މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ ގްރޫޕް އޭގެ ފަހު މެޗުގައި ޑިފެންސް ކުރަން ފަހަތަށް ޖެހި ނުތިބޭނެ ކަމަށް ސްވިޒަލޭންޑްގެ ކޯޗު މުރާތު ޔަކިން ބުނެފިއެވެ.
ސްވިޒަލޭންޑާއި ޖަރުމަނުން ގްރޫޕް އޭގައި ގަދަ 16 އަށް އެންމެ ފުރުސަތު ބޮޑުކޮށް އޮތް އިރު، މެޗުން ބަލިނުވެ، ސްވިޒަލޭންޑަށް ގަދަ 16 ޔަގީން ކުރެވޭނެއެވެ. އަދި ބަލިވެއްޖެ ނަމަވެސް، އެޓީމު ކަޓާނީ ސްކޮޓްލޭންޑް ބޮޑު ތަފާތަކުން ހަންގޭރީ ކައިރިން މޮޅުވެއްޖެނަމައެވެ. މިރޭގެ މެޗުގައި ޖަރުމަނު ބަލިކޮށް، ސްވިޒަލޭންޑަށް ގްރޫޕްގެ އެއްވަނަވެސް ހޯދި ދާނެއެވެ.
މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްވިޒަލޭންޑްގެ ކޯޗު، ޔަކިން ބުނީ ޖަރުމަނަކީ މާ ވަރުގަދަ ޓީމަކަށް ބަލައިގެން ސްވިޒަލޭންޑުން ފަހަތަށް ފައިބާ ޑިފެންސް ކުރަން ނުތިބޭނެ ކަމަށެވެ.
"އަހަރެމެން ގޮތުގައި އަހަރެމެން ކުޅެން ޖެހޭނީ. އަހަރެމެންނަށް ހަމައެކަނި ޑިފެންސަށް ފޯކަސް ކޮށްގެން ފަހަތަށް ޖެހި ނުތިބެވޭނެ. އަހަރެމެން ޖެހޭނެ ކުރިއަށް ޖެހި ކުޅެންވެސް. އޭރުން ޖަރުމަނުގެ އެޓޭކް ކޮންޓްރޯލް ކުރެވޭނީ،" ޔަކިން ބުންޏެވެ.
ޔަކިން ޕްރީ މެޗު ޕްރެސްގައި އިއްޔެ ބުނީ ޖަރުމަނުގައި މިހާރު ހުރި، އުމުރުން އެންމެ 36 އަހަރުގެ ކޯޗަކީ ތަފާތު މޮޅު ކޯޗެއް ކަމަށެވެ. ހާއްސަކޮށް ނަގެލްސްމަން ގެންގުޅޭ ސްޓައިލް ވަރަށް ބޮޑަށް ކަމުދާ ކަމަށާއި ޓީމުން ކުރާ ކޮންމެ މޫވްއެއް ކުރަނީވެސް ޕްލޭނަކާ އެކުގައި ކަމަށް ޔަކިން ފާހަގަކުރިއެވެ.
ސްވިޒަލޭންޑުން އެންމެފަހުން މުބާރާތެއްގައި ޖަރުމަނު ބަލިކުރީ 1938 ވަނަ އަހަރުއެވެ. އެހެންކަމުން ތާރީހު އޮތީ ޖަރުމަނު ކޮޅަށް ބުރަވެފައެވެ. މިރޭ ސްވިޒަލޭންޑާއި ޖަރުމަނު ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024