެތައް ދުވަހަކަށްފަހު އެފަދަ އިހުސާސެއް ގެނެސްދޭން. އެއީ އަހަރެމެން ހަނގުރާމައިގެ ތެރޭގައި ދިރިއުޅޭތާ މިހާރު މިވީ ގާތްގަނޑަކަށް 900 ދުވަސް. ޔޫކްރެއިނަށް ކޮންމެ މެޗެއް، ކޮންމެ އިވެންޓަކީވެސް މާނަ އެކުލެވޭ ކަންކަން. އެއީ ކުރީގެ ހަނދާންތައް އާވެގެންދާނެ ކަމެއް،" ކޯޗު ރެބްރޯވް ބުންޏެވެ.

"ގްރޫޕު އީ" ގައި ހިމެނޭ ހުރިހާ ޓީމަކަށް ވެސް މިވަގުތު ލިބިފައިވަނީ ތިން ޕޮއިންޓެވެ. ރުމޭނިއާ އާއި ބެލްޖިއަމާއި ސްލޮވާކިއާ އަދި ޔޫކްރެއިން، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނައިގައި ރުމޭނިއާ އޮތީ ޖެހި ގޯލުންނެވެ. ޔޫރޯގެ ތާރީހުގައި ގްރޫޕު ސްޓޭޖުގެ ފަހު މެޗާ ހަމައަށް ދާއިރު، ގްރޫޕުގެ ހުރިހާ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވީ މިއީ ފުރަތަމަ ފަހަރެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޔޫކްރެއިނުން ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.