ޔޫރޯ 2024 ގައި ޕޮލެންޑުން ވަރުގަދަ ފްރާންސް އަތުން ޕޮއިންޓެއް ހޯދައިގެން މުބާރާތް ނިންމާލައިފިއެވެ.

ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި މިރޭ ކުޅުނު "ގްރޫޕު ޑީ"ގެ މެޗުގައި ޕޮލެންޑް އަތުން 1-1 ގެ ނަތީޖާއަކުން ފްރާންސް ވަނީ އެއްވަރުވެފައެވެ. އެއް ވަގުތެއްގައި އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އޮސްޓްރިއާ އިން ވަނީ 3-2 ގެ ނަތީޖާއަކުން ނެދަލެންޑްސް ބަލިކޮށްފައެވެ.

އެ ނަތީޖާއާކު "ގްރޫޕު ޑީ"ގެ އެއްވަނަ ހޯދި އޮސްޓްރިއާއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި ނިންމާލި ފްރާންސަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ނެދަލެންޑްސްއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ޕޮލެންޑް ނިންމާލީ ޕޮއިންޓަކާއެކުއެވެ. މި ގްރޫޕުން އޮސްޓްރިއާ އާއި ފްރާންސް އަދި ނެދަލެންޑްސްއަށް ވެސް ވަނީ ގަދަ 16 ގެ ޖާގައެއް ލިބިފައެވެ.

އެ މެޗަށް ނުކުތް އިރު، ފްރާންސަށް ކޮލިފިކޭޝަން އޮތީ ޔަގީންވެފައެވެ. އެއީ ރޭ އަލްބޭނިއާއަށް ސްޕެއިން ބަލިނުކުރެވުމުން، އެޓީމަށް ތިންވަނަ ޔަގީންވާނެތީއެވެ. އެހެންނަމަވެސް ގްރޫޕުގެ އެއްވަނަ ހޯދުމަށް ފްރާންސަށް ވަނީ މޮޅެއް ހޯދުމަށް މުހިންމުވެފެއެވެ. އަދި މެޗަށް ނުކުތް އިރު، ޕޮލެންޑަށް ގަދަ 16 ގެ އެއްވެސް ފުރުސަތެއް ނެތެވެ.

މިރޭގެ މެޗަށް ދެ ޓީމުން ވެސް ނުކުތީ ބަދަލުތަކަކާއެކުއެވެ. އެގޮތުން ފްރާންސުން ވަނީ ފުރަތަމަ މެޗުގައި ނޭފަތަށް އަނިޔާވެގެން ދެވަނަ މެޗުގައި ނުކުޅެވުނު ކެޕްޓަން އެމްބާޕޭ، ފުރަތަމަ 11 ގައި ހިމަނައިފައެވެ. އޭނާ ނުކުތީ މާސްކެއް އަޅައިގެންނެވެ. ނަމަވެސް ފްރާންސްގެ ފުރަތަމަ 11 އިން އެންޓޮއިން ގްރީޒްމަނަށް ފުރުސަތު ދީފައެއް ނުވެއެވެ.

ޕޮލެންޑުން ވަނީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ފުރަތަމަ 11 ގައި ހިމަނައިފައެވެ. އަނިޔާއަކާ ގުޅިގެން ފުރަތަމަ ދެ މެޗުގައި އޭނާ ފުރަތަމަ 11 ގައި ހިމެނިފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި އޭނާ ބޭނުން ވެސް ކޮށްފައި ނުވާ އިރު، ދެވަނަ މެޗުގައި ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ޕޮލެންޑުގެ ދެވަނަ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ތަޖުރިބާކާރު ގޯލްކީޕަރު ވޮޖްސިއެޗް ޝެޒްނީގެ ބަދަލުގައި ލޫކަސް ސްކޮރިޕްސްކީއަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމެވެ.

ވަރުގަދަ އެޓޭކަކާއެކު ފްރާންސުން ފަށާފައިވަނިކޮށް މެޗުގެ ހަވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. ކައުންޓާ އެޓޭކެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ބޭރުން ޕިއޮޓާ ޒީލިންސްކީ ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު މައިކް މައިގްނަން ވަނީ މަތަކޮށްފައެވެ.

އޭގެ ފަސް މިނެޓު ފަހުން ފްރާންސަށް ވަނީ ކައިރިކައިރީގައި ހުސް ދެ ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ތެއޯ ހެނާންޑޭޒް ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ލޫކަސް ސްކޮރުޕްސްކީ ހުޝިޔާރުކަމާއެކު މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ވެސް ކީޕަރު ސްކޮރުޕްސްކީ މަތަކުރިއެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ޕޮލެންޑަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕިއޮޓާ ޒީލިންސްކީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭއަށް ހުސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އެމްބާޕޭ ފޮނުވާލި އެ ދެ ހަމަލާ ވެސް ޕޮލެންޑް ކީޕަރު ސްކޮރުޕްސްކީ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ފްރާންސުން ދެވަނަ ހާފު ވެސް ފެށީ ވަރުގަދަ އެޓޭކިން ކުޅުމަކާއެކުއެވެ. އެގޮތުން ފްރާންސުން ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. އެންގޯލޯ ކަންޓޭގެ ހަމަލާއެއް ބްލޮކްވި އިރު، އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްބެލޭއަށް ޕޮލެންޑްގެ ޔަކުބް ކިވިއޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ފްރާންސުން ވަނީ ލީޑު ހޯދައިފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ފްރާންސަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ.

އޭގެ ފަހުން ވެސް އެމްބާޕޭއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުށްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ، އަމާޒުވީ ޕޮލެންޑް ކީޕަރު ސްކޮރުޕްސްކީއާ ދިމާއަށެވެ.

އެ ހަމަލާގެ ކުރިން ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލްކޮށްފައިވޭތޯ ބެލުމަށް ރެފްރީ ވަނީ ވީއޭއާރަށް ބަލައިފައެވެ. ވީއޭއާރަށް ބަލައި، ޕެނަލްޓީ އޭރިއާ ތެރެއިން ކެރޮލް ސްވިޑާސްކީއަށް ފްރާންސް ޑިފެންޑަރު ޑަޔޯ އުޕަމެކާނޯ ފައުލްކޮށްފައިވުމުން ޕޮލެންޑަށް ޕެނަލްޓީއެއް ދިނެވެ.

ލެވަންޑޯސްކީގެ ފުރަތަމަ ފޮނުވާލި ޕެނަލްޓީ، ފްރާންސްގެ ކީޕަރު މައިގްނަން މަތަކުރި ނަމަވެސް، ރެފްރީ ނިންމީ ބޯޅަ ފޮނުވާލުމުގެ ކުރިން މައިގްނަން ކުރިއަށް ނުކުމެ ހުރި ކަމަށެވެ. އަލުން ދިން ޕެނަލްޓީން ލެވަންޑޯސްކީ، ޕޮލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައެވެ.

އޭގެ ތިން މިނެޓު ފަހުން ޕޮލެންޑަށް ލީޑު ހޯދުމަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ޒީލިންސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފަހުކޮޅު ފްރާންސުން އެޓޭކު ވަރުގަދަކޮށް، ޕޮލެންޑުގެ ގޯލަށް ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ފްރާންސަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލިވިއާ ޖިރޫ ފޮނުވާލި ހަމަލާ، ޕޮލެންޑް ޑިފެންޑަރު ޔާން ބެޑްނަރެކް ވަނީ ބްލޮކްކޮށްފައެވެ.