ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށް އޮތް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް އިންޑިއާ ވަޑައިގެންނެވީ މިމަހުގެ 9 އިން 11 އަށެވެ.

ރައީސް އޮފީހުން މިއަދު ވަނީ އެ ދަތުރުފުޅުގެ ހަރަދުތައް މީޑިއާތަކާ ހިއްސާކޮށްފައެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށް ދައުވަތު ލިބިފައިވަނީ ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމަށާއި އެހެންވެ ރާއްޖޭގެ ވަފުދު އިންޑިއާއަށް ދަތުރުކުރައްވާފައި ވަނީ ދުބާއީ އަދި ސްރީލަންކާ މަގުން ކަމަށެވެ. އެހެންވެ ޓްރާންސިޓް ކުރުމާ އެކު ދަތުރުމަތީ ކޮންމެ ފަހަރަކު ވެސް 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ހޭދަވި ކަމަށެވެ. އަދި ރާއްޖޭގެ ވަފުދުގެ ދަތުރުގެ ހަރަދަށް 1،440،170.33 ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯދީ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި 20 ބޭފުޅަކު ވަޑައިގެންނެވިއެވެ. އެއީ ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުން ހިމަނައިގެންނެވެ.