ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެންވެސް، މިރޭ ޕޮލެންޑާ ދެކޮޅަށް ނުކުންނަންވެސް ކިލިއަން އެމްބާޕޭ ވަރަށް ބޭނުންވާ ކަމަށާއި އޮތް ހަމައެކަނި ކަންބޮޑުވުމަކީ މާސްކް އެޅުމުން ރަނގަޅަށް ނުފެނުން ކަމަށް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.
ފްރާންސުން މި ފަހަރުގެ ޔޫރޯ 2024 ގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އޮސްޓްރިއާއާ ދެކޮޅަށެވެ. އެ މެޗު 1-0 އިން ފްރާންސުން ކާމިޔާބު ކުރި އިރު، އެމްބާޕޭއަށް ވަނީ އަނިޔާވެފައެވެ. އެމްބާޕޭ ބޯޅައިގައި ބޮލުން ޖަހަން އުޅެނިކޮށް، އޭނާއަށް އަނިޔާވީ އިދިކޮޅު ކުޅުންތެރިޔާ ކޮނޑުގައި މޫނު ޖެހި، ނޭފަތް ބިންދައިގެން ގޮސްގެންނެވެ.
އެ އަނިޔާގެ ސަބަބުން އޮޕަރޭޝަން ކުރަން ފުރަތަމަ އުޅުނު ނަމަވެސް، ފެޑަރޭޝަނުން ނިންމާފައިވަނީ އޮޕަރޭޝަން ނުކޮށް، މާސްކެއްގައި ކުޅެން ނުކުތުމަށެވެ. އެހެންވެ، ފުރަތަމަ ފަރިތަކުރުންތަކަށް އެމްބާޕޭ ނުކުތީ ފްރާންސްގެ ދިދައިގެ ފަރުމާއެއްގައެވެ. އެ ފަރުމާގެ ސަބަބުން މެޗަށް އެ މާސްކުގައި ނޭރޭނެ ކަމަށް ބުނުމުން ފަހުން އެމްބާޕޭ ފެނުނީ ކަޅު މާސްކެއްގައެވެ.
ކަޅު މާސްކެއްގައި އެމްބާޕޭ އެންމެފަހުން މެޗުގައި ބެންޗުގައި އިން ނަމަވެސް އޭނާ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެން އަރާފައެއް ނުވެއެވެ. ޑިޝޭމްޕްސް ނެދަލޭންޑްސް މެޗުގައި އެމްބާޕޭ ނޭރުވުމުން އެކަމަށް ކޮންމެވެސް ވަރެއްގެ ފާޑުކިޔުމެއް އަމާޒުވެފައިވީ ނަމަވެސް، އޭނާ ބުނީ އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ. އެގޮތުން މާސްކް އެޅުމުން އެމްބާޕޭގެ ފެނުމަށް އަސަރުކުރާ ކަމަށާއި ނެދަލޭންޑްސް މެޗަށް ނުކުންނަން ތައްޔާރުވި އިރު، އެމްބާޕޭގެ ނޭފަތާ ދިމާއިން ވަރަށް ބޮޑަށް ދުޅަވެފައި ހުރި ކަމަށްވެސް ޑިޝޭމްޕްސް ބުންޏެވެ.
އެމްބާޕޭ މާސްކަށް ހޭނުމަށް ފުރުސަތު ދޭން ފްރާންސުން ވަނީ އެކުވެރިކަމުގެ މެޗެއްވެސް މިދިޔަ ހޯމަ ދުވަހު ކުޅެފައެވެ. ބެންޗު ޓީމު ބޭނުންކޮށްގެން ޖަރުމަނު ކްލަބެއް ކަމަށްވާ ޕަޑޭބޯންގެ 21 އަހަރު ޓީމާ ދެކޮޅަށް ފްރާންސުން ކުޅުނު މެޗުގައި އެމްބާޕޭ ކުޅެ، ދެ ގޯލުވެސް ޖެހިއެވެ.
އެމްބާޕޭ ކުޅޭ ހިތުން ކެތްމަދުވެފައި ހުރި އިރު، މިރޭ އޭނާ ޕޮލެންޑާ ދެކޮޅަށް ފެންނާނެ ކަމަށް ބެލެވެއެވެ.
"ނޭވާ ލާކަށް އުނދަގުލެއް ނުވޭ. އެހެންވިޔަސް ރަނގަޅަކަށް ނުއެއް ފެނޭ މާސްކް އެޅުމުން. އެއީ ރައްކާތެރިކަމަށް މަޖުބޫރު ވެގެން އަޅާ އެއްޗެއް. އެހެންވީމަ ޑިޒައިން ކުރާއިރު، ރަނގަޅަށް ނުފެނުނަސް އެ ޑިޒައިނަށް ބަދަލު ގެނައުން ރައްކާތެރިއެއް ނޫން،" ޕްރި މެޗު ޕްރެސްގައި ޑިޝޭމްޕްސް ބުންޏެވެ.
ރޭ ގްރޫޕް ބީގައި އަލްބޭނިއާއަށް ސްޕެއިން ބަލި ނުކުރެވުމުން، ފްރާންސަށް މިހާރު އޮތީ ގަދަ 16 ޔަގީންވެފައެވެ. ފްރާންސުން ގްރޫޕް އެއްވަނަ ޔަގީންކުރަން ބޭނުންވަނީ ޕޮއިންޓެކެވެ. އެ ޕޮއިންޓް ހޯދަން އެ ޓީމުން މިރޭ ނުކުންނާނީ މިހާރުވެސް ކަޓާފައި އޮތް ޕޮލެންޑާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނަ އިރު، ގަދަ 16 އަށް އެމްބާޕޭ ތައްޔާރުކުރުމަކީ ކޯޗަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ.
"މެދަށް، އެއް އަރިމައްޗަށް، މިހެން ވަކި މަގާމަކަށް ކުޅުވައިގެން އެމްބާޕޭއަށް ނުރައްކާ ބޮޑެއް ނޫން. ހަމަ އެއް ވަރަކަށް ފިޒިކަލީ ޗެލެންޖުތަކާ ކުރިމަތިވާނެ، ކޮންމެ މަގާމަކަށް ކުޅުނު ނަމަވެސް. މާސްކް އެޅީމަ އިހުސާސްވާނީ ތްރީޑީ އައިނެއް އަޅައިގެން ހުންނަ އިހުސާސް. އެހެންވީމަ އެކަމަށް ހޭނެން ޖެހޭނީ." ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސާއެކު ޔޫރޯ ކާމިޔާބުކޮށް، ކޯޗެއްގެ ގޮތުގައި އެ ކާމިޔާބީ ހޯދަން މަސައްކަތް ކުރާ ޑިޝޭމްޕްސް ބުންޏެވެ.
ޑިޝޭމްޕްސް ބުނީ ތަމްރީނުތަކުގައި މިހާރު އެމްބާޕޭ ފެންނަނީ ފިޓްކޮށް ކަމަށާއި އޭނާ ހުރީ ކުޅޭ ހިތުން ކެތްމަދުވެފައި ކަމަށެވެ. ނެދަލޭންޑްސްއާ ދެކޮޅަށްވެސް އެމްބާޕޭ ކުޅެން ބޭނުންވި ކަމަށް ޑިޝޭމްޕްސް ބުންޏެވެ.
ފްރާންސުން ޕޮލެންޑާ ދެކޮޅަށް ކުޅޭ ގްރޫޕްގެ ފަހު މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024