"ސީދާ ގައުމަށް ތަށި ހޯދައިދޭން ބޭނުންވެގެން، އެކަން ޒުވާން ކުދިންނަށްވެސް ހަނދާން ކޮށްދީގެން މި ތަށި ހޯދީ. އަހަރެމެން އަބަދުވެސް ބަލަން ޒުވާން ކުޅުންތެރިންގެ އަހުލާގާއި ގައުމީ ރޫހު ރަނގަޅުކުރަން. މުބާރާތެއް ކާމިޔާބުކުރުމަށް އެއީ އެންމެ މުހިއްމު ކަންތައް. ވަރަށް މުހިއްމު ބައިވަރު ކަންތައްތަކެއް ދަނޑު ބޭރުން ކޮށްގެން މި ޓީމަށް ތަށި ލިބުނީ،" 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށްޓަށްފަހު މުހައްމަދު އާރިފް (ބަކާ) އަޅުގަނޑު ގާތުގައި ބުންޏެވެ.

އެފަހަރު މުބާރާތަށް ދިޔައިރު ޓީމު އޮތީ ވަރަށް ނާޒުކު ޕްރެޝަރު ހާލަތެއްގައެވެ. ޒުވާން ޓީމެއް ގޮވައިގެން ޕީޓާ ސެގަޓް ގޮސް ތަށި ހޯދީ ދަނޑުމަތީގައި ދެއްކި ކުޅުމުން އެކަންޏެއް ނޫނެވެ. ދަނޑު ބޭރުން އައި އެތައް ޕްރެޝަރަކާ ކުރިމަތިލައިގެންނެވެ. އެ ޕްރެޝަރުގައި ޒުވާން އެތައް ކުޅުންތެރިންނެއް ހަމަޖެއްސި އެއް ލީޑަރަކީ ބަކާއެވެ. އަބަދުވެސް ދީނީ އަހުލާގަށް ފުރިހަމައަށް އިސްކަން ދޭ، ގާތް ރައްޓެއްސެކެވެ. ގައުމީ ހިދުމަތަށް، ގައުމީ ރޫހަށް ޖާނުދިން ތަފާތު މޮޅު މިޑްފީލްޑަރެކެވެ. ބަކާގެ އެތައް ހަނދާނެއް އެބަހުއްޓެވެ. ނަމޫނާ އެތައް ވާހަކައެއް އެބަހުއްޓެވެ. އެއީ ފުޓުބޯޅަ ތަރިއަކަށް، މި ގައުމު ދުށް އެންމެ ހުލްގު ހެޔޮ އެއް ކުޅުންތެރިޔާއެވެ. މިއަދު ވަކިވެދިޔައީ އުމުރުން އެންމެ 39 އަހަރުއެވެ.

އައްޑުއަށް އުފަން ބަކާ ވިދާލީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމުގެ ތެރެއިންނެވެ. މަގުބޫލު އިސްތަށިގަނޑެއްގެ ވެރި ބަކާގެ ފުޓުބޯޅަ ކެރިއަރު، 2004 ވަނަ އަހަރު ފަށާފައިވަނީ އައިލެންޑް އެފްސީންނެވެ. އޭގެފަހުން ވީބީ އައްޑޫ އެފްސީން ނެރުނު ތަރިންގެ ޓީމުގައި ބަކާ ހިމެނުނެވެ. އޭގެފަހުން އޭނާ ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، ވިކްޓަރީގެ އިތުރުން އީގަލްސް އާއި މާޒިޔާއަށް ވެސް ކުޅެފައެވެ.

ބަކާ ވަނީ 2015 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ކްލަބަކަށް ވެސް ކުޅެފައެވެ. މިޔަންމާ ލީގުގެ ކަންބައުޒާއަށް ބަކާ އެ އަހަރު ކުޅެފައިވާ އިރު، އޭނާއަކީ ހަވީރުން ހޮވި 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި ޖެހިގެން އައި 2011 ވަނަ އަހަރު ބަކާ ވަނީ ރާއްޖޭގެ ދެވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.

ގައުމީ ޓީމަށް 58 މެޗު ކުޅެދީފައިވާ ބަކާ ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުޅެފައެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެއިން ތަށި ހޯދި ޓީމުގައި ވެސް ބަކާ މުހިއްމު ދައުރެއް އަދާކުރި އިރު، އެންމެފަހުން 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނިފައިވެއެވެ. ގައުމީ ޓީމަށް ކުޅުނު 10 ވަރަކަށް އަހަރު ދުވަހުގެ ކެރިއަރުން ދައްކުވައިދިނީ ފުޓުބޯޅައިގެ ޖީލުތަކަށް ނަމޫނާއެކެވެ. ލީޑަރެއްގެ ގޮތުގައި ދަނޑުމަތީގައި ފެނިގެންދާ ބަކާއަކީ އޭނާގެ ރޯލަށް، ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލުގައި ދެވަނައެއް ނެތް ކުޅުންތެރިއެކެވެ. ދިވެހި ސަޕޯޓަރުންނަށް އަބަދުވެސް ބަކާއަށް އިތުބާރު އޮތެވެ.

ބަކާ، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑަށް ނެގި ނަމަވެސް، އެފަހަރު މުބާރާތަށް ނުކުމެފައެއް ނުވެއެވެ. އެއީ ގައުމީ ޖާޒީގައި އޭނާ އެންމެފަހުން ފެނުނު ފަހަރެވެ.

