"އެއީ ކޯޗެއްވެސް ނޫން. އަހަރެންގެ ކެރިއަރުގައި ކޯޗުކަން ކޮށްދިން އެހެން ހުރިހާ ކޯޗުންނަށް އަހަރެން ކިޔަނީ ބޮސް. އެއީ އެމީހުންނަށް ކުރެވޭ އިހުތިރާމުން އަހަންނަށް އަމިއްލައަކަށް ކިޔޭ އެއްޗެއް. އެކަމަކު އަހަންނަށް އޭނާ އެއީ ބޮސްއެއް ކަމަކަށް އިހުސާސެއް ނުވޭ،" މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަންވެގެން، އެ ކްލަބުގެ ހާލަތު ކިޔައިދެމުން، މިހާރު އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކަށް ނިސްބަތްކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައިވެއެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ދިން އެ އިންޓިވިއު މުޅި އިންޓަނެޓް ފަތަހަކުރިއެވެ. އެ އިންޓަވިއުގައި އެންމެ ބޮޑަށް އިހުތިރާމު ކުޑަކޮށްފައިވާ އެކަކީ މިހާރު ޔޫރޯގައި އޮސްޓްރިއާގެ ކޯޗަކަށް ހުރި ރަންގްނިކަށެވެ. އެއީ ޔުނައިޓެޑްގައި އޭރު އޮތް ސްކޮޑުގެ ބޮޑު ބައެއް ރަންގްނިކާ ދޭތެރޭ ދުށް ގޮތެވެ. ޔުނައިޓެޑަށް ރަންގްނިކް ކޯޗުކަން ކޮށްދިން ހަ މަސް ދުވަހު، އޭނާއަށް ޓީމު ލައްވައި ހޯދުނީ އެންމެ 11 މޮޅެވެ. އެއީ އޭނާގެ މުޅި ފޮޓޯއަށް ވެސް ހުތުރެކެވެ. ރަންގްނިކަކީ ޔޫރަޕްގައި އެ ދަރަޖައިގައި ހުރި ކޯޗެއް ނޫނެވެ. އެއީ އިހުތިރާމު ލިބިފައި ހުރި ވަރުގަދަ މެންޓާއެކެވެ.

ޔާގަން ކްލޮޕާއި، ތޯމަސް ޓުޗެލް އަދި ޖޫލިއަން ނަގެލްސްމަން ފަދަ ކޯޗުންނަށް ޒަމާނީ ފުޓުބޯޅަ އުނގަންނައިދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި އެދުރަކީ ރަންގްނިކެވެ. ހައި ޕްރެސިން، އަވަސް ގޭމެއް ޔޫރަޕްގެ ފުޓުބޯޅައަށް ދިރާސީ ގޮތެއްގައި ތައާރަފުކުރި އެންމެ އިސް މޭސްތެރިއަކީވެސް އޭނާއެވެ. އެކަން ކުރިން އޮތީ ސާބިތުވެސް ކޮށްދީފައެވެ.

ރަންގްނިކަކީ ޖަރުމަނު ޑޮމެސްޓިކް ލީގުގައިވެސް އިންގިލާބީ ނަތީޖާތަކެއް ހޯދި ކޯޗެކެވެ. ޝާލްކޭއާއެކު 2011 ވަނަ އަހަރު ޖަރުމަން ކަޕް ކާމިޔާބުކުރުމުގެ އިތުރުން އާރްބީ ލެއިޕްޒިގާއެކު އެ މުބާރާތުގެ ފައިނަލަށްވެސް ރަންގްނިކް ދަތުރުކޮށްފައިވެއެވެ. ލެއިޕްޒިގްގައި އޭނާ އަމިއްލަ ޓީމެއް ބިނާކޮށް، ޔޫރަޕްގެ ކްލަބުތަކަށް ނަމޫނާ ކްލަބަކަށް އެ ކްލަބު ހެދިއެވެ. އެއީ ވަސީލަތްތަކާއި ޓްރާންސްފާތަކުންވެސް ތަފާތު ދައްކާ، ކްލަބަށް މަންފާވެސް އިތުރުކޮށްގެންނެވެ. އޭގެ އިތުރުން ޝާލްކޭއާއެކު 2010-11 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށްވެސް ރަންގްނިކް ދަތުރު ކޮށްފައިވެއެވެ.