ބަކާ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ގޮސްފައިވަނީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ދައުވަތަކަށެވެ. އެ ފުރުސަތުގައި ބަކާ ހައްޖުގެ އަޅުކަން އަދާކޮށް، މާލެ އައިފަހުން ހުން އައިސް، ހާލު ދެރަވެގެން އެޑްމިޓް ކުރީ ރޭގައެވެ. އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިއަދުގެ ވަގުތެއްގައެވެ.

ބަކާ ހައްޖުގެ އަޅުކަމުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން ބައެއް ދީނީ އިލްމުވެރިންނާ ދެއްކި ވާހަކައާއެކު ހައްޖުގެ އަޅުކަމަށް އޭނާ ކުރި މަސައްކަތް ފެނިގެންދެއެވެ.

"މުހައްމަދު އާރިފު (ބަކާ) އަކީ ދީނީ ކަންކަމަށް ފަރުވާތެރިވި ވަރަށް ގާތް އަޚެއް. ނަމާދުތަކަށް ފަރުވާތެރިކަން ބެހެއްޓި، އެންމެ ފަހުން ވާހަކަ ދައްކައިލެވުނީ ހައްޖުގެ އަޅުކަމުގައި ހުންނަވައި ފޯނުން ގުޅުއްވާލެއްވީމަ. އެދިލެއްވީ ކިޔާލާނެ ރަގަޅު ދުއާކޮޅެއް ފޮނުއްވުމަށް. 100 ދުއާ އެކުލެވޭ ދުއާ ފޮތެއް ފޮނުވާލަދިނިން. މާތްﷲ ބަކާގެ ހައްޖަކީ މަބްރޫރު ހައްޖެއް ކަމުގައި ލައްވައި، ކުރެއްވި ހުރިހާ ދުއާއެއް އިޖާބަކޮށްދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށި. اللهم اغفر له وارحمه.އާމީން،" ބަކާގެ ވަކިވުމާއެކު އައިޔޫއެމްގެ ވައިސް ޗާންސެލާ، ރާއްޖޭގެ އެންމެ މަގުބޫލު އެއް ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު، ބަކާގެ މެސެޖެއްގެ ސްކްރީންޝޮޓަކާއެކު ހިއްސާކޮށްފައިވެއެވެ.

ބަކާއާ މިސްކިތްތަކުން ދިމާވެފައިވާ ގިނަ ބަޔަކުވެސް މިއަދު ސެލްފީތައް މީސް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. އެ އެންމެންނަށްވެސް އެއީ އިހުތިރާމު ލިބިފައިވާ ގާތް އަހެކެވެ. ކޮންމެ މީހަކާވެސް ވާހަކަ ދައްކާފައިވަނީ އުފާވެރި ހިނިތުންވުމަކާއެކު، އަދަބު އިހުތިރާމު އަދާކޮށްގެންނެވެ. އެ ހަނދާންތައް މިއަދު ދިވެހީންގެ އެތައް ބަޔަކު ދަނީ މީސް މީޑިއާއަށް ބަންޑުން ކުރަމުންނެވެ.

"ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެކެވެ. މި ހިތާމަވެރި ވަގުތު މަރްހޫމް މުހައްމަދު އާރިފްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްޙޫމް މުހައްމަދު އާރިފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، ކީރިތިﷲގެ ނިއުމަތާ ރަހުމަތުގައި ލެހެއްޓެވުން އެދި ދުއާކުރަމެވެ.،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތައުޒިޔާގެ މެސެޖުގައިވެއެވެ.

ކުޅިވަރު އާއިލާގެ އެތައް ޝަހުސިއްޔަތެއްގެ ހިތަށް މޮޅިވެރިކަން ވެރިވެ، ދެރަވެއްޖެއެވެ. އޭނާއާއެކުގައި ގައުމީ ޓީމަށް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އާއި އިމްރާން މުހައްމަދު (އިންމަ)، ސޮބާހު މުހައްމަދު (ސޮބާ) ފަދަ ލެޖެންޑުންނަށްވެސް ލިބުނީ ފުން ހިތާމައެކެވެ. ބަޔާންކޮށްދޭން ދަތި ހިތާމައެއްވެސް މެއެވެ.

ކުރީގެ ރައީސް، އަދި ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަކާއަށް ތައުޒިޔާ ދަންނަވަމުން އެމަނިކުފާނާއެކު މަޖިލީހުގައި މަސައްކަތްކުރެއްވި ބަކާގެ ލޮބުވެތި އަނބިކަނބަލުން، މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާއަށާއި ބަކާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ ތައުޒިޔާ ވިދާޅުވިއެވެ.

މުޅި ގައުމު ރޮއްވާލައިފިއެވެ. ދިވެހި ފުޓުބޯޅައިގެ ރަން ޖީލުގެ، ރަން ކުޅުންތެރިއެއް ވަކިވެގެން ދިޔުމުން ލޯތައް ފާއްދާލައިފިއެވެ. ދިވެހި ގައުމަށް ހިދުމަތްތެރިއެކެވެ. ދެ ކުދިންގެ ބައްޕައެކެވެ. ޒުވާން އުމުރުގައި ވަކިވި ވަކިވުމުން، ގައުމެއް ހިތާމަކުރަނީއެވެ. ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި، އާމީން!