އެ ތަޖުރިބާތަކުގައި އޭނާ ބޮޑަށް އުޅުނީ ކްލަބު ހިންގުމުގައެވެ. ޓެކްނިކަލް މަސައްކަތްތަކުގައެވެ. އެ މަސައްކަތްތަކުގެ ތެރެއިން ޔުނައިޓެޑާ ގުޅުނީ އޮލެ ގުނަ ސޮލްޝެއާ މަގާމުން ދުރުވުމުންނެވެ. އޭނާ ކޯޗަކަށް ފުރަތަމަ ހަވާލުވި ނަމަވެސް، އިތުރު އެއްބަސްވުމެއް އޮތެވެ. އެއީ ޓެކްނިކަލް ރޯލެއްގައި އިތުރު އަހަރުތަކަކަށް މަސައްކަތް ކުރުމަށެވެ.

ފުރަތަމަ މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިން ލައްވައި ރަންގްނިކް ހައި ޕްރެސްކޮށް، ކްރިސްޓަލް ޕެލެސްގެ ޑިފެންޑަރުން އަތުން 12 ފަހަރު ބޯޅަ ހޯދުވިއެވެ. އެމެޗު ކާމިޔާބުކޮށް ނިމުނު ނަމަވެސް، އެ ތަފާތު ސީޒަނަކަށް ނުގެނެވުނެވެ. ޔުނައިޓެޑްގެ ކުޅުންތެރިން ވަރުބަލިވެ، ހުއްޓުނީމައެވެ.

ރަންގްނިކަށް ޔުނައިޓެޑާ ހަވާލުވާން ޖެހުނީ ސީޒަނެއްގެ މެދުތެރެއިންނެވެ. އެހެންކަމުން އޭނާ ބޭނުންވާ ފިޓްނަސްއަށް ކުޅުންތެރިން ގެންދަން ކުރެވޭނެ ކަމެއްވެސް އޭރަކު ނެތެވެ. އެވާހަކަ އޭނާ ބުނަންވެސް ބުންޏެވެ. އެހެންވިޔަސް، ޔޫރަޕްގެ އެންމެ ވަރުގަދަ ލީގު، އިނގިރޭސި ލީގުގައި އޮތް އެންމެ އަގުބޮޑު، އެންމެ ޝާހީ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް އެކަން ގަބޫލުކުރަން އުނދަގޫވީއެވެ. އޭނާގެ ކޮންސަލްޓެންސީ ރޯލުގެ އެއްބަސްވުންވެސް އުވާލައި، 2022 ވަނަ އަހަރު ޔުނައިޓެޑުން އޭނާ ދުރުކޮށްލިއެވެ. ޔޫރަޕްގައި ރަންގްނިކަށް ލަދުވެތި މަސައްކަތަކަށް އެ މަސައްކަތްވީއެވެ.

ކޯޗިން މަސައްކަތުގެ ތެރެއަށް އަލުން ނުކުންނަން ރަންގްނިކަށް ފުރުސަތު ދިނީ، އޭނާއާ އަބަދުވެސް ގާތުން މަސައްކަތް ކުރަމުންދިޔަ އޮސްޓްރިއާއިންނެވެ. ވަގުތު ދިނެވެ. ކުރިން ހުރި ކޯޗު، ފްރޭންކޯ ފޯޑާއެކު ފަހަތު މަޑުކޮށްފައި އޮތް ޓީމު، ދުއްވައިގަތެވެ. ވަކި ޓީމެއް ނުބަލައި ޕްރެސްވެސް ކުރެއެވެ. މިދިޔަ ނޮވެމްބަރު މަހު ޖަރުމަނު ބަލިކުރުމުން ރަންގްނިކް އޭނާގެ ފިލޯސަފީ ސާބިތުވެސްކޮށްދިނެވެ. އޭގެފަހުން ތުރުކީ ކައިރީ 6-1 ގެ މޮޅެއްވެސް އޮސްޓްރިއާއިން ހޯދިއެވެ.

އެ ފޯމުގައި ނުކުތީ ޔޫރޯއަށެވެ. ފުރަތަމަ މެޗުގައި ވަރުގަދަ ފްރާންސް ކައިރިން ނުރައްކާކޮށް، ބަލިވީ 1-0 އިންނެވެ. ޕޮލެންޑް ކައިރީ ދައްކާލީ ސީދާ "ރަންގްނިކްބޯލް" އެވެ. އެޓޭކިން އޭރިއާގައި ވަރުގަދައަށް ޕްރެސްކުރިއެވެ. ލިބޭ ބޯޅަތައް އެޓޭކަށް އަވަސް މޫވްތަކަކުން ބަދަލުކޮށްލިއެވެ. ޕޮލެންޑުން އޮސްޓްރިއާ އޭރިއާ ތެރޭގައި ޖެހި ޕާސްތަކުގެ އަދަދު ދެއެކެވެ. އޮސްޓްރިއާއިން ޕޮލެންޑް އޭރިއާ ތެރޭގައި 10 ޕާސް މެޗުގައި ޖެހިއެވެ. ތަފާތަކީ އެއީއެވެ.

އެންމެފަހުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހީ ކްރިސްޓޯފް ބައުމްގާޓްނާ ގޯލު ޖަހައި އުފާފާޅުކުރީ ރަންގްނިކާއެކުގައެވެ. އެއީ އިތުބާރެވެ. އެ ގޯލަށް އޮސްޓްރިއާއިން ފަހިކުރީ ސީދާ ރަންގްނިކް އިރުޝާދު ދިން ސްޓައިލަށެވެ.

އެ މޮޅާއެކު މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް އޮސްޓްރިއާއިން ނުކުންނަނީ ގަދަ 16 އަށް ލޯ އަޅައިގެންނެވެ. މޮޅެއް ހޯދުމުން އެކަން ވާން އެބައޮތެވެ. އެއްވަރު ވެގެންވެސް ފުރުސަތު އޮވެދާނެއެވެ. އެހެން ނަމަވެސް ރަންގްނިކް އެ ހުރިހާ ކަންކަމެއް ނުބަލައެވެ. ޓީމު ކުޅުންތެރިންނަށް އިރުޝާދު ދެނީ މޮޅެއް ހޯދާށެވެ. އެކަމަށް މިހާރު އެޓީމު ފައްކާ ކަމަށް އޭނާ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ކޮވިޑް 19ގެ އުނދަގޫ ހާލަތުގައި ޔުނައިޓެޑްގެ ވިއްސިވިހާލިވެފައިވާ ޓީމެއްގައި ރަންގްނިކަށް މޮޅު ވެވުނީ 38 ޕަސެންޓް މެޗުންނެވެ. އެއީ ތާރީހުގައިވެސް އެންމެ ނާކާމިޔާބު ކޯޗެވެ. އެންމެފަހުން އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 14 މެޗުން ހޯދުނީ ތިން މޮޅެވެ. އެ ހާލަތު ގޯހުން ގޯހަށް ގޮސް، ރަންގްނިކް އާ ސަފުހާއަކަށް ފެށީ އޮސްޓްރިއާއިންނެވެ. މިރޭ ކޮންމެ ނަތީޖާއެއް ނުކުތަސް ރަންގްނިކްގެ ބަހަށް އަލުން އިތުބާރު ހޯދައިފިއެވެ. ޔުނައިޓެޑްގައި ނުލިބުނު ލޯތްބާއި އިހުތިރާމް އަލުން ހޯދައިފިއެވެ